14 Oct 2022, 13:21
މީހަކުދެކެ ލޯބިވާނަމަ ލޯބިވާންޖެހޭނީ ﷲގެ ވަޖުހުފުޅަށްޓަކާ ކަމަށާއި، މީހަކުދެކެ ނަފުރަތުވާނަމަ ވެސް ވާންވާނީ ﷲގެ ވަޖުހުފުޅަށްޓަކާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
ހެޔޮލަފާ ރަހުމަތްތެރިން އިޚްތިޔާރުކުރުމާ ގުޅޭގޮތުން މިއަދުގެ ހުކުރު ޚުތުބާގައި ބުނީ މީހެއްގެ ފަރާތުން ލިބިދާނެ ފައިދާއަކަށްޓަކާ، ނުވަތަ މީހެއްގެ ކިބައިގައި ހުރި މޮޅުކަމަށްޓަކާ، އެމީހަކު ދެކެ ލޯބިވުމަކީ އެހެން ބާވަތެއްގެ ރަހުމަތްތެރިކަމެއް ކަމަށެވެ. އަދި ﷲގެ ވަޖުހުފުޅަށްޓަކާ މީހަކު ލޯބިވާ ލޯބިވުމުގެ ނަތީޖާ ފެންނާނީ އެކަމުގައި ހުރި އިޚުލާސްތެރިކަމުގެ ސަބަބުންކަމަށް ޚުތުބާގައިިި ބުންޏެވެ.
ޚުތުބާގައި ބުނީ އިންސާނުންގެ މިޒާޖުގައި ރަހުމަތްތެރިން ކޮޕީކުރާގޮތް ހުންނަކަމަށެވެ. އަދި އެކަކުގެ ނުބައި އަމަލުތުގެ އަސަރު އަނެކާއަށް ފޯރާކަމަށެވެ.
"ހެޔޮ ކަންކަމުގެ އަސަރަށްވުރެ ނުބައި ކަންކަމުގެ އަސަރު އާންމުގޮތެއްގައި މާ ވަރުގަދަ،" ޚުތުބާގައި ބުންޏެވެ.
ނުބައި ރަހުމަތްތެރިންގެ ސަބަބުން މީހުންގެ އުޅުމަށް އަންނަ ބަދަލުތައް ފާހަގަކޮށް ޚުތުބާގައި ބުނީ، ގިނަ ފަހަރަށް ސިގިރޭޓް ބުއިމާއި މަސްތުވާތަކެތި ބޭނުންކުރުން އަދި ފާހިޝް އަމަލުތައް ދަސްވަނީ ރަހުމަތްތެރިންގެ ކިބައިން ކަމަށެވެ. އެހެންކަމުން ތިމާގެ ވާޖިބުތައް އަދާކުރުމުގައްޔާއި، ހައްގުތައް ރައްކަތެރިކުރުމުގައި އެހީވެދޭ މީހެއްނަމަ އެއީ ރަނގަޅު ރަހުމަތްތެރިއެއް ކަމަށް ބުންޏެވެ.
"އަދި ﷲ، ތަގްވާވެރިވި މީހުން އެއުރެންގެ ކާމިޔާބީއާއެކު ސަލާމަތްކުރައްވާ ހުއްޓެވެ. އެއުރެންނަކަށް އެއްވެސް ކަހަލަ ނުބައިކަމެއް ނުޖެހޭނެއެވެ. އަދި ހިތާމަ ކުރާނޭ ބަޔަކު ކަމުގައި ވެސް އެއުރެން ނުވެއެވެ." ﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ.
ރަނގަޅު ރަހުމަތްތެރިން އިޚްތިޔާރުކުރުމުގައި އިސްލާމްދީން ވަނީ މަތިވެރި އިރުޝާދުތަކެއް ދެއްވާފައެވެ. އެގޮތުން ރަހުމަތްތެރިކަމުގެ ގުޅުން އުފެދި އާލާވަނީ، އިޚްލާސްތެރިކަމާ މަތިވެރި މަގުސަދެއްގައި ކަމަށްވާނަމަ އެއީ ﷲ އެކަމުގައި ބަރަކާތް ލައްވާނެ ގުޅުމެއްކަމަށް ޚުތުބާގައި ބުންޏެވެ.