އާނަންދު އެލް ރާއިގެ އައު ފިލްމުގެ ލީޑް ފިރިހެން ތަރިއަކަށް ވިކީ ކޯޝަލް ހަމަޖައްސައި ޝޫޓިން އަންނަ އަހަރު ފެށުމަށް ތައްޔާރުވެއްޖެއެވެ.

'ތަންނޫ ވެޑްސް މަންނޫ' އާއި 'ޒީރޯ' ފަދަ ލޯބީގެ ފިލްމުތައް ގެނެސްދީފައިވާ ޑައިރެކްޓަރު އާނަންދު އޭނާގެ އައު ފިލްމަށް ވިކީ ކޯޝަލް ވަނީ ކާސްޓުކޮށްފައެވެ. ޕިންކް ވިލާ އަށް ދިން އިންޓަވިއުއެއްގައި ނަން ހާމަ ނުކުރާ ސޯސްއެއް ބުނެފައިވަނީ 'މަންމަރުޒިޔާން' ފިލްމަށްފަހު ވިކީ އާއި އާނަންދު ވަރަށް ގާތް ކަމަށާއި އެކުގައި މަސައްކަތް ކުރަން ބޭނުންވެފައި ތިބި ކަމަށެވެ. އަދި، އައު ލޯބީގެ ވާހަކައެއް ގެނެސްދޭން ނިންމާފައިވާތީ އެ ފިލްމަށް ވިކީ ކާސްޓުކުރީ ކަމަށެވެ.

މި ފިލްމުގެ ސްކްރިޕްޓުގެ މަސައްކަތް އަދި ކުރަމުން އަންނައިރު، ފިލްމުގެ ލީޑް ތަރީގެ ރޯލު ވެސް އަދި އޮތީ ސިއްރެއްގެ ގޮތުގައެވެ. ބައެއް ހަބަރުތައް ބުނާގޮތުގައި މި ފިލްމުގައި ވިކީ އާއެކު އޭނާގެ އަންހެނުން ކެޓްރީނާ އަށްވެސް މަސައްކަތް ކުރުމުގެ ފުރުސަތު ދީފާނެއެވެ. މި ދެ ތަރިން އެކުގައި މަސައްކަތް ކުރަން ބޭނުންވާ ކަމަށް ވަނީ މީގެ ކުރިން އެކި އިންޓަވިއުތަކުގައި ބުނެފައެވެ. މި ފިލްމުގެ ޝޫޓިން އަންނަ އަހަރު މެދު ތެރޭ ފަށާނެ ކަމަށް ހަބަރުތައް ބުނެއެވެ.

ވިކީ މިހާރު ކުރަމުންދަނީ މެގްނާ ގުލްޒާރްގެ ބައޯޕިކް ފިލްމުގެ މަސައްކަތެވެ. މީގެ އިތުރުން، އަދިތުޔާ ދަރް ޑައިރެކްޓު ކުރާ 'ދަ އިމޯޓަލް އަޝްވައްތަމާ'ގެ މަސައްކަތްވެސް އޭނާ ދަނީ ކުރަމުންނެވެ. ވިކީގެ ފިލްމުތަކުގެ ތެރެއިން އެންމެ އަވަހަށް ރިލީޒް ކުރަން ހަމަޖެހިފައިވަނީ ކްރިޝްނާ އަޗަރްޔާގެ 'ގޯވިންދާ ނާމް މެރާ' އާއި ލަކްސްމަން އުޓެކާރްގެ ފިލްމެކެވެ. ލަކްސްމަން އުޓެކާރްގެ ފިލްމުގެ ނަން އަދި ހާމަކޮށްފައި ނުވެއެވެ.