15 Oct 2022, 00:49
ރާއްޖޭގެ ބޯހިޔާވަހިކަމުގެ ސިޔާސަތު މިހާރު ބައްޓަންވެފައި އޮތީ ދައުލަތަށް ބުރަ ބޮޑުވާ ގޮތަށް ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.
ރާއްޖެއާ ބެހޭގޮތުން ވޯލްޑް ބޭންކުން ނެރެފައިވާ "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް" ރިޕޯޓްގައި ބުނެފައިވަނީ، ރާއްޖޭގެ ހައުސިން މަޝްރޫއުތައް ހިންގުމަށް ރާއްޖެއިން ބޭރުން ނަގާފައިވާ ދަރަނީގެ އަދަދު އެއް ބިލިއަން ޑޮލަރަށް އަރާއިރު، މިއީ 2020 ވަނަ އަހަރުގެ ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުގެ 19 އިންސައްތަކަމަށެވެ.
ވޯލްޑް ބޭންކުން ނެރެފައިވާ މި ރިޕޯޓުގައި ބުނެފައިވަނީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބައްޓަންވެފައި އޮތްގޮތް ބަދަލުކުރަން ޖެހޭކަމަށެވެ. ނޫންނަމަ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ އަދަދު އިންތިހާއަށް މައްޗަށް ހިނގައިދާނޭކަމުގެ އިންޒާރު ވޯލްޑްބޭންކުން ވަނީ ދީފައެވެ.
މި ރިޕޯޓްގައި ވޯލްޑް ބޭންކުން ވަނީ މިސާލެއްގެ ގޮތުން ހިޔާ މަޝްރޫއުގެ ވާހަކަ ވަރަށް ތަފްސީލީގޮތެއްގައި ހިމަނާފައެވެ.
ހިޔާ މަޝްރޫއުގެ މަސައްކަތަށް 10 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވެފައިވާއިރު، މިއީ މިފަދަ މަޝްރޫއަކަށް ބޮޑު އަދަދެއްކަމަށް ވޯލްޑް ބޭންކުން ވަނީ ފާހަގަކޮށްފައެވެ. އަދި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް (ޕީޕީޕީ) ނުވަތަ ސަރުކާރާއި އަމިއްލަ މުއައްސަސަތަކާ ދެމެދު ހަދާ ދިގު މުއްދަތުގެ އެއްބަސްވުންތަކުގެ ދަށުން ގެދޮރުވެރިކުރުވުމުގެ މަޝްރޫއުތައް ކުރިއަށް ގެންދެވިއްޖެ ނަމަ ދަރަނީގައި ބޮޑެތި އަދަދުތަކުގައި ނުޖެހި މިކަން ކުރިއަށްގެންދެވޭނެ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.
ތަފާތު ފަންތީގެ މީހުންނަށް ހިޔާ ފްލެޓުތައް ދީފައިވާއިރު، އެ ހުރިހާ ފަރާތްތަކަކަށްވެސް ފްލެޓްތަކުގެ އަގުތައް ކަނޑައަޅާފައި ހުރީ އެއް އަގަކަށްކަން މި ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. އަދި ފްލެޓަށް މަހުންމަހަށް ދައްކަންޖެހޭ ފައިސާގެ އަދަދު ދަށްކޮށް، ދައުލަތުން ފްލެޓުގެ ސަބްސިޑީގެ ގޮތުގައި ބޮޑު އަދަދެއް ހޭދަކުރަމުން އަންނަ ކަމަށްވެސް މި ރިޕޯޓްގައި ބުނެފައިވެއެވެ.
މިހާބޮޑު ސަބްސިޑީއެއް ދެމުން އަންނަ އިރުވެސް ފްލެޓަށް ފައިސާ ނުދައްކާ މީހުންގެ ނިސްބަތުން އިތުރެވެ. ވޯލްޑް ބޭންކްގެ ރިޕޯޓްގައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ހުޅުމާލޭ ފޭސް ދެއަކުން 6338 ފްލެޓް އާއްމުނަށް ދޫކޮށްފައިވާއިރު، 2345 ފްލެޓަށް ކުލި ނުދައްކައެވެ. މިއީ 37 އިންސައްތައެވެ. މީގެ އިތުރުން ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ދޫކޮށްފައިވާ ފްލެޓުތަކުންވެސް 800 އަށްވުރެ ގިނަ މީހުން ކުލި ނުދައްކައެވެ.
ކުލި ނުދެއްކުމުން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ފިޔަވަޅު އެޅެން އޮންނަ ނަމަވެސް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ފިޔަވަޅު އަޅައި ލިބެންޖެހޭ ކުލި ހޯދަމުން ނުދާކަމަށްވެސް ވޯލްޑް ބޭންކްގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
ވޯލްޑް ބޭންކުގެ ރިޕޯޓުގައި މިހެން ފާހަގަކުރިއިރު، ދާދިފަހުން އެޗްޑީސީން ވަނީ ހިޔާ ފްލެޓަށް ކުލި ނުދައްކާނަމަ ޖޫރިމަނާ ކުރާނޭކަމުގެ އިންޒާރުދީފައެވެ. ނަމަވެސް އަދާ ހަމަޔަށް އައި އިރުވެސް ކުލި ނުދައްކައިގެން އެއްވެސް ބަޔަކު ޖޫރިމަނާ ކުރިކަމެއް އެޗްޑީސީއަކުން ނުބުނެއެވެ.