14 Oct 2022, 21:43
މި އަހަރު ފަތުރުވެރިކަމުގެ ޕީކް ސީޒަނާ ދިމާކޮށް ސިންގަޕޯ އެއާލައިނުން ރާއްޖެއަށް ބޮޑު ބޯޓުތަކެއްގެ ދަތުރުތައް ފަށަން ނިންމައިފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މީޑިއާ އޮފިޝަލް ޝައްމާން ޝާކިރް މިރޭ "ސަން"އަށް ވިދާޅުވީ އެ އެއާލައިނުގެ އެއާބަސް އޭ350 މީޑިއަމް ހޯލް ބޯޓުތަކުގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 30 ވަނަ ދުވަހު ކަމަށެވެ.
އެ އެއާލައިނުގެ ދަތުރުތައް މިހާރުވެސް ރާއްޖެއަށް ކުރަމުންދާއިރު މިހާރު ބޭނުން ކުރަނީ ބޮއިންގް 800-737 އާއި 8-737 މެކްސް ބޯޓުތައް ކަމަށް އޭނާ ވިދާޅުވިއެވެ.
ބޮއިން 8-737ގައި 154 ސީޓު ހުންނަ އިރު އެއާބަސް އޭ 350 މީޑިއަމް ހޯލް ބޯޓުތަކުގައި 303 ސީޓު ހުރެއެވެ.
ކޮންމެ ހަފުތާއަކު ސިންގަޕޯ އެއާލައިންސްގެ 14 ފްލައިޓެއް މިހާރު ސިންގަޕޫރާއި މާލެއާ ދޭތެރޭ އޮވެއެވެ. އޭގެ ތެރެއިން އެއާބަސް އޭ 350 ބޯޓުތަކުގެ ދަތުރުތައް ސިންގަޕޫރާއި މާލެއާ ދެމެދު އޮންނަނީ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި، ހޮނިހިރު އަދި އާދީއްތަ ދުވަހު ކަމަށް އެ އެއާލައިނާ ބެހޭ ޚަބަރުތައް ގެނެސްދޭ ސިންގަޕޫރުގެ 'މެއިންލީ މައިލްސް' ނޫހުގައިވެއެވެ.
އެ ދަތުރުތަކާއެކު ދެކުނު އިރުމަތީ އޭޝިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ. އަދި ކަނެކްޝަން ފްލައިޓުތަކުގައި ސިންގަޕޫރު މަގުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް އިތުރުވާނެއެވެ.
އިއްޔެ ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި ރާއްޖެއަށް މިއަހަރު މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު ވަނީ 1.2 މިލިއަނަށް އަރާފައެވެ.