03 Apr 2012, 16:44
ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށް ބޭއްވުމަށް ހަމަޖެހިފައިވާ "ދެ ވަނަ ކެރަމް އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2011" މި މަހުގެ 15 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ކެރަމް އެސޯސިއޭޝަނުން ބުނެފި އެވެ.
މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ކުޅުމަށް ހަމަޖެހިފައިވާ އިވެންޓުތަކަކީ ފިރިހެން ސިންގަލް، އަންހެން ސިންގަލްސް، ފިރިހެން ޑަބަލްސް، އަންހެން ޑަބަލްސް އަދި މިކްސްޑް ޑަބަލްސް އިވެންޓުގެ އިތުރުން އޯޕަން ސިންގަލް އިވެންޓެވެ. އޯޕަން ސިންގަލްސް އިވެންޓަކީ 2011 ވަނަ އަހަރު މި މުބާރާތުން ދިވެހި ކެރަމަށް ތައާރަފްކޮށްފައިވާ އިވެންޓެއްކަން ފާހަގަކުރެވެ އެވެ. އަންހެން އަދި ފިރިހެން ކުޅުންތެރިން ހަމަހަމަ ގޮތެއް ވާދަކުރާ މި އިވެންޓަކީ މި މުބާރާތުގެ އެންމެ ފޯރިގަދަ އަދި އެންމެ މުހިއްމު އިވެންޓެވެ.
ކެރަމް އެސޯސިއޭޝަނުން މައުލޫމާތު ދެއްވި ގޮތުގައި ކެރަމް ހޯލުންނާއި ކެރަމް އެސޯސިއޭޝަންގެ އޮފީހުން މުބާރާތުގައި ބައިވެރި ވުމުގެ ފޯމު މިހާރު ލިބެން ހުނާނެ އެވެ. މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 12 އެޕްރީލް 2012 ވާ ބުރާސްފަތި ދުވަހުގެ ރޭ 23:00 އެވެ.
މިދިޔަ އަހަރު ބޭއްވި އެއް ވަނަ ކެރަމް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އޯޕަން އިވެންޓުގެ ޗެމްޕިއަންކަން ހޯދީ އަހަމްދު ހާމިދު އެވެ. ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ޝާފީ މުހައްމަދެވެ. އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އައިޝަތް ޝަޒްނާ އެވެ. ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހުސެއިން ނީޝާމާއި މުހައްމަދު މުންތަސިރު ހޯދި އިރު އަންހެން ޑަބަލް ޗެމްއިންކަށް ހޯދީ އައިޝަތް ޝަޒްނާ އާއި އައިޝަތް ޒުލްފިޝާނެވެ. މިކްސްޑް ޑަބަލް ޗެމްޕިއަންކަން ހޯދާފައި ވަނީ ޝާފީ މުހައްމަދާއި އަފީފުއްނިސާ އެވެ. އަދި އެ މުބާރާތުގެ އެންމެ އުއްމީދީ ފިރިހެން ކުޅުންތެރިޔާގެ މަޤާމު އަލީ އަކްރަމް އެވެ. އަދި އެންމެ އުއްމީދީ އަންހެން ކުޅުންތެރިޔާގެ މަޤާމު ހޯދީ އައިޝަތް ޒުލްފިޝާނެވެ.