15 Oct 2022, 16:45
އެކްޓްރެސް މަނޫޝީ ޗިއްލަރު 'ޓެހްރާން' ފިލްމުގެ ޝޫޓިން ނިންމަން 15 ދުވަސް ވަންދެން ނުނިދާ މަސައްކަތްކޮށްފިއެވެ.
ދެހާސް ސަތާރަ ވަނަ މިސް ވޯލްޑްގެ މަގާމު ހޯދި މަނޫޝީ ވަނީ އޭނާގެ ފުރަތަމަ ފިލްމުން މި އަހަރު ކުރީކޮޅު ފެނިފައެވެ. 'ސަމްރާތު ޕްރިތްވިރާޖް' އަށްފަހު ޖިއޯ ޕޮލިޓިކަލް ޑްރާމާ 'ޓެހްރާން'ގެ މަސައްކަތުގައި ގްލާސްގޯ އާއި މުމްބާއި އަދި ދިއްލީގައި އޭނާ ގިނަ ދުވަސްތަކެއް ވަންދެން ނުނިދާ ވަނީ މަސައްކަތްކޮށްފައެވެ. ޓެހްރާންގައި އޭނާ ފެންނަނީ ފުރަތަމަ ފިލްމުގައި ފެނުނު ރޯލާ މުޅިން ތަފާތު ރޯލަކުންނެވެ.
މި ޝޫޓިންތަކާ ގުޅިގެން މަނޫޝީ ބުނީ، ކޮންމެ ޕްރޮޖެކްޓަކުންވެސް އެތައް ކަމެއް ދަސްކުރަން ބޭނުންވާ ކަމަށާއި އޯޑިއަސްގެ ހިތާއި ސިކުނޑީއާ ކުޅެލެވޭނެ ވަރުގެ ހުށަހެޅުމެއް ދައްކުވައިދޭން އެކްޓްރެސްއެއްގެ ގޮތުގައި ބޭނުންވާ ކަމަށެވެ. އަދި ޓެހްރާން އަކީ އެފަދަ ފިލްމެއް ކަމަށް އޭނާ ބުންޏެވެ.
"ޓެހްރާން އަކީ ވަރަށް ތަފާތު ތަޖުރިބާއެއް. ކޮންމެ ދުވަހަކު އައު ކަމެއް ދަސްވޭ. ޝޫޓިން ނިންމަން 15 ދުވަސްވަންދެން ނުނިދާ މަސައްކަތް ކުރިން. މިއީ ހަޔާތުގައި މިހާ ގިނަ ދުވަސްތަކެއް ވަންދެން ނުނިދާ ހުރެ ޝޫޓު ކުރި ފުރަތަމަ ފަހަރު. ކޮންމެ ރެއެއްވެސް މަޖާ" ޕިންކްވިލާ އަށް ދިން އިންޓަވިއުގައި މަނޫޝީ ބުނެއެވެ.
އެކްޝަން ތުރިލާ ފިލްމު 'ޓެހްރާން' އަކީ ހަގީގީ ކަންތައްތަކަށް ބިނާކޮށް ދިނޭޝް ވިޖަންގެ 'މެޑޮކްސް ފިލްމްސް' އިން ގެނެސްދޭ ފިލްމެކެވެ. މި ފިލްމުގައި މަނޫޝީ އާއެކު ޖޯން އަބްރަހަމް ފެންނާނެއެވެ.