ރާއްޖެއާއި ޗައިނާއިން ސިޔާސީ ގުޅުން ޤާއިމްކުރިތާ 50 އަހަރު މިއަދަށް ވީއިރު ދެ ގައުމުގެ ގުޅުން ދެމިގެންއައީ ސިޔާދަތީ ހަމަހަމަކަމާއި، ދެ ޤައުމުން ވެސް އެއްޤައުމު އަނެއް ޤައުމުގެ އިސްތިޤުލާލަށް ކުރާ އިޙްތިރާމުގެ މަތީގައިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި ޗައިނާގެ ގުޅުމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި، ރައީސް ޞާލިޙް ޗައިނާގެ ރައީސް ޝީ ޖިންޕިން އަށާއި، ޕްރެމިއާ އޮފް ދަ ސްޓޭޓް ކައުންސިލް އޮފް ޗައިނާ، ލީ ކީކްޔާންއަށް ފޮނުވި ތަހުނިޔާ މެސެޖުގައި ވިދާޅުވެފައި ވަނީ ދެ ގައުމުގެ ގުޅުން ދެމިގެން އައީވެސް އެ ބިންގަލުގެ މަތީގައި ކަމަށެވެ.

ޗައިނާގެ ރައީސްއަށް ފޮނުއްވި މެސެޖުގައި ރައީސް ވަނީ، ދިވެހިރާއްޖެ އާއި ޗައިނާގެ މެދުގައި އޮތް އެކުވެރި ގާތްގުޅުމަކީ، ދިގު ތާރީޚެއް އޮތް ގުޅުމެއް ކަމަށް ވިދާޅުވެފައެވެ. އަދި ފާއިތުވި ވިހި އަހަރުގެ ތެރޭގައި، ދިވެހިރާއްޖޭގެ އިޖުތިމާއީ، ސަޤާފީ އަދި އިޤްތިޞާދީ ތަރައްޤީގައި ޗައިނާއިން ނުހަނު ބޮޑު ޙިއްޞާއެއް ވެދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން މިއަހަރުގެ ކުރީކޮޅު ދިވެހިރާއްޖެއާ ޗައިނާއިން ސޮއިކޮށްފައިވާ ފަސް އެއްބަސްވުމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލައްވާފައިވެއެވެ. އަދި މި އެއްބަސްވުންތަކުގެ ދަށުން، ޗައިނާ އާއި ދިވެހިރާއްޖޭގެ ގުޅުން މުސްތަޤުބަލުގައި އިތުރަށް ބަދަހިވާނޭކަމަށް ރައީސް ވިިދާޅުވިއެވެ.

މީގެ އިތުރުން ރައީސް, ޕްރެމިއާ އޮފް ދަ ސްޓޭޓް ކައުންސިލް އޮފް ޗައިނާ އަށް ފޮނުއްވި މެސެޖުގައި، އިޖުތިމާއީ ތަރައްޤީ އާއި އިޤްތިޞާދީ ތަރައްޤީގެ އާ އުސްމިންތަކަށް ރާއްޖެ ވާޞިލްވުމުގައި، ޗައިނާއިން ދެމުން އަންނަ އެއްބާރުލުމާއި ވެދޭ އެހީ އާއެކު، ޗައިނާއަކީ ރާއްޖެއަށް ވަރަށް މުހިއްމު ބައިވެރިއެއްކަން ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް، ޗައިނާގެ ރައީސަށާއި، ޕްރެމިއާ އޮފް ދަ ސްޓޭޓް ކައުންސިލް އޮފް ޗައިނާއަށް ވަކިވަކިން ފޮނުއްވެވި މި ދެ މެސެޖުގައި، ދިވެހިރާއްޖެއާ ޗައިނާއިން ގާތުން ގުޅިގެން ކުރެވޭ މަސައްކަތްތަކުން، ދެޤައުމުގެ މެދުގައި އޮތް ގާތް ރަޙްމަތެރިކަމުގެ ގުޅުން ބަދަހިވެގެންދާނޭ ކަމަށް ޤަބޫލުފުޅު ކުރައްވާކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ޗައިނާއާއި ރާއްޖެއިން 1972ގައި ޚާރިޖީ ގުޅުންތައް ގާއިމު ކުރި ނަމަވެސް، ދެ ގައުމުގެ އިގުތިސާދީ މުއާމަލާތްތައް އިތުރު ކުރަން ފެށީ އޭގެ އަހަރުތަކެއް ފަހުންނެވެ. ނަމަވެސް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުން ފެށިގެން ކޮންމެ ވެރިކަމެއްގައި ވެސް ޗައިނާއިން ރާއްޖޭގައި މުހިންމު މަޝްރޫއުތައް ހިންގާފައިވެއެވެ. އެގޮތުން ސިނަމާލެ ފުލެޓުތައް އަޅާފައި ވަނީ ރައީސް މައުމޫންގެ ވެރިކަމުގައެވެ. އެންމެ ފުރަތަމަ ސިނަމާލެ-1 އާއި ސިނަމާލެ-2 ވެސް އަޅާފައި ވަނީ ޗައިނާގެ ހިލޭ އެހީގައެވެ. އެއީ ރާއްޖޭގައި ބޯހިޔާވަހިކަމަށް ހާއްސަކޮށް އެޅި ފުރަތަމަ ފްލެޓުތަކެވެ.

ހަމައެއާއެކު، ދިވެހިންގެ އާސާރީ ތަރިކަތައް އެއް ތަނަކުން ދައްކުވައިދޭ ގައުމީ ދާރުލްއާސާރުގެ އާ އިމާރާތުގެ މަސައްކަތް ފެށީ ވެސް ރައީސް މައުމޫންގެ ސަރުކާރުގައި 2008 ވަނަ އަހަރެވެ.

އެ އިމާރާތް ބިނާކުރީ ޗައިނާގެ ހިލޭ އެހީގެ ދަށުން އަށް މިލިއަން ޑޮލަރު ޚަރަދުކޮށްގެންނެވެ. ދެހާސް ދިހަ ވަނަ އަހަރު އޭރުގެ ރައީސް މުހައްމަދު ނަޝީދު އެ ދާރުލްއާސާރު ހުޅުވައިދެއްވި އިރު އެތަނުގައި ރާއްޖެ އާއި ޗައިނާގެ އެކުވެރިކަން ދައްކުވައިދޭ ބައެއް ތާރީޚީ އާސާރުތައް ވެސް ހުރެއެވެ. ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ވަނީ އެ ދާރުލްއާސާރަކީ ޗައިނާއާއި ރާއްޖޭ ސަގާފީ ގޮތުން ގުޅުވައިދޭ ބްރިޖެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ރާއްޖޭގައި ޗައިނާއިން ކުރިއަށްގެންދިޔަ އެންމެ ފާހަގަކޮށްލެވޭ ތިން މަޝްރޫއެއް ޗައިނާއާ ހަވާލުކުރީ ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގައެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއާއި ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު އެޅުމާއި ހިޔާ ފްލެޓުތައް އެޅުމުގެ މަޝްރޫއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފުޅާކުރުމާއި އެއާޕޯޓުން ލިބޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ 500 މިލިއަން ޑޮލަރުގެ މަސައްކަތް ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާއި އެގައުމުގެ އެހެން ކުންފުނިތަކުން އަދިވެސް ދަނީ ކުރަމުންނެވެ. އެ މަޝްރޫއުގެ ދަށުން މިހާތަނަށް އެއާޕޯޓްގެ ވެސްޓް އޭޕްރަން ފުޅާކޮށް، އާ 3،400 މީޓަރުގެ ރަންވޭއެއް އަޅާފައިވެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާއިން ދެން ހަވާލުވީ ދެ ގައުމުގެ އެކުވެރިކަމުގެ އެންމެ ބިޔަ ރަމްޒު ކަމަށްވާ، މާލެ އާއި ހުޅުމާލެ ގުޅުވާލަދިން ބްރިޖާއެވެ. އެ ބުރިޖާ ބެހޭ އެއްބަސްވުމުގައި ސޮއިކޮށް، އެ މަސައްކަތަށް ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިން ހަމަޖެއްސީ 2015 ވަނަ އަހަރު ތެރޭގައެވެ. އެ ބުރިޖަށް 210 މިލިއަން ޑޮލަރު ޚަރަދުވި އިރު އޭގެ ތެރެއިން 126 މިލިއަން ޑޮލަރަކީ ޗައިނާގެ ހިލޭ އެހީއެވެ. އަދި ބާކީ ޚަރަދުތައް ކޮށްފައި ވަނީ ދިވެހި ދައުލަތުން އަމިއްލައަށާއި ޗައިނާގެ ލޯނުގެ އެހީގައެވެ.

ޗައިނާއިން މިހާތަނަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާފައިވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުން އެތައް ދިވެހިންގެ އާންމު ދިރިއުޅުމަށް ލުއި ފަސޭހަތަކެއް ގެނެސްދީފައިވެއެވެ. އެގޮތުން، އެގައުމުން ތަފާތު ރަށްރަށުގައި ބިނާ ކޮށްފައިވާ ހައުސިން ޔުނިޓްތަކުގެ އަދަދު މިހާރު ވަނީ 10،000އަށް ވުރެ އިތުރުވެފައެވެ. އެއާއެކު 60،000 ވަރަކަށް ދިވެހިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވިފައިވާ ކަމަށް އެގައުމުން ބުނެއެވެ.

ޗައިނާއިން އެހެން ގައުމުތަކަށް އެހީ ފޯރުކޮށްދޭ އިރު އެގައުމުން އެންމެ މުހިންމު ސިޔާސަތެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ އެ ގައުމެއްގެ ދާޚިލީ ކަންކަމަށް ނުފޫޒު ނުފޯރުވުމެވެ. އަދި އެގައުމެއްގެ ސިޔާސީ މަސްރަހު އޮތް ގޮތަކުން ވަކި ތަފާތު ކުރުމެއް ނެތި، އެހީއަށް ބޭނުންވާ ގައުމަކަށް އެހީ ފޯރުކޮށްދިނުމެވެ. ޗައިނާއިން ރާއްޖޭގައި ހިންގާފައިވާ މަޝްރޫއުތަކުން އެކަމަށް ހެކިދެއެވެ.