15 Oct 2022, 14:16
އއ. މާޅޮހުގެ ދެކުނުން ލޯންޗެއް ބަންޑުން ޖަހާލާ ހިނގި ހާދިސާގައި ގެއްލުނު ސ. ހިތަދޫ، މިންހާޖު މުހައްމަދު، 28، އާއެކު އެ ލޯންޗުން ދަތުރުކުރި ޅ. ހިންނަވަރު، އަލީ މުހައްމަދު އެމީހުންގެ ދަތުރާ ބެހޭގޮތުން ދެނީ ސައްހަ މައުލޫމާތެއް ނޫން ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މި މަހުގެ ހަ ވަނަ ދުވަހު 13:00 ހާއިރު މާލެއިން ފުރައިގެން އުކުޅަހަށް ދަތުރުކުރި ލޯންޗެއްގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ވަނީ ރިޕޯޓް ކޮށްފައެވެ.
އެ ލޯންޗުން ދަތުރުކުރީ ދެ ފިރިހެނުން ކަމަށްވާއިރު މިދިޔަ މަހުގެ ހަތް ވަނަ ދުވަހު އެ ލޯންޗު ބަންޑުންޖަހާލާފައި އޮއްވައި އއ. މާޅޮސް ކައިރިން ވަނީ ފެނިފައެވެ.

ފުލުހުން ތަހުގީގުކުރަމުންދާ ތިން މައްސަލައަކާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
އެ ލޯންޗުން ދަތުރުކުރި މިންހާޖު އަދިވެސް ފެނިފައިނުވާއިރު އޭނާއާއެކު ދަތުރުކުރި އަލީ ވަނީ އއ. ފެރިދޫ ފުއްޓަރާ ދިމާލުން ފެނިފައެވެ.
ފުލުހުން ތަހުގީގުކުރާ ތިން މައްސަލައަކާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެެއްގައި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ހެޑް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ ލޯންޗު ބަންޑުން ޖަހާލި ހާދިސާގެ ތަހުގީގު ދަނީ ކުރިއަށް ކަމަށެވެ.
އެގޮތުން މިމަހުގެ ފަސް ވަނަ ދުވަހު މިންހާޖަށް ވީނުވީއެއް ނޭނގިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ރައްޓެހިންނާއި އާއިލާގެ މީހުންގެ ބަޔާން ނަގައި ފުލުހުން ދިޔައީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުން ތަހުގީގުކުރަމުންދާ ތިން މައްސަލައަކާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
"ރިޕޯޓް ލިބުނު ދުވަހުން ފެށިގެން މިންހާޖްގެ އާއިލާއަށާއި އެކުވެރި ރައްޓެހި ރަހުމަތްތެރިންނަަށް ގުޅައި އަޅުގަނޑުމެން ދިޔައީ މައުލޫމާތު ހޯދަމުން،" އޭނާ ވިދާޅުވިއެވެ.
ބަޝީރު ވިދާޅުވީ ލޯންޗުގައި މިންހާޖާއެކު ދަތުރުކުރި އަލީ ކައިރިން ސާފުކުރަން ޖެހޭ މައުލޫމާތު ސާފުކުރުމަށް ފަހު ފުލުހުން މިންހާޖު ހޯދުމުގެ މަސައްކަތް އިތުރަށް ފުޅާކުރި ކަމަށެވެ.
އެގޮތުން މެރިން ޕޮލިސް އާއި އއ. އަތޮޅުގެ ޕޮލިސް ގުޅިގެން ލޯންޗު ބަންޑުން ޖަހާލި ސަރަހައްދުން ސާޗް އެންޑް ރެސްކިއުގެ އޮޕަރޭޝަންތަކެއް ފެށި ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު ފުލުހުންގެ ހާއްސަ ތަހުގީގު ޓީމެއް އެކުލަވައިލައި އއ. އަތޮޅަށް ފޮނުވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެ ޓީމުގައި ސީރިއަސް އެންޑް ކްރައިމް ޑިޕާޓްމަންޓާއި ސެންޓްރަލް ޕޮލިސިން ކޮމާންޑްގެ މާފަންނު ޕޮލިސްގެ އިންވެސްޓިގޭޝަން އޮފިސަރުން ހިމެނޭ،" އޭނާ ވިދާޅުވިއެވެ.

ފުލުހުން ތަހުގީގުކުރަމުންދާ ތިން މައްސަލައަކާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
އޭނާ ވިދާޅުވި ގޮތުގައި 78 ގަޑިއިރުގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނަށް ފަހު، މިންހާޖު ހޯދުމުގެ މަސައްކަތް މިވަގުތަށް ވަނީ ހުއްޓައިލައިފައެވެ.
ނަމަވެސް ތަހުގީގުގައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި ސާފުކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ވެސް ބަޝީރު ވިދާޅުވިއެވެ.
"ފުލުހުންނަށް އެކި ގޮތްގޮތަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި އެމީހުންގެ އެ ދަތުރާ ގުޅިގެން އަލީ އަހުމަދުގެ ފަރާތުން ލިބެމުންދަނީ މުޅިން ސައްހަ މައުލޫމާތު ކަމަށް އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ،" އޭނާ ވިދާޅުވިއެވެ.
އެ ލޯންޗު ބަންޑުން ޖަހާލީ މަހަށް ނިކުމެ އުޅެނިކޮށް ކަމަށް އަލީ ބުނި ކަމަށް ބަޝީރު ވިދާޅުވިއެވެ.
ނަމަވެސް ލޯންޗު ބަންޑުން ޖަހާލި ހިސާބާއި އޭގައި ވަރަށް ގިނަ އަދަދަކަށް ތެޔޮ ހުރުން ފަދަ ކަންކަމާ ހުރެ، އެ ދަތުރާ ގުޅިގެން އަލީ ދެނީ ސައްހަ މައުލޫމާތު ނޫން ކަމަށާއި އޭނާގެ ވާހަކަތަކުގައި ޝައްކުތަކެއް އުޅޭ ކަމަށް ބަޝީރު ވިދާޅުވިއެވެ.

ފުލުހުން ތަހުގީގުކުރަމުންދާ ތިން މައްސަލައަކާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
"އަލީ ބުނެފައިވަނީ މަހަށް ނިކުމެ އުޅެނިކޮށް ލޯންޗުގެ އިންޖީނު ހުއްޓުނީ ކަމަށް. އަދި ކަނޑުގަދަވެގެން ލޯންޗު ބަންޑުން ޖަހާލީ ކަމަށް. ހަމައެއާއެކު އޭނާއާ އެކު އުޅުނު މީހާ ވެސް ކަނޑުގައި ރޭގަނޑު އުޅުނު ކަމަށް. ނަމަވެސް ހެނދުނުވިއިރު ކައިރީގައި ފެންނަން ނެތް ކަމަށް،" ބަޝީރު ވިދާޅުވިއެވެ.
މިންހާޖު ހޯދުމަށް އެމްއެންޑީއެފްގެ ޑޯނިއާ މަތިންދާބޯޓުގައާއި ކޯސްޓްގާޑްގެ ލޯންޗުން ހިންގި އޮޕަރޭޝަން މިހާރު ހުއްޓަލައިފައި ވީ ނަމަވެސް ބަޝީރު މިއަދު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ.