24 Oct 2022, 08:40
"ދަމު ނަމާދުގެ ފައިދާގެ ތެރޭގައި ﷲއާއި ކުއްތަންވެ ގާތްވުން ފާފަތައް ފޮހެވުން، ކުށްތަކުން ތިމާ ދުރުކޮށްދިނުން، ހަށިގަނޑުން ބަލިތައް ދުރުކޮށްދިނުން އަދި ކަންނެތްކަމުން ދުރުކޮށް ހީވާގިކޮށްދިނުން ހިމެނެއެވެ."
***
"ހޭއި......"ކޮންމެވެސް މީހަކު ގޮވައިލި އަޑު އިވުމުން އާރިސްއަށް އެނބުރި ބަލައިލެވުނެވެ. "ޕޫލަށް އެރެން ހިނގާ އާރިސް........."
"އާރިސް. ޕޫލަށް އެރިބަލަ..."
"ކާކު؟ކީކޭ ތިކިޔަނީ؟" އާރިސް ވަށައިގެން ހޯދައިލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ވައި އަޑުން މީހަކު ކަންފަތް ކައިރީގައި ވާހަކަދައްކަނީ ކީއްވެހެއްޔެވެ؟
އާރިސް ލެޕް ހުޅުވާލައިގެން ޕްރޮޖެކްޓް ނިންމަން މަސައްކަތްކުރި ނަމަވެސް ތަބީއަތު ގޯސްވެ މަސައްކަތްކުރާ ހިތްކެނޑުނެވެ. ލެޕް ލައްޕާލާފައި ނުކުތީ ބޭރަށެވެ. އެއްވެސް އަޑެއްބަޑެއް ނީވެއެވެ. ގެއަށް ވެރިވެފައިވާ ފުން ހިމޭންކަން ފެނުމުން އިތުރަށް ނުތަނަވަސްވެ ދެކޮޅަށް ހިނގަންފެށިއެވެ. އެހިމޭންކަން ކަށްޓެއްފަދައިން ސިކުނޑިއަށް ހެރުނުކަމުގައި ހީވިއެވެ.
"ހޭއި...." އައްޔާޝްގެ އަޑު އިވުމުން ސިހިފައި އޭނަ އެނބުރުނެވެ.
"ވަޓްސް އަޕް އާރިސް، ކީއްވެ ހާސްވެފައި ތިހިރީ؟"
"ކަމެއްނުވޭ..ކާން ތިރިއަށް ފޭބީ..."
"އަދި ހަތެއް ޖެހީ..މިރޭ ކޮފީއަކަށް ނުދާނަންތަ ބަޑީ...." އައްޔާޝް އާރިސްގެ ކޮނޑަށް އަތް ވައްޓާލާފައި ކައިރިކޮށްލިއެވެ.
"މަސައްކަތްތައް ނުނިންމާ އެއްވެސް ތަނަކަށް ދެވޭކަށްނެތް. ސޮރީ ބްރޯ. ވާހަކައެއް އަހާލަންތަ؟ ޖެހިގެން މިހިރަ ގޭގެ ދެވަނަ ފްލޯރގައި އަންހެންކުއްޖެއް އުޅޭތަ؟" އާރިސް ތަންކޮޅެއް މަޑުމަޑުން އަހައިލިއެވެ."މޫނު ބުރުގާ އަޅައިގެން އުޅޭ ކުއްޖެއް؟"
"އެބައިގާ ދިރިއުޅެނީ ޝޭޚު ޔާސިރުގެ އާއިލާ. ޔާސިރު ގެވައިފް ނަބީލާ ކުރިން މަންމައާއި ކިހާ އެކުވެރިކޮށް އުޅުނީ. ޔާސިރް ސިޔާސީ މައިދާނަށް ނުކުތްހިސާބުން މައްސަލަޖެހުނީ. ޝޭޚު ޔާސިރު ދީނުގެ ނަމުގައި ފިތުނަ އުފައްދާ ބައްޕަމެންގެ ޕާޓީ ހޮވުނަނުދޭން މިފަހަރުވެސް ކިހާ މަސައްކަތެއްކުރި. ކޮންމެ މުޒާހަރާއެއްގެ ކުރީގައި އެ ޝޭޚު ހުރޭ. ދީނުގެ ނަމުގައި ނިކުމެ ބައްޕަމެންނަކީ ދީނާއި ދެކޮޅު ބަޔެއްކަމަށް ދައްކަން އޭނަ މަސައްކަތްކުރަނީ. އޭނަ ކޮންމެހެންވެސް ކުޑަކަކޫ މައްޗަށް ތިރިކުރަން ޖެހޭ...." އައްޔާޝް ގަދަ ބުމަ ކައިރިކޮށްލިއެވެ.
"އާރިއަށް އެގެއިން ނިގާބީއެއް ފެނުނީތަ؟"
"އާނ. ބެލްކަނީގައި ހުރި..."
"އެއީ ދާނިޔާގެ ފްރެންޑަކަށް ވެދާނެ. ދާނިޔާގެ ބައްޕަމެން ވަރަށް ދީނީ އެކަމަކު ދާނިޔާ މޫނު އަޅައިގެނެއްނޫން އުޅެނީ. މިއަދުވެސް ދޮންބެ ދާނިޔާ ދެކުނިން. ކުޑަކޮށް މޭކަޕްވެސް ކޮށްލައިގެން ހުރީ..." އައްޔާޝް ޔަގީންކަން ދިނެވެ."އޭނަގެ ލޮލުގެ ކަޅި ކޮރެއަން ކުއްޖެއްހެން ހުންނަނީ..މޮނޮލިޑް އައިސް އޭ ދޯ ބުނާނީ.."
ނިގާބީގެ މޫނުން ފެންނަން ހުރީ ހަމައެކަނި ދެލޯ. އެހާ ބޮޑު ލޮލެއް ދެކުނީ ވަރަށް ކުރިން. ޗައިލްޑްހުޑް ފްރެންޑެއްގެ. ނަންވެސް ހަނދާނެއްނެތް..."
"ތި ދީނީ މީހުންގެ ވާހަކަ އިވުނަސް ފޫހިވޭ. ޝޭޚުންގެ ނަމުގައި ތިބެ ދީނުގެ އަދާވާތްތެރިންނެއް ނު..އެ ވާހަކައެއް ނޫނޭ. ތި ޕްރޮޖެކްޓްތައް ނިމޭނީ ކޮންއިރަކު؟ އަބަދު ރޫމްގައި އިނުމުން ބޯ ގޮވާފާނެ. މަސައްކަތަށް ގޮސް ހުސްތިވަނީ..ކޮފީއަކަށް ސާފްކުރަން މަސްބާނަން މިކަހަލަ އެއްވެސް ޕްރޮގްރާމެއްގައި ބައިވެރިނުވަމެއްނު. ކޮންމެ ފަހަރަކު ބަހަނާއެއް ދައްކާފައި ތިހުންނަނީ. މިތަނުން އަންހެންކުދިންނާއި ދިމާވާނީވެސް ޕާޓީކޮށްލާ ހެދީމަ............................." އައްޔާޝް މައުޟޫ ބަދަލުކޮށްލިއެވެ.
***
ކާކޮޓަރީގައި ނާއިބު ރައީސްގެ އާއިލާ ރޭގަނޑު ކެއުމަށް އިންސާފުކުރަމުން ދިޔައިރު އެއްވެސް ރަސްމީކަމެއްނެތެވެ. އާއިލީ ގުޅުން އެހާ ރަގަޅެވެ. ހުނުމާއި ވާހަކަދެއްކުމާއި އާއިލީ ގުޅުން ބަދަހިކުރާ ފުރުސަތަކަށް ރޭގަނޑު ކެއުންވެފައިވިއެވެ. ކެއުން ނިންމާލާފައި ނުދެވިގެން އުޅެނީ އާރިސްއާއި ހަނގު ދަރިފުޅު މާކްއެވެ. މާކް ޕަބްޖީއަށް ދެވިހިފާފައިވާ ކަމެއް އެހެން މީހަކަށް ރޭކާނުލައެވެ. ކޮޓަރީގައި ގޭމް ކުޅުމަށް ބޮޑު ޓީވީއެއް ބަހައްޓާފައި ހުރިހާކަމެއް ފުރިހަމަކޮށްދީފައިވާއިރު އޭނަގެ ބައްޕައާއި މަންމައަށްވެސް އޮންނަނީ މާކްއާއި އަޅާލާނެ ވަގުތު ނުދެވިފައެވެ.
"އާރިސް. އަދިވެސް ސޮފްޓްވެއާ ނުނިމެނީތަ؟" މައިމޫން އާރިސްއަށް ގޮވާ ގެނެސް ގޮނޑީގައި އިށީންނަން އަތުން އިޝާރާތްކޮށްލިއެވެ."ރޭގައިވެސް ދެކޮޅަށް ހިނގާލަ ހިނގާލާ.....އެވެސް ދަންވަރު. ކިހިނެއްވީ ދަރިފުޅު؟ މާ ސްޓްރެސްވެގެން ކަމަކުނުދާނެ. ދޭތެރެއަކުން ހުސްވަގުތުކޮޅެއް ނަގައިލަންވާނެ..."
"ދެ ކުންފުންޏަކަށް މަސައްކަތްކޮށްދޭން އުޅެވުނީމަ ތަންކޮޅެއް ބުރަވީ..ލައްބަ ބައްޕާ. އަޅުގަނޑުު ދޮންބެއާއެކު މަސްބާނަން ދާން ޕްލޭންކޮށްގެން މިހިރީ...."
"މިރޭ ބައްޕައާއެކު ރާޒުވާ ކުޅެލާފައި ދަރިފުޅު ނިދަން ދާނީ...."
"އޯކޭ...."އާރިސްގެ ސިކުނޑި އަރައިރުންވަނީ އަވަހަށް ނިދަން ދިޔުމަށެވެ. އޭނަގެ ވަރުބަލިކަން ބޮޑުވެ ތަންމަތީގެ އަރާމަށް އިންތިހާއަށް ބޭނުންވިޔަސް ބައްޕައާއި ދެކޮޅަށް އެތަނުން ތެދުވާނެ ހިތްވަރެއް ނުލިބުނެވެ.
"ބައްޕަމެން ތި އޭޖްގައި ގާލްފްރެންޑުން ތިބޭ. ދަރިފުޅު އަންހެންކުދިންނާއި މާދުރުން އުޅޭ ވާހަކަ މަންމަ ބުނި...."
"ޓައިމް ނުވަނީ..." އާރިސް އިނގިލިތަކާއި ކުޅެލަމުން ކުޑަކޮށް ހުނެވެ.
"ޓައިމްއަކީ ހޯދީމަ ލިބޭ އެއްޗެއް ދަރިފުޅާ. އަބަދާއަބަދު މަސައްކަތުގައި އުޅުމުގެ ބަދަލުގައި ދޭތެރެއަކުން ބްރޭކް ނަގައިލާ ސިކުނޑި ތާޒާކޮށްލުމުން ކްރިއެޓިވިޓީ އިތުރުވާނެ. ކުރިން ކިހާ އުފާވެރިކޮށް އުޅުނު ކުއްޖެއް ތީ. މިހާރު ބައްޕައަށް ފެންނަނީ ލެޕުގައި ހުރިހާ ވަގުތެއްގައި އިންނަކަން.." މައިމޫން ދަރިފުޅުގެ މޫނަށް ބަލަން އިނީ ވިސްނުންތެރިކަމާއެކުގައެވެ. އަމަލުހުރިގޮތުން ކަމަކާއި ހާސްވެފައި ހުރުންފަދަ ގޮތެއް ފިޔަވާ އެހެން ނިޝާނެއް ނެތެވެ.
ކުއްލިއަކަށް ސިހިފައި އާރިސް އެއްފަރާތަށް ބަލައިލާފައި ތެދުވެގެން ހިނގައިގަތެވެ.
"ކޮންތަނަކަށް؟"
"މީހަކު ފެނުނުހެން ހީވީ. މޭބީ މައި އިމޭޖިނޭޝަން...." އާރިސް އިށީދެފައި ނިތްކުރީގައި ފިރުމައިލިއެވެ.
"އާ ޔޫ އޯކޭ ދަރިފުޅު؟"
"ޔެސް.......ޔެސް އައިމް ފައިން ޑޭޑް....."
"ތިއީ ހަމައެކަނި ބައްޕަގެ ދަރިއެއްނޫން. ގާތް އެކުވެރިއެއް. އެއްވެސް ކަންބޮޑުވުމެއް ހިތާމައެއް ފިކުރެއް އުޅެންޏާ ބައްޕަ ގާތުގައި ބުނަންވާނެ އިނގޭ......." މައިމޫންގެ އަޑުގައިވީ އޯގާތެރިކަމެވެ. މިނަލްއާއި އައްޔާޝް އަދި ޝުވޭކާރު އެ މީހުންނާއި ބައިވެރިވުމުން އެހެން ދިމާލަކަށް ވާހަކަ ގެންދެވުނަސް މައިމޫންގެ ސިކުނޑީގެ ކަނެއްގައި އިންޒާރުގެ ރަގަބީލު ޖެހިއްޖެއެވެ. އާރިސް ތަފާތުވެފައިވާ ވަރާއިމެދު ވިސްނައިލަން މަޖުބޫރުވިއެވެ. މީސްމީޑިއާގެ ޒަރީއާއިން ދަރިން ކޮންމެފަދަ ނުރައްކާ ވެށްޓަކާއި ދިމާލަށްވެސް ގެންގޮސްދާނެއެވެ. އެކުދިން ދުނިޔޭގެ އުފާތަކުން ބޭނުން ކަމެއް ހޯދައިގަންނަންވީއެވެ. ނަމަވެސް އޭނަގެވެސް ބިރަކީ ޑްރަގެވެ. ވެރިކަމަށް އައީވެސް ޑްރަގް ހުއްޓުވަން ވީ ވައުދާއެކުގައެވެ. އާރިސް އެފަދަ ދިމާލަކަށް ދަނީބާވައޭ ހިތަށް އެރީ އަމަލު ހުންނަގޮތުންނެވެ. ކުރީގެ އެ އުފާވެރި ޖޯޝުން ފުރިފައިވާ ހުނަރުވެރި ދަރިފުޅު އެމީހުންނަށް ގެއްލެން އުޅެނީބާވައެވެ.
***
ޝޭޚު ޔާސިރުމެން ދިރިއުޅެނީ އިމާރާތުގެ ދެވަނަބައިގައެވެ. އޮފިއެލޭ ގަހުން ބެލްކަންޏަށް ހިޔާދީފައިވާއިރު މަންޒަރުވެސް އެހާ ޗާލެވެ. ނާއިބު ރައީސް ދިރިއުޅޭގެ ހުންނަނީ އެ ގޯޅިގަނޑުގެ އަނެއް ފަރާތުގައެވެ. އެ ދިމާލަށް ހުންނަ ކޮޓަރިތަކުގެ ބެލްކަންޏަށް ނުކުތުމުން ރީތިކޮށް އަނެއް ގޭގެ ބެލްކަނީގައި ހުންނަ މީހާ ފެނެއެވެ.
ޔާސިރުގެ ދަރިފުޅު ދާނިޔާ އެންމެ ގާތް އެކުވެރިޔާ އަދާރާ އެގަޑީގައި އަވަދިނެތި އުޅުނީ އެސައިންމެންޓެއް ނިންމުމަށެވެ.
ބަންގީގެ އަޑާއިއެކު އަދާރާ އަވަހަށް މަސައްކަތް ހުއްޓާލާފައި ތެދުވުނެވެ.
"އިޝާކުރަން ހިނގާ..."
"އަހަރެންވެސް އަދާހާ ތަގުވާވެރިނަމަ...." ދާނިޔާ ބުނެލިއެވެ.
"އެހެން ބުނާކަށް ނޭގޭނެއްނު. ތަގުވާވެރީ ހަމަ ދާނި ކަމަށްވެސް ވެދާނެ.. އަހަރެންވެސް ހަމަ މަސައްކަތް މިކުރަނީ ﷲގެ ރުހިވޮޑިގަތުން ހޯދަން. ބައެއްފަހަރު ހިތަށް އަރާ އަޅުކަން ކުރެވޭލެއް މަދީއޭ. ދޮންބެ ދައްތަގެ ހެލްޕް ނުލިބޭނަމަ ކިޔަވަން ނޫޅެވުނީސް. އޭނަގެ އެހީތެރިކަމަށް ﷲ ހެޔޮ ޖަޒާދެއްވާނެ......."
"ވުޟޫކޮށްފިންތަ؟" އަދާރާ މުސައްލަ ނެގުމުން ދާނިޔާ ހައިރާންވިއެވެ.
"ގެއިން އައީ ވުޟޫކޮށްލައިގެން..."
ދާނިޔާ ހައިރާންވީ އެކުވެރި އަންހެންކުއްޖަކަށްވެސް އަދާރާގެ މޫނު ފެނުނަނުދޭތީއެވެ. އެލޯ ފިޔަވާ އެހެންތަނެއް ދާނިޔާވެސް ނުދެކޭކަމަށް ގަބޫލުކުރާނީ ކާކުހެއްޔެވެ؟
ދޭތެރެއަކުން އަދާރާ ޚިޔާލަކަށް ގެއްލޭކަން ދާނިޔާއަށް އެނގެއެވެ. އެކުރާ ހިތާމައެއް ދެނެވޮޑިގެންވަނީ ހެއްދެވިި ފަރާތެވެ. އަދާރާގެ މަންމަ ދީންވެރިވިޔަސް ސިޔާސީ ކަންތައްތަކަށް މޮޔަވެފައި ހުންނަކަމާއި ބައްޕަ ނިޔާވެފައިވާކަން ދާނިޔާ ދަނެއެވެ. ދެކުދިންގެ އެކުވެރިކަން ފެށުނީ ވަރަށް ފަހުންކަމުން ހުރިހާ ސިއްރެއް އަދި އެނގިފައެއްނުވެއެވެ. ދާނިޔާގެ އުއްމީދަކީ އަދާރާ އޭނަގެ ފަހަރިއަކަށް ވުމެވެ. އޭނަގެ ބޭބެ ދާއޫދުއާއި އަދާރާ ކައިވެނިކުރުމެވެ.
"އަދާ މެރީކުރަންވީނު ދެން......"
އަދާރާ އިސްޖަހައިލަމުން ތުންފަތުގައި ދަތް އަޅައިލިއެވެ.
"އަހަރެން ސިންގަލްއެއް ނޫން...."
"އޭނަ ކޮބައިތަ؟" ދާނިޔާ ސިހޭގޮތްވިއެވެ. ހިތަށް ނުބައިގޮތެއްވެ އަނގައަށް ގޮތެއް ހަދައިލެވުނެވެ. މިއީ ނުބައި ސަމާސާއަކަށް ވުމަށް އެދެވުނެވެ.
"ހިނގައްޖެ.އިޓްސް އެ ލޯންގް ސްޓޯރީ. މާޒީގެ ދުވަސްތައް ހަނދާންކުރުމުން ހިތަށް ދަތިކަން ލިބޭ. އެހެންވެ އެ ވާހަކަދައްކަން ބޭނުމެއްނުވޭ..........."އަދާރާ މަޑުމަޑުން ބުނެލިއެވެ.ދާނިޔާ ހުއްޓުން އަރާފައި ހުރީ އަދިވެސް ކަންފަތަށް އިވުނު އަޑަކީ ހަގީގަތެއްކަމަށް ގަބޫލުނުކުރެވިފައެވެ. އަދާރާފަދަ ފުރިހަމަ އަންބަކު ލިބިފައި ފިރިމީހާ ދޫކޮށްލާފައި ދިޔުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ.
ދެކުދިން އެއްކޮށް ނަމާދުކުރިއިރު އިމާމަކަށް ހުރީ އަދާރާއެވެ. އަދާރާއާއެކު ވަގުތު ހޭދަކޮށް ވާހަކަދައްކައިލެވުމުން އީމާންކަން އިތުރުވެއެވެ. އެފަދަ އެކުވެރިއަކު ލިބުނުކަމަށްޓަކާ އޭނަ ހެެއްދެވިފަރާތަށް ހަމްދުކުރިއެވެ.
***
ތަނަވަސްކޮޓަރީގައި އާރިސް ފިޔަވާ އިތުރު އެއްވެސް މީހަކު ނެތެވެ. ދަންވަރު ވަގުތުކަމުން ގޭތެރެއަށް ވެރިވެފައިވާ ފުން ހިމޭންކަން އާރިސްގެ ހިތް ނުތަނަވަސްކުރުވިއެވެ.
"އާރިސް..........." އެ އަޑު އިވުނީ ކޮޓަރިތެރެއިންނެވެ. ވައި އަޑުން ވާހަކަދައްކަފަދައިންނެވެ. ރަގަޅަށް ދޭހަނުވާފަދަ ގޮތަކަށް އެކުވެފައިވާ އަޑުތައް ގުގުމަންފެށުމުން ބޮލަށް އުދަގޫވުމުގެ އިތުރުން ބިރުގަންނަގޮތްވެފައި އާރިސް ކަންފަތުގައި ބާލީސް އަޅާ ބާރުކޮށްލައިފިއެވެ. މަޑުމަޑުން ބާލީސް ނަގާފައި ބަލައިލިއިރު ކޮޓަރީގެ ކަނުގައި އިސްކޮޅުން އަށްފޫޓުގެ މީހަކު ހުރިތަން ފެނުމުން އާރިސްއަށް ދުއްވައިގަނެވުނެވެ. މަންމައާއި ބައްޕަގެ ކޮޓަރީގެ ދޮރުގައި ތަޅައިގަތުމުން ދެމަފިރިން ދޮރު ހުޅުވައިލިއިރު މޫނުމަތިން ކަންބޮޑުވުން ފެނުނެވެ.
"ދަރިފުޅު ކިހިނެއްވީ؟"
ބިރުވެރި ހުވަފެނެއް..."އާރިސް ކުޑަކޮށް ރަކިވިއެވެ. ކުޑަކުއްޖެކޭ އޭނައެކޭ ހުރީ ކޮން ތަފާތެއްހެއްޔެވެ؟ ހުވަފެނެކޭ އަދި ބުންޏަސް ހަގީގަތެއްކަން އޭނައަށް ޔަގީނެވެ. ވައްކަން ކުރަން ގެއަށް ވަންމީހެއްކަން ނޭގެއެވެ.
"އައިމް އޯކޭ ނައު...ކޮފީއެއް ބޯލަން މިދަނީ. ސޮރީ ޑިސްޓާބް ކުރެވުނީމަ........"އާރިސް އަވަހަށް ދުރަށް ދާން ހިނގައިގަތެވެ.
"ދަރިފުޅުގެ ސަބަބުން ބައްޕަމެންނަށް އުދަގުލެއްނުވާނެ. ކޮންމެ ގަޑިއެއްގައި ކޮންމެ ވަގުތަކު ކަމެއް ދިމާވިޔަސް ބައްޕަމެން ގާތަށް އާދޭ...." މައިމޫން ޝުވޭކާރުއަށް އިޝާރާތުން އެންގީ އާރިސް އެކަނިނުކޮށް ގޮސް ވާހަކަ ދައްކާލާ ވީގޮތް އޮޅުން ފިލުވުމަށެވެ. ޝުވޭކާރުއާއި އާރިސް އެކީގައި ކޮފީ ހަދައިގެންގޮސް ޓެރެސްއަށް އެރިއެވެ. އުޑުމަތީގައި ފިޔަޖަހަމުންދާ އެތައް ތަރިތަކުން ފަލަކު ޒީނަތްތެރިކޮށްލާފައިވާއިރު އެހިސާބުގައި އިންދާފައިވާ މާމެލާމެލިން ފަޒާ ސެންޓްލައްވާފައިވިއެވެ. ޝުވޭކާރު އެތައްފަހަރު ސުވާލުކުރުމުން އާރިސް އޭނައަށް ފެނުނު މަންޒަރު ކިޔާދިނެވެ.
"ދަރިފުޅު މާ ބުރަކޮށް އުޅޭތީ ޑިޕްރެޝަންވަނީހެން މަންމައަށް ހީވަނީ.އެއީ ލޯމައްޗަށް ފެންނަކަންތައް. ހަގީގަތެއް ނެތް. ކެމިކަލް އިންބެލެންސެއްގެ ސަބަބުން ކަމަށްވާނީ. ދަރިފުޅު ތެރަޕީ ނަގަންވީނު..."
"ނޫން ނޫން...މަންމާ. މިހާރު އަޅުގަނޑަކީ މޮޔައަކަށް ހަދަން ތިއުޅެނީ..." އާރިސް ހިތްހަމައެއް ނުޖެހުނެވެ.
"މެންޓަލް އިލްނެސްއަކީ ލަދުގަންނަންޖެހޭވަރުގެ ބައްޔެއްނޫން. އެވެސް އެހެން ބަލިތަކޭ އެއްފަދައިން ބޭސްކޮށްގެން ކޮންޓްރޯލް ކުރެވޭކަމެއް.."
"ނަތިން އިޒް ރޯންގް ވިތް މީ މަންމާ. އަޅުގަނޑު ބިޒީވީ..ނިދި އައިއްސި. ދެން ދަނީ......."އާރިސްގެ ތަބީއަތު ގޯސްވާގޮތްވިއެވެ. ކުއްލިއަކަށް ރުޅިގަދަވާންވީ ސަބަބެއްވެސް ނުވިސްނުނެވެ.
"އާރިސް....."
"މަންމާ. އަޅުގަނޑު ބޭނުމީ އެކަނިވެލާން.."އާރިސް ކޮފީތަށި މޭޒުމަތީގައި ބަހައްޓާފައި ދާން ހިނގައިގަތުމުން ޝުވޭކާރު ފިކުރުބޮޑުވެފައި އެތައް އިރެއްވާންދެން އެތަނުގައި އިނެވެ. ދަރިފުޅުގެ މައްސަލައެއް ހުރިކަން އެނގުނަސް ކިހިނެއްވެގެން އުޅޭ ކަމެއްކަން އެނގެނީއެއްވެސް ނޫނެވެ. ނަފްސާނީ އެކި ބަލިތަކުގެ ނަންތައް އޭނަގެ ހަނދާނަށް ގެނެއެވެ. ޑިޕްރެޝަންވެސް މާ ބޮޑުވަރުވުމުން އެގޮތަށް ލޯމައްޗަށް ކަންތައްތައް ސިފަވެދާނެއެވެ. ޝުވޭކާރުގެ ލޮލަށް ކަރުނަ އަންނަގޮތްވިއެވެ. ހިތްވަރުގަދަ ވިނަމަވެސް ލޯބިވާ ދަރިފުޅަށް އެފަދަ ދެރަގޮތެއް ދިމާވާން ހިތް އެދޭނީ ކޮން މަންމައެއްހެއްޔެވެ؟ އެއީ ބިރުވެރި ނުރައްކަލުން ފުރިފައިވާ ދުނިޔެއެކެވެ.
***
ދާނިޔާ ފިހާރައިން ގަނެގެން ގެނައި އެއްޗެހިން ބަރުކޮށްފައިވާ ބާޒާރު ކޮތަޅާއިގެން އައިސް ހަނި ގޯޅިގަނޑަށް އަޅައިލީ އެ މަގުގައި ގެއެއް ނުހުންނާތީއާއި ހިނގަން ފަސޭހަކަމުންނެވެ. ކުއްލިއަކަށް ލޮލުގައި އަޅައިގަތީ ނާއިބުރައީސްގެ "ހޮޓް" ފިރިހެންދަރިފުޅެވެ. އިސްކޮޅުން ދިގުވެފައި ހިތް ދަމައިގަންނަފަދަ ގޮތެއް މި ޒުވާނާގެ ހުރެއެވެ. ޚާއްސަކޮށް ލޮލުގައި ހުންނަނީ ދަމާ ބާރެކެވެ. އެލޮލުގެ ހިޔާވަހިކަން ބޭނުންނުވާނެ އެއްވެސް އަންހެންކުއްޖަކު ހުރެދާނެކަމަށް އޭނަ ގަބޫލެއްނުކުރެއެވެ. ފާރުގައި އެއް ފައި ޖައްސާލައިގެން ފޯނެއްގައި ހުރިއިރު އެމޫނަށް ކޮކާ އަވިދީފައިވާއިރު ހިތްތަކަށް ފިނިކަން ލިބޭނެއެވެ.
"ޔޫ އާ އިން ލަވް ދާނީ....." ދާނިޔާ އައްޔާޝް ހުރި ހިސާބާއި އަރާ ހަމަވީއިރު ހިތް ސިއްރުން ނިކަން ފޮނިގޮތަކަށް ކަންފަތްބުޑުގައި ކިޔައިލިއެވެ. އައްޔާޝް އިސް އުފުލާ ބަލައިލުމާއެކު ހިތް ތެޅިގަތީ ހަމައެއް ލަމައެއް ނެތިއެވެ. މޫނަށް އެކީ ރަތްވެގެން ދިޔުމާއެކު ހެދުމާއި ހުރިހާ އެއްޗެހިވެސް ގަޔަށް ބާރުވެލިހެން ހީވިއެވެ. ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ. އަމިއްލަ ހިތުގެ ހާލާއިމެދު ހަމްދަރުދީވެސް ވެވުނެވެ. އޭނައާއި އައްޔާޝް ނުގުޅޭކަން އަމިއްލަ ހިތަށް ވިސްނާދިނަސް ހިތް އެކަމާއި އަރައިރުންވަނީއެވެ. ލޯބިވެ ދެފަރާތުގެ ކެމިސްޓްރީ ދިމާވެއްޖެއްޔާ އެނިމުނީއެވެ. ލޯބީގެ ވާހަކައިގާ ނުގުޅުން އެ ލަފުޒު އޮވެގެން ނުވާނެއެވެ.
"ހައި...."އައްޔާޝްއަށް ދާނިޔާގެ މޫނުމަތި ކިޔާލަން ފަސޭހަވީކަން ނޭގެއެވެ.
ނުނިމޭ