ފަންސާސް އަހަރަށް ރިސޯޓްތަކުގެ މުއްދަތު އިތުރުކުރާ އިރު ގަނޑުކޮށް ފައިސާ ނުނެގޭތީ މިދިޔަ މަހު ދައުލަތަށް ލިބޭނެ ކަމަށް މީރާ އިން ލަފާކުރި އާމްދަނީ 37.9 ޕަސެންޓް ވެއްޓިއްޖެ އެވެ.

މީރާ އިން އާންމުކޮށްފައިވާ މާޗް މަހުގެ ރިޕޯޓުގައި ބުނަނީ ރިސޯޓްތަކުގެ މުއްދަތު އިތުރުކޮށްގެން ކުލީގެ ގޮތުގައި ލިބޭނެ ކަމަށް ކުރިން އަންދާޒާ ކޮށްފައިވާ ވަރަށް ފައިސާ ލިބިފައި ނުވާ ކަމަށާއި އެކަމުގެ އަސަރު މީރާގެ އާމްދަނީއަށް ކޮށްފައިވާ ކަމަށެވެ. މީރާއިން ލަފާކުރީ މާޗްމަހު ރިސޯޓުތަކުގެ މުއްދަތު އިތުރުކޮށްގެން ދައުލަތަށް 375 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. ނަމަވެސް ލިބިފައިވަނީ 23 މިލިއަން ރުފިޔާ އެވެ.

މީގެ ކުރިން ސަރުކާރުން އަމަލުކޮށްފައި ވަނީ ރިސޯޓުތަކުގެ މުއްދަތު އިތުރުކުރާ ފައިސާ އެކީއެކަށް ގަނޑުކޮށް ރިސޯޓުންތަކުން ނަގާ ގޮތަށެވެ. ނަމަވެސް ސިވިލް ކޯޓުން ވަނީ އެ ފައިސާ އެގޮތަށް ނުނެގޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ މައްޗަށް ހުކުމްކޮށްފަ އެވެ. އެއާ އެކު މިނިސްޓްރީން މިހާރު ނިންމާފައި ވަނީ އަހަރުން އަހަރަށް ފައިސާ ނަގާ ގޮތަށެވެ. އަދި ކުރިން އެޑްވާންސްކޮށް ނަގާފައި ހުރި ފައިސާ ވެސް ރިސޯޓުތަކުން ބޭނުންވާ ނަމަ މަހުން މަހަށް ދައްކާ ކުލިން ކަނޑާގޮތަށް ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ އެއްބަސްވެފަ އެވެ.

ފެބުރުއަރީ މަހު އާންމުކުރި މީރާގެ ހިސާބުތަށް ދައްކާ ގޮތުން ރިސޯޓުތަކުގެ މުއްދަތު އިތުރުކޮށްގެން އެ މަހު ދައުލަތަށް ވަނީ 145.8 މިލިއަން ރުފިޔާ ލިބިފަ އެވެ. އަދި މިދިޔަ މަހު ލިބިފައި ވަނީ 23 މިލިއަނެއްހާ ރުފިޔާ އެވެ.

ރާއްޖޭގެ އިގްތިސޯދީ ހާލަތު މުރާޖައާ ކުރުމަށް މިހާރު ރާއްޖެ ޒިޔާރަތްކޮށްގެން އުޅޭ އައިއެމްއެފްގެ ވަފުދުން ވެސް ވަނީ އެ މައްސަލަ ފެންމަތިކޮށްފަ އެވެ. ސަރުކާރުން ވެސް އަދި އައިއެމްއެފުން ވެސް ލަފާކޮށްފައި ވަނީ ލިބޭނެ ކަމަށް ލަފާކުރި ބައެއް ފައިސާ ނުލިބޭނެތީ ދެ ބިލިއަނެއްހާ ރުފިޔާގެ ބަޖެޓް ޝޯޓްވުމެއް އުޅޭނެ ކަމަށެވެ.