14 Oct 2022, 23:09
މަޝްހޫރު ފިލްމް ސީރީޒް 'ހެރީ ޕޮޓާ'ގައި ހޮގްވާޓްސްގެ ގޭމްކީޕާ، ހެގްރިޑްގެ ރޯލު ކުޅެފައިވާ ރޮބީ ކޮލްޓްރޭން މަރުވެއްޖެއެވެ.
ކްރައިމް ޑްރާމާ، 'ކްރެކާ'ގައި ޑރ. އެޑީ ފިޓްޒްގެ ރޯލު ވެސް ކުޅެފައިވާ ސްކޮޓްލޭންޑަށް އުފަން ކޮލްޓްރޭން، 72، މިއަދު މަރުވެފައިވާ ކަމަށް އޭނާގެ އޭޖެންޓް ބެލިންޑާ ރައިޓް ބުންޏެވެ.
"އެންމެ ގިނަ ބަޔަކު ރޮބީ ހަނދާން ކުރާނީ ހެރީ ޕޮޓާ ފިލްމުތަކުގައި އޭނާ ކުޅެފައިވާ ރޯލް ހެގްރިޑްގެ ގޮތުގައި. އެ ރޯލަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް އުފާވެރިކަން ގެނެސްދިން ރޯލެއް،" ރައިޓް ބުންޏެވެ.
ރައިޓް ކޮލްޓްރޭން ސިފަކޮށްފައިވަނީ އެކްޓު ކުރަން މޮޅު، ވިސްނުންތޫނު ފަންނާނެއްގެ ގޮތުގައެވެ.
ކޮލްޓްރޭންގެ މަރާ ގުޅޭ ތަފްސީލެއް ރައިޓް ހާމައެއް ނުކުރެއެވެ. ނަމަވެސް ސްކޮޓްލެންޑުގެ ހޮސްޕިޓަލެއްގައި އޭނާއަށް ފަރުވާ ދިން ކަމަށާއި އެ ހޮސްޕިޓަލަށް ކޮލްޓްރޭންގެ އާއިލާއިން ޝުކުރު އަދާ ކުރި ކަމަށް ރައިޓް ބުންޏެވެ.
ކޮލްޓްރޭން މުނިފޫހިފިލުވުމުގެ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް އޭނާއަށް ވަނީ އިނގިރޭސި ރާނީ ދެއްވާ ދަ މޯސްޓް އެކްސެލެންޓް އޯޑަ އޮފް ދަ ބްރިޓިޝް އެމްޕަޔާ (އޯބީއީ)ގެ ޝަރަފު 2006 ވަނަ އަހަރު ދީފައެވެ. އަދި 2011 ވަނަ އަހަރު އޭނާއަށް ވަނީ، ސްކޮޓްލެންޑުގައި ފިލްމީ ދާއިރާގެ ހުނަރުވެރިން ފާހަގަކޮށްދޭ ބަފްޓާ ސްކޮޓްލެންޑް އެވޯޑް ވެސް ދީފައެވެ.