14 Oct 2022, 15:17
ރާއްޖެ އާއި ޗައިނާއަކީ ސައިޒުން ތަފާތު ދެ ގައުމަށް ވީ ނަމަވެސް، ދެ ގައުމުން ވަނީ އެއް ބަޔަކު އަނެއް ބަޔަކު ހަމަހަމަ ކަމަށް ދެކި، ދެ ގައުމަށް ވެސް ފައިދާ ހުރި ގޮތްތައް ހޯދުމުގެ ރަނގަޅު މިސާލް ދައްކާފައި ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެއެވެ.
ރާއްޖެ އާއި ޗައިނާއިން ސިޔާސީ ގުޅުން ގާއިމު ކުރި ތާރީޚަށް މިއަދު 50 އަހަރު ފުރުމުގެ މުނާސަބަތުގައި ޗައިނާގެ ރައީސް ޝީ، ރާއްޖޭގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރާއްޖެ އާއި ޗައިނާގެ މެދުގައި އޮތް އެކުވެރިކަމުގެ ގުޅުމަކީ ޒަމާންވީ ގުޅުމެއް ކަމަށެވެ. އަދި ދެ ގައުމުން ޚާރިޖީ ގުޅުން ގާއިމު ކުރި ތާރީޚަށް 50 އަހަރުވެފައިވާ އިރު އެއް ގައުމުން އަނެއް ގައުމަށް އަބަދުވެސް އިޙުތިރާމްކޮށް އެހީ ފޯރުކޮށްދޭ ކަމަށް ރައީސް ޝީ ވިދާޅުވިއެވެ.
އެހެންކަމުން ދެ ގައުމުން ވަނީ ސައިޒުން ތަފާތު ނަމަވެސް އެއް ގައުމުން އަނެއް ގައުމަކީ ހަމަހަމަ ބައެއްގެ ގޮތުގައި ދެކި، ދެ ގައުމަށް ވެސް ފައިދާ ހުރި ގޮތްތައް ހޯދުމުގެ ރަނގަޅު މިސާލެއް ދައްކާފައި ކަމަށް ރައީސް ޝީ ވިދާޅުވިއެވެ.
މީގެ އިތުރުން ފަހުގެ ތާރީޚުގައި ދެ ގައުމުން ވަނީ އެއްކޮށް މަސައްކަތްކޮށްގެން ދަތި އުނދަގޫ ހާލަތްތަކުން އަރައިގަނެ، އެއް ގައުމުން އަނެއް ގައުމަށް އެހީ ފޯރުކޮށްދީފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ދެ ގައުމުން ގުޅިގެން މަސައްކަތްކޮށް، ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް ހަގީގަތަކަށް ހެދުމުގެ މަސައްކަތުގައި އެއްބާރުލުންދޭ މިންވަރު އިތުރުކޮށް، ދެ ގައުމުން ބައިވެރިވެގެން މަސައްކަތް ކުރުމުގެ ހަގީގީ ރޫހު ދަމަހައްޓައިފައިވާ ކަމަށް ރައީސް ޝީ ވިދާޅުވިއެވެ.

ރާއްޖެއާއި ޗައިނާއިން ސިޔާސީ ގުޅުން ގާއިމު ތާރީޚަށް މިހާރު ވަނީ 50 އަހަރު ވެފައި -- ފޮޓޯ/ ޗައިނާ އެމްބަސީ
އޭގެ ސަަބަބުން ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރަން އިތުރު ހިތްވަރެއް ލިބި، ދެ ގައުމުގެ ގުޅުން ހަރުދަނާ ކުރަން އިތުރު ފުރުސަތުތައް ހުޅުވިފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
"ޗައިނާ އާއި ރާއްޖޭގެ ގުޅުން ވަރުގަދަ ކުރަން އަޅުގަނޑު ޚާއްޞަ އިސްކަމެއް ދެން. ދެ ގައުމަށާއި ދެ ގައުމުގެ ރައްޔިތުންނަށް ފައިދާ ވާނެ ގޮތަށް ދެ ގައުމުގެ އެކުވެރިކަމުގެ ގުޅުމާއި އެއްބަސްވުންތައް ކުރިއަރުވަން މަސައްކަތް ކުރަން އަޅުގަނޑު ހުރީ ތައްޔާރަށް،" ރައީސް ޝީ ވިދާޅުވިއެވެ.
ޗައިނާ އާއި ރާއްޖޭގެ ޚާރިޖީ ގުޅުމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް ޞާލިޙު ވެސް ވަނީ ރައީސް ޝީއަށް މެސެޖެއް ފޮނުއްވާފައެވެ. އެ މެސެޖުގައި ވަނީ ފާއިތުވި 20 އަހަރުގެ ތެރޭގައި ރާއްޖެއަށް ލިބުނު އިޖުތިމާއީ، ސަަގާފީ އަދި އިގުތިސާދީ ތަރައްގީގައި ޗައިނާގެ ބޮޑު ހިއްސާއެއް އޮތް ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުން ބިނާވެފައި ވަނީ، ތާރީޚީ ގުޅުންތަކާއި، ސިޔާދަތީ ހަމަހަމަކަމާއި، ދެ ގައުމުގެ މެދުގައި އޮތް އިޙްތިރާމުގެ ބިންގަލުގެ މައްޗަށް ކަމަށާއި މި ގުޅުން ދެމިގެންދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ޗައިނާގެ ޕްރެމިއާ ލީ ކީކްޔާންއަށް ވެސް ތަހުނިޔާގެ މެސެޖެއް ފޮނުއްވާފައެވެ. އެ މެސެޖުގައި ވަނީ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީގެ އާ އުސްމިންތަކަށް ރާއްޖެ ވާސިލްވުމުގައި، ޗައިނާއިން ދެމުން އަންނަ އެއްބާރުލުމާއި ވެދޭ އެހީ އާއިއެކު ޗައިނާއަކީ ރާއްޖެއަށް ވަރަށް މުހިންމު ބައިވެރިއެއް ކަމަށް ވިދާޅުވެފައެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޗައިނާގެ ސްޓޭޓް ކައުންސިލަރު ވަންގް ޔީ -- ފޮޓޯ/ ޗައިނާ އެމްބަސީ
މީގެ އިތުރުން، މިއަދުގެ މުނާސަބަތުގައި ޗައިނާގެ ސްޓޭޓް ކައުންސިލަރު ވަންގް ޔީ އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ ތަހުނިޔާގެ މެސެޖުތައް ފޮނުއްވާފައެވެ.
ވަންގް ޔީ ވިދާޅުވީ ފާއިތުވި 50 އަހަރު ތެރޭގައި ދެ ގައުމުގެ ގުޅުން ބަދަހިވަމުން ގޮސްފައިވާ ކަމަށެވެ. އަދި އެއް ގައުމުން އަނެއް ގައުމަށް ސިޔާސީ ގޮތުން ކުރާ އިތުބާރާއި އެކި ދާއިރާތަކުން އެއްބާރުލުންދޭ މިންވަރު އިތުރުވެފައިވާ ކަމަށާއި ދެ ގައުމުން ވަނީ ސަރަހައްދީ މައްސަލަތަކާއި ބައިނަލްއަގުވާމީ މައްސަލަތަކުގައި ވެސް އެއް ގައުމުން އަނެއް ގައުމަށް އެހީ ފޯރުކޮށްދީފައި ކަމަށް ވަންގް ޔީ ވިދާޅުވިއެވެ.
ވަންގް ޔީ އިތުރަށް ވިދާޅުވީ ޗައިނާ އާއި ރާއްޖޭގެ އެކުވެރިކަމުގެ ގުޅުން ވަރުގަދަ ކުރުމަށާއި ދެ ގައުމުގެ ލީޑަރުން ނިންމަވާފައިވާ ގޮތަށް މިނިސްޓަރު ޝާހިދާއެކު މަސައްކަތްކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.
ޝާހިދު ފޮނުއްވިމެސެޖުގައިވަނީ ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް ޗައިނާއިން އާދަޔާޚިލާފު މިންވަރަކަށް އެހީ ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުން ބިނާވެފައި ވަނީ އެއް ގައުމުން އަނެއް ގައުމުގެ ސިޔާދަތަށް ކުރާ އިޙުތިރާމާއި ރާއްޖެއިން ވަން-ޗައިނާ ޕްރިންސިޕަލް ދަމަހައްޓަމުން ގެންދިޔުމުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރުމަށް ރާއްޖެއިން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.