ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމުން އެގައުމުން ރާއްޖޭގެ ސިޔާދަތަށާއި ސަރަހައްދީ އިމަށް ކުރާ އިޙުތިރާމް ވަރަށް ފުރިހަމައަށް ދައްކުވައިދޭ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެ އާއި ޗައިނާއިން ސިޔާސީ ގުޅުން ގާއިމު ކުރި ތާރީޚަށް މިއަދު 50 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް ޔާމީން ވަނީ އެގައުމުގެ ރައީސް ޝީ ޖިންޕިންއަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވާފައެވެ.

އެ މެސެޖުގައި ރައީސް ޔާމީން ވަނީ ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ޗައިނާ އޮތް އޮތުން ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ޗައިނާގެ އެހީގައި ގިނަ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން، 'ވަން ޗައިނާ' ސިޔާސަތަށް އަބަދުވެސް ތާއިދު ކުރައްވާނެ ކަމަށާއި ބޭރުގެ ނުފޫޒުން ޗައިނާގެ ރައްޔިތުންނާއި ގައުމުގެ އިން ރައްކާތެރިކުރުމުގެ ހައްގު އެއްވެސް ޝަރުތަކާ ނުލައި އެގައުމަށް ލިބިގެންވާކަން ގަބޫލު ކުރައްވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ހަމައެއާއެކު، މުސްތަގުބަލުގައި ރާއްޖެ އާއި ޗައިނާގެ ގުޅުން އިތުރަށް ވަރުގަދަ ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންތައްތަކުގައި އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުންދޭ މިންވަރު އިތުރު ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ދައުރުގައި ޗައިނާއާއެކު ތަރައްގީގެ ގިނަ އެއްބަސްވުންތަކެއްގައި ސޮއިކޮށް، ގިނަ މަޝްރޫއުތަކެއް ޗައިނާގެ އެހީގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއާއި ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު އެޅުމާއި ހިޔާ ފްލެޓުތައް އެޅުމުގެ މަޝްރޫއު ޗައިނާއާ ހަވާލުކޮށްފައި ވަނީ ރައީސް ޔާމީންގެ ދައުރުގައެވެ.

މިއަދު ފާހަގަކުރަމުންދާ މުނާސަބަތާ ގުޅިގެން ޗައިނާގެ ރައީސް ޝީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރާއްޖެ އާއި ޗައިނާއަކީ ސައިޒުން ތަފާތު ދެ ގައުމަށް ވީ ނަމަވެސް، ދެ ގައުމުން ވަނީ އެއް ބަޔަކު އަނެއް ބަޔަކު ހަމަހަމަ ކަމަށް ދެކި، ދެ ގައުމަށް ވެސް ފައިދާ ހުރި ގޮތްތައް ހޯދުމުގެ ރަނގަޅު މިސާލް ދައްކާފައި ކަމަށެވެ.

ޗައިނާ އާއި ރާއްޖޭގެ ޚާރިޖީ ގުޅުމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް ޞާލިޙު ވެސް ވަނީ ރައީސް ޝީއަށް މެސެޖެއް ފޮނުއްވާފައެވެ. އެ މެސެޖުގައި ވަނީ ފާއިތުވި 20 އަހަރުގެ ތެރޭގައި ރާއްޖެއަށް ލިބުނު އިޖުތިމާއީ، ސަަގާފީ އަދި އިގުތިސާދީ ތަރައްގީގައި ޗައިނާގެ ބޮޑު ހިއްސާއެއް އޮތް ކަމަށެވެ.

ދެ ގައުމުގެ ގުޅުން ބިނާވެފައި ވަނީ، ތާރީޚީ ގުޅުންތަކާއި، ސިޔާދަތީ ހަމަހަމަކަމާއި، ދެ ގައުމުގެ މެދުގައި އޮތް އިޙްތިރާމުގެ ބިންގަލުގެ މައްޗަށް ކަމަށާއި މި ގުޅުން ދެމިގެންދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.