16 Oct 2022, 08:26
ނެޓްފްލިކްސްގެ 'ދަ ކްރައުން'ގެ ސީޒަން ފަހެއްގައި ފެންނާނެ މަންޒަރުތަކުގެ މުޅިން އައު ފޮޓޯތަކެއް ނެޓްފްލިކްސްއިން ދައްކާލައިފިއެވެ.
މި ފޮޓޯތަކުން ފެންނަނީ ޕްރިންސެސް ޑަޔާނާ ހަފުލާއަކަށް ދާއިރު އިސްދަށަށް ޖަހައިގެން ހުންނަ މަންޒަރާއި ޕްރިންސް ޗާލްސްއާއި އޭނާގެ ލޯބިވެރިޔާ ކެމިލާ ޕާކާ އެކުގައި ފެންނަ މަންޒަރެކެވެ. މީގެ އިތުރުން، ޑަޔާނާ އާއި ޗާލްސް ދެ ދަރިންނާއެކު ކުޑަ ލޯންޗެއްގައި ޗުއްޓީ ހޭދަކުރާ މަންޒަރުވެސް ފޮޓޯތަކުން ފެނެއެވެ.
ޕްރިންސެސް ޑަޔާނާގެ ރޯލު ކުޅޭ އެލިޒަބެތު ޑެބިކީ ބުނި ގޮތުގައި މި ސީޒަން އުފައްދާފައި ވަނީ ޝާހީ އާއިލާގެ ގިނަ އަދަދެއްގެ ވީޑިއޯތަކާއި ފޮޓޯތައް ބަލައިގެންނެވެ.

ސީޒަން ފަހެއްގައި ޕްރިންސަސް އޮފް ވޭލްސް ޑަޔާނާ --
"ނުވަދިހައިގެ އަހަރުތައް ވީމާ ކޮންމެ ކަމެއް ފިލްމު ކުރެވި 24 ގަޑިއިރު ހަބަރުގެނެސްދޭ. އެހެންވީމަ އަހަރުމެންނަށް ބޭނުންވާ ވަރަށް އެ ދުވަސްވަރުގެ ފޮޓޯތައް ލިބުނު. އަދި ޑަޔާނާ އަކީ އެދުވަސްވަރު އެންމެ ގިނައިން ފޮޓޯ ނަގާފައިވާ މީހާ،" ވެރައިޓީއަށް ދިން އިންޓަވިއުގައެއްގައި އެލިޒަބެތު ބުނެފައިވެއެވެ.
އިނގިރޭސިވިލާތުގެ ރާނީ ކުއީން އެލިޒަބެތުގެ ހަޔާތުގެ މައްޗަށްް ބިނާކޮށް އެންޑްރިއު އީޓަން އުފައްދާފައިވާ މި ސީރީޒްގައި ދައްކުވައިދެނީ ހަގީގީ ހާދިސާގެ މައްޗަށް ބިނާކޮށް ކުޅެފައިވާ މަންޒަރުތަކެވެ.

ސީޒަން ފަހެއްގައި ޑަޔާނާ އާއި ޗާލްސް --
ސީޒަން ފަހެއްގައި ދައްކުވައިދޭނީ، 1990ގެ މެދުތެރެއިން، ޕްރިންސް ޗާލްސް އާއި ޑަޔާނާގެ ހަޔާތުގެ ވާހަކަތަކެވެ.
ކްރައުންގެ ހަވަނަ ސީޒަންގައި ފެންނާނީ ރާނީ އެލިޒަބެތުގެ ރަސްކަމުގެ 2000ގެ ކުރީކޮޅާއި ޑަޔާނާގެ މަރުގެ ހާދިސާއާއި އެއަށްފަހު ހިނގި ކަންތައްތަކެވެ.
'ދަ ކްރައުން'އަކީ އެކި ފަހަރުމަތިން ގޯލްޑަން ގްލޯބްސް އާއި އެމީސް އަދި ބަފްޓާ އެވޯޑަށް ނޮމިނޭޓްވެ، އޭގެ ތެރެއިން ބައެއް އެވޯޑު ލިބިފައިވާ ކާމިޔާބު ސީރީޒްއެކެވެ.