14 Oct 2022, 16:20
ފުވައްލަކު ސިޓީގައި ދިރިއުޅޭ އެންމެ ދުވަސްވީމީހުންގެ ހާލު ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު އެ ސިޓީގެ އިސްރައްވެހިން ދިރިއުޅޭ ގެތަކަށް މިއަދު ޒިޔާރާތްކުރައްވައިފިއެވެ.
ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ މި ހަރަކާތުގައި، ފަޒްނާ ވަނީ ފުވައްމުލައް ސިޓީގެ އެންމެ ދުވަސްވީ 10 އިސްރަށްވެހިންގެ ގޭގެއަށް ޒިޔާރާތްކުރައްވާފައެވެ.
އެގޮތުން އެކަމަނާ މިއަދު ހެނދުނު ޒިޔާރަތް ކުރެއްވީ ޢުމުރުން އެންމެ ދޮށީ ދެ އިސްރަށްވެހިންގެ ގެއަށެވެ. މިއަދު ހެނދުނު އެކަމަނާ މި ދެގެއަށް ކުރެއްވި ޒިޔާރަތުގައި ވަނީ އެ ދެ އިސްރަށްވެހިންނާ ގުޅުންހުރި ކަންކަން ކުރިޔަށްދާގޮތް އޮޅުންފިލުއްވާފައެވެ. އަދި، އެކަމަނާ ވަނީ އެ ބޭފުޅުންގެ ޙާލު ބައްލަވައި، އެބޭފުޅުންނާއެކީ ވަގުތު ހޭދަކުރައްވާފައެވެ.
ފަހުން ވަނީ އިތުރު ގޭގެއަށް ވެސް ޒިޔާރަތް ކުރައްވާ ދުވަސްވީ މީހުންނާއެކު ވަގުތު ހޭދަކުރައްވާފައެވެ.

ފުވައްމުލަކުގައި ދިރިއުޅޭ ދުވަސްވީ މީހުންގެ ހާލު ބައްލަވާލެއްވުމަށް މެޑަމް ފަޒްނާ ގެތަކަށް ޒިޔާރަތްކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
ފަޒްނާގެ މި ދަތުރުފުޅަކީ ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަ ކުރުމަށްޓަކައި ފުވައްމުލައް ސިޓީގައި ބާއްވާ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރައްވަމުންގެންދަވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ޖެންޑާ މިނިސްޓަރު އާއިޝަތު މުޙައްމަދު ދީދީ ވެސް ބައިވެރިވެ ވަޑައިގަންފައި ވެއެވެ.

ފުވައްމުލަކުގައި ދިރިއުޅޭ ދުވަސްވީ މީހުންގެ ހާލު ބައްލަވާލެއްވުމަށް މެޑަމް ފަޒްނާ ގެތަކަށް ޒިޔާރަތްކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
މެޑަލް ފަޒްނާ އިއްޔެ ހެނދުނު ވަނީ ފުވައްމުލައް ސިޓީގައި ބޭއްވި އިސްރަށްވެހިންގެ ޙަފްލާ ޝަރަފުވެރިކޮށްދެއްވާފައެވެ. އަދި، އިސްރަށްވެހިންވެސް ހިމެނިގެން އެކުލަވާލައިގެން އިއްޔެ ހަވީރު ބޭއްވި ގްރައުންޑް ގޮލްފް މުބާރާތުގެ ނިމުން ފާހަގަކުރެއްވުމުގައި ވެސް އެކަމަނާ ބައިވެރިވެވަޑައިގެންފައިވެއެވެ.