15 Oct 2022, 00:00
މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ޒުވާން މިޑްފީލްޑަރު ފިލް ފޯޑެން އެ ޓީމުގައި ދިގު މުއްދަތަކަށް މަޑުކުރަން ނިންމައިފިއެވެ.
ފުޓުބޯޅައިގެ މަޝްހޫރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ ބުނިގޮތުގައި ފޯޑެން ވަނީ 2027 ވަނަ އަހަރާ ހަމައަށް ސިޓީގައި މަޑުކުރަން އެއްބަސްވެފަައެވެ.
ފިލް ފޮޑެން ވަނީ މިހާރު ސިޓީއާއެކު އާ އެއްބަސްވުމެއްގައި ސޮއިކޮށްފައެެވެ.
އެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފޯޑެން ބުނީ މިއީ އޭނާ ދެކެމުން އައި ހުވަފެނެއް ކަމަށެވެ.
އޭނާއަކީ އަބަދުވެސް ސިޓީގެ ސަޕޯޓަރެއްކަމަށާއި، އެ ކުލަބުދެކެ ވަރަށް ލޯބިވާކަމަށް ފޯޑެން ބުންޏެވެ.
"އެހެންވީމަ އަހަންނަށް އެނގޭ 2027 ވަނަ އަހަރާ ހަމައަށް އަހަންނަކީ މި ޓީމުގެ ބައެއްކަން،" ފޯޑެން ބުންޏެވެ.
ސިޓީގައި ވޭތުވެދިޔަ ދެތިން ސީޒަނުގައި އަދި މި ސީޒަނުގައި ވެސް ފޯޑެން ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. މި ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅެ އޭނާ ވަނީ ރެކޯޑެއް ވެސް ހަދައިފައެވެ. އަދި 1970 ވަނަ އަހަރަށް ފަހު ޔުނައިޓެޑް ކޮޅަށް ހެޓްރިކް ހެދި ދެވަނަ ކުޅުންތެރިއަކަށް އޭނާ ވަނީ ވެފައެވެ.
އޭނާ ވަނީ ޕްރިމިއާ ލީގުގެ މި ސީޒަންގައި ނުވަ މެޗު ކުޅެ ހަ ގޯލު ޖަހައި ތިން ގޯލު ޖެހުމަށް އެހީތެރިވެދީފައެވެ. ނިމިދިޔަ ޕްރިމިއާ ލީގް ސީޒަނުގައި ފޯޑެން ވަނީ ނުވަ ގޯލު ޖަހައި ފަސް ގޯލު ޖެހުމަށް އެހީތެރިވެދީފައެވެ.
މެންޗެސްޓާ ސިޓީގެ އެކެޑަމީން ތަމްރީނުވެގެން ސިޓީގެ ޓީމާ ގުޅުނު އުމުރުން 22 އަހަރުގެ ފޯޑެން ވަނީ 106 މެޗު ކުޅެދީ 30 ގޯލު ސިޓީއަށް ޖަހައިދީފައެވެ. އަދި އިނގިރޭސި ގައުމީ ޓީމަށް އޭނާ ވަނީ 18 މެޗު ކުޅެ ދެ ގޯލު ޖަހައިދީފައެވެ.