ނޯތު ކެރޮލައިނާ (15 އޮކްޓޯބަރު 2022): އެމެރިކާގައި އާންމުކޮށް ހިންގަމުންގެންދާ ޖަރީމާއެއްކަމަށްވާ އާންމުންގެ ގަޔަށް ބަޑިޖަހައި މީހުން މެރުމުގެ ހާދިސާތަކުގެ ތެރެއިން ހާދިސާއެއްގައި އަނެއްކާވެސް ފަސް މީހަކު މަރާލައިފިއެވެ.

މިފަހަރު މިހާދިސާ ހިންގާފައިވަނީ އެމެރިކާގެ ދެކުނު އިރުމަތީގެ ސްޓޭޓެއް ކަމަށްވާ ނޯތު ކޮރެލައިނާގެ ވެރިރަށް ރެލީގައެވެ. ރެލީގައި ބަޑިހިފައިގެން ހުރި މީހަކު މިޖަރީމާ ހިންގާފައިވަނީ އާންމުކޮށް ގިނަ ބަޔަކު ހިނގާލައި ފިނިބުރު ޖަހާލަން ގޮސްއުޅޭ ސަރަހައްދެއް ކަމަށްވާ ނުއޭސް ރިވާ ގްރީންވޭގައެވެ. ހަތިޔާރު ހިފައިގެން ހުރި މީހާވަނީ އާންމުންނަށް އަމާޒުކޮށް އެތައް ފަހަރަކު ބަޑިން ހަމަލާތައް ދީފައެވެ.

އެހަމަލާތަކާއެކު ރިވާ ގްރީންވޭ ސަރަހައްދުގައި ތިބި މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި، މަރުން ސަލާމަތްވުމަށްޓަކައި މީހުން ކޮޅުކޮޅަށް ދުވާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ބަޑިޖެހުމުގެ މިހާދިސާގައި ފަސް މީހުން މަރުވުމުގެ އިތުރުން އެތައް ބަޔެއްގެ ގަޔަށް ބަޑީގެ ހަމަލާތައް އަރައި ޒަޚަމްވެސްވިއެވެ.

ސްކޫލްތަކާއި ޔުނިވާސިޓީތަކާއި ޝޮޕިންގް މޯލްފަދަ ތަންތަނުގައި އާންމުންނަށް އަމާޒުކޮށް ބަޑި ޖެހުމަކީ އެމެރިކާގެ ހަތިޔާރު ހިފައިގެން އުޅޭ އާންމުން ވަރަށް ގިނައިން ހިންގާ ޖަރީމާތަކެކެވެ. މިޖަރީމާތައް ހުއްޓުވުމުގައި އެމެރިކާގެ ސްޓޭޓްތަކުގެ ފުލުހުންނާއި ފެޑްރަލް ފުލުހުން ނާކާމިޔާބުވެފައިވާއިރު ބަޑި ގެންގުޅުން މަނާކުރުމަށް އެމެރިކާ ސަރުކާރުން ކުރާ މަސައްކަތްތަކަށް ކޮންގްރެސްއިން ވަނީ ހުރަސް އަޅާފައެވެ.

އެމެރިކާގައި ވަރަށް ގިނައިން ހިންގަމުން ގެންދާ މިފަދަ ހާދިސާތަކާއެކު އެމެރިކާގެ މަގުތަކާއި ސްކޫލްތަކާއި ޔުނިވާސިޓީތަކާއި ޝޮޕިންގް މޯލްތައް މިހާރުވަނީ ބިރުވެރި އަދި އަމާންކަން ނެތް ތަންތަނަށް ބަދަލުވެފައެވެ.

މިއަހަރު ތެރޭގައި އެމެރިކާގެ އެކި ސްޓޭޓްތަކުގައި ހިންގާފައިވާ މިބާވަތުގެ ހަމަލާތަކުގައި މިހާތަނަށް 34000އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ލައްކަ ބަޔަކު ޒަޚަމްވެފައިވާ ކަމަށް އެމެރިކާގެ ޖިނާއީ ތަހުގީގުތަކާބެހޭ ފެޑްރަލް އިދާރާ، އެފްބީއައި، އިން ބުނެފައިވެއެވެ.

ނޯތު ކޮރެލައިނާގެ ވެރިރަށް ރެލީގައި އިއްޔެ ހިންގި ބަޑިޖެހުމުގެ މިހާދިސާގައި އެސްޓޭޓްގެ ފުލުހުންގެ އޮފިސަރަކު މަރުވެ އިތުރު އޮފިސަރަކު ޒަޚަމްވިއެވެ. ނަމަވެސް އެތައް ބަޔަކު މަރާލިފަހުން ފުލުހުންވަނީ ހަމަލާ ދިން މީހާ ހައްޔަރު ކޮށްފައެވެ.

އެމެރިކާގެ ފެޑްރަލް ސަރުކާރުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެމެރިކާގެ އާންމުންގެ އަތުގައި 400 މިލިޔަނަށް ވުރެ ގިނަ ބަޑި އެބަހުއްޓެވެ. އެއީ ބޮލަކަށް ޖެހޭވަރަށް ބަލާނަމަ އެމެރިކާގެ ކޮންމެ 100 މީހަކަށް 120 ބަޑިއެވެ. ބަޑިގެންގުޅެން ފޯރިހުންނަނީ އެމެރިކާގެ ބާރާއި ނުފޫޒު ގަދަ މުއްސަނދިންނެވެ.