ދުނިޔޭގެ ގައުމުތަކުގެ ޕާލަމެންޓްތަކުގެ މެމްބަރުންނާ މެދު ރައްޔިތުންގެ މެދުގައި އިތުބާރު އުފެއްދުމަށް އދ. އާއި އިންޓަ ޕާލަމެންޓްރީ ޔޫނިއަން ]އައިޕީޔޫ[ އިން ގޮވާލައިފި އެވެ.

އދ. އާއި އައިޕީޔޫ ގުޅިގެން އިއްޔެ ނެރުނު ގްލޯބަލް ޕާލަމެންޓްރީ ރިޕޯޓްގައި ގޮވާލާފައި ވަނީ ޕާލަމެންޓްތަކާ މެދު ރައްޔިތުންގެ މެދުގައި އޮންނަ ނާޒުކު އިތުބާރަށް ސަމާލުކަންދީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށާއި ރައްޔިތުންގެ ބޭނުންތައް ދެނެގަތުމަށެވެ.

"ޕާލަމެންޓް މެމްބަރުންނަކީ، އެމީހުން ބަހުސްކުރާ، އިސްލާހުކުރާ އަދި ފާސްކުރާ ގާނޫނުތަކުގެ ނަތީޖާ ރައްޔިތުންނާ ގުޅިގެން އަންދާޒާ ކުރަން ތިބޭ ބައެއް، " ޔޫއެންޑީޕީގެ އެސޯސިއޭޓް އެޑްމިނިސްޓްރޭޓާ ރިބެކާ ގްރީންސްޕެން ވިދާޅުވެފައިވެ އެވެ.

އޭނާ އަދި ވިދާޅުވެފައި ވަނީ ރައްޔިތުން ހޮވާފައިވާ އެމީހުންގެ މަންދޫބުން، ސަރުކާރު ޒިންމާދާރު ކުރުވާކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް އެފަދަ ގުޅުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި ތަރައްގީގެ ކަންކަމުގައި އެ ގުޅުމުގެ މުހިއްމުކަން ހާއްސަ ގޮތެއްގައި ބޮޑުކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ޔޫގެންޑާގެ ވެރިރަށް ކަމްޕާލާގައި މިހާރު ކުރިއަށްދާ އައިޕީޔޫގެ 126 ވަނަ އެސެމްބްލީގައި އިއްޔެ ނެރުނު ރިޕޯޓް އުފެއްދުމުގައި ދުނިޔޭގެ 125 ޕާލަމެންޓަކުން 660 މެމްބަރުން ބައިވެރިވި އެވެ.

ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ޕާލަމެންޓްތަކާ މެދު ހިޔާލުހޯދުމަށް ހިންގި ތަފާތު ޕޯލްތަކުން އެނގިފައި ވަނީ ރަނގަޅަށް ގާއިމްވެފައިވާ ޑިމޮކްރަސީތަކާއި އާ ޑިމޮކްރަސީތަކުގައި ވެސް ޕާލަމެންޓްތަކަށް އޮންނަ ތާއީދު އަންނަނީ ކުޑަވަމުން ކަމަށެވެ.

ރިޕޯޓްގައި ވާގޮތުން އެމެރިކާ އާއި ލިތުއޭނިއާ ފަދަ ގައުމުތަކުގައި ޕާލަމެންޓްތަކަށް އޮތީ އެންމެ 10 ޕަސެންޓް އިތުބާރެވެ. އަދި އަރަބި ދުނިޔެ އާއި އޭޝިއާ ޕެސިފިކް ސަރަހައްދުގައި ވެސް ޕާލަމެންޓްތަކަށް އިތުބާރު އޮތީ އެ މިންވަރަށެވެ. ނަމަވެސް ސަބްސަހާރަން އެފްރިކާގެ ގައުމުތަކުގައި ޕާލަމެންޓްތަކަށް ރައްޔިތުންގެ އިތުބާރު އޮތް ކަމަށް ޕޯލްތަކުން ވަނީ އެނގިފަ އެވެ. އެ ގައުމުތަކުގައި ޕާލަމެންޓަށް 56 ޕަސެންޓް މީހުން އިތުބާރުކުރެ އެވެ.

އިއްޔެގެ ޖަލްސާގައި އައިޕީޔޫގެ ރައީސް އަބުދުލް ވާހިދު ރާދީ ވިދާޅުވެފައި ވަނީ އިންތިހާބުތަކުގައި ވޯޓްދޭ މީހުންނަށް އޮންނަ ކަމަކީ ހަމަ އެކަނި ވޯޓް ދިނުން ކަމަށް ބަލައިގެން މިހާރު ފުއްދާ ލެވޭކަށް ނެތް ކަމަށެވެ.

"އިންތިހާބުތަކުގައި ވޯޓްދޭ މީހުންނަށް އޮތް ހަމައެކަނި ކަމަކީ މަދު އަހަރުތަކެއް ފަހުން އަނެއްކާ ވެސް ވޯޓްލުން ކަމަށް ބަލައިގެން ފުއްދާލެވޭކަށް މިހާރަކު ނެތް، އެމީހުން އިންތިހާބުކުރާ ސިޔާސީ މުއައްސަސާއާ ކުރިއަށް ވުރެ ބޮޑަށް ޑިމޮކްރެޓިކް ގުޅުން އޮންނަން ވޯޓްލާ މީހުން ބޭނުންވޭ،" އަބުދުލް ވާހިދު ވިދާޅުވެފައިވެ އެވެ.

އައިޕީޔޫގެ ބައްދަލުވުމަށް ފޮނުއްވި މެސެޖްގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ވިދާޅުވެފައި ވަނީ އައިޕީޔޫގެ މިފަހަރުގެ ބައްދަލުވުމުގެ ތީމު ކަމަށްވާ "ޕާލަމެންޓްސް އެންޑް ދަ ޕީޕަލް، ބްރިޖިން ދަ ގެޕް" ]ޕާލަމެންޓްތަކާއި ރައްޔިތުން، ދުރުމިން ގާތްކުރުން[ އެއީ މިދިޔަ އަހަރު ކުރި މުޒާހަރާތަކަށް ބަލައި، ހާލަތާ ވަރަށް ގުޅޭ ގޮތަށް ދީފައިވާ ތީމެއް ކަމަށެވެ.

"ދެހާސް އެގާރަ ވަނަ އަހަރު ކުރި މުޒާހަރާތަކުގެ މާނަ އާއި ނަތީޖާތައް ތަފާތު ވެދާނެ، އެހެން ނަމަވެސް އެހުރިހާ މުޒާހަރާތަކެއްގެ ވެސް އުއްމީދުތައް އެއްގޮތް. އެއީ ދައުލަތުގެ މުއައްސަސާތައް ޒިންމާދާރުވުމާއި މީހުންގެ ގޮވުންތަކާއި އުއްމީދުތަކަށް އިޖާބަދޭ ތަންތަނަށް ހެދުން،" ބާންކީ މޫންގެ މެސެޖުގައިވެ އެވެ.

ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް މިހާރު ކޮންމެ ވެސް ވައްތަރެއްގެ ޕާލަމެންޓެއް އޮވެ އެވެ. އަދި މީގެ 50 އަހަރު ކުރިއާ އަޅާ ބަލާ އިރު އެ ހުރިހާ ތަނެއް ވެސް ހިނގަމުން ދަނީ ރަނގަޅު ވަސީލަތްތަކާ އެކު ޕްރޮފެޝަނަލް ކޮށެވެ.