"އަހަރެމެންގެ ވަށައިގެން ހިތާމައާއި ހިތްދަތިކަމުގެ ހިޔަނިތައް ވަށައިގެން ދައުރުކުރަނީ އޮބާލާނެ ފުރުސަތަކަށް ބަލަބަލައެވެ. ނަމަވެސް ދިރިއުޅުމުގައި އަޑިގުޑަންތައް ވާކަން ދަނެ އުއްމީދުގެ ދާވަނީގައި އިންސާނާ ހިފަހައްޓައެވެ. ކޮންމެވެސް ސަބަބަކާއިހެދި ދުނިޔެއަށް އިތުރު އެންމެ ދުވަހަކަށްވެސް ނޭވާލާން އަހަރެމެން ބޭނުންވެއެވެ. ހަގީގަތުގައި ދުނިޔޭގެ މަޖަލާއި އުފާތަކަށް ހެއްލުމަށްވުރެ އެންމެ ފަރާތެއްގެ ރުހިވޮޑިގަތުމާއި ލޯބިފުޅު ހޯދަން މަސައްކަތްކުރަން ޖެހެއެވެ. އެހެންމީހުން ރުއްސާ ލޯބިވާން ޖެހެނީވެސް ﷲއަށްޓަކައެވެ."

***

ނާއިބު ރައީސް މައިމޫން އަބްދުލްއަޒީޒުގެ ގެކަމަށްވާ "ޗެރީވުޑް ޕެލެސް"އަކީ ތަނަވަސް ކަމާއި ހައިބަވަންތަކަމުން ފުރިފައިވާ ގެއެކެވެ. ބޮޑުކޮޓަރީގެ ފަރުނީޗަރުތައް ހުދާއި ރަންކުލައިން ޖަރީކޮށްފައިވާއިރު ގަނބައިގެންދާފަދަ އަގުބޮޑުދޫލައާއި ފުޅާ ކުޑަދޮރުތަކުގައި ދަމާފައިވާ ބޯ ދޮރުފޮތިތައްވެސް ވަނީ އެކުލައިންނެވެ. މަތީބަޔަށް އެރެން ހުރި ފުޅާ ސިޑި ދެފަރާތުގައިވާއިރު ތަނަވަސްކަމާއިއެކު ޑިޒައިންގެ ފުރިހަމަކަމުން ހިތްތަށް އާޝޯޚުވާވަރުވެއެވެ. ބޮޑެތި ޗާންދަލިޔާގެ އިތުރުން ފާރުގައި ހަރުކޮށްފައިވާ ބައްތިތައްވެސް ލޮލަށް ފިނިކަން ގެނެސްދޭފަދަ އަލިތައް ފަތުރާލާފައިވިއެވެ. އޭސީގެ ފިނިކަމާ ލާމެހިފައިވަނީ ފެންޑާގައި ހުރި މުށިތަކާއި ބަގީޗާގައިވާ މާމެލާމެއްޔާއި ގަސްތަކުން ދުވާ މީރުވަހެވެ.

ރޭގަނޑު ބާރަޖަހާ ބޮޑުވިތަނާ އެގެއަށް ވަން ޒުވާނާއަށް ސިހުމެއް ލިބުނީ އޭނަގެ އިންތިޒާރުގައި މަންމަ ޑޮކްޓަރ ޝުވޭކާރު އިންތަން ފެނިފައެވެ. ޝުވޭކާރަކީ އަންހެނުންގެ ޑޮކްޓަރެކެވެ. އަމިއްލަ ކްލިނިކެއް ހިންގަމުން ކެންސަރ ފައުންޑޭޝަންފަދަ ތަންތަނަށް ޚަރަދުކޮށް ކެމްޕެއިން ކަންތައްތަކުގައިވެސް އަމަލީގޮތުން ބައިވެރިވެފައިވިއެވެ. އޭނަގެ މޫނަކީ އެންމެންހެން ދަންނަ ހިތްހެޔޮ މޫނެކެވެ.

"މަންމާ ނުނިދަނީތަ؟"

"އަޔާ ގޭގައި ނެތިއްޔާ ހިތްހަމަޖެހިގެން ނިދާނެގޮތެއް ބުނެބަލަ......"

"ސޮރީ........" އައްޔާޝް މަންމަގާތުގައި އިށީދެ ކޮނޑުގައި ބޯ އަޅައިލީ ކުޑަކުއްޖެއްފަދައިންނެވެ.

"ކޮންތާކުން ތިއައީ؟"

"އެކުވެރިންނާއެކު ކޮފީއަކަށް ދިޔައީ....."

"ދަރިފުޅު ތަންކޮޅެއް އަވަހަށް ދެން ގެއަށް ވަންނަން މަންމައަށް ފެނޭ......"

"ކީއްވެ؟" އައްޔާޝް އާފުރިލިއެވެ.

"ނާއިބުރައީސްގެ ދަރިވީމަ...އިދިކޮޅުމީހުން ރައްޔިތުންގެ ހިތްތައް ގޯސްކުރަން އެކަނި ބައްޕަގެ ކުށެއްނޫން ހޯދާނީ. އާއިލާއާއި ދަރިންގެ ކޮންމެ ފިޔަވަޅަކަށް ފާރަލާނެ. މީސްމީޑިއާގެ ބާރު ދަރިފުޅަށްވެސް އެނގޭނެ. ބައްޕައަކީ ނާއިބުރައީސް. އަދި ބޮޑުބޭބެ ރައީސްއަށްވީމަ ހަސަދަވެރިން ގިނަވާނެ ވަރު ވިސްނާލަބަލަ. މި ފެމިލީއާއި ޖައްސާލާފައި ތިބި މީހުންގެ އަދަދު މަދެއްނުވާނެ. އަޔާ އަންހެންކުއްޖަކާއެކު ކޮޓަރިއެއްގައި ވާހަކަދައްކައިލަން އިނަސް އެޑިޓްކޮށްފައި ދައްކާނީ އެހެން މަންޒަރެއް......"

އާރިސްގެ ކޮޓަރިއާއި ދިމާލުން އެއްޗެއް ތަޅައިގެން ދިޔަފަދަ އަޑެއް އިވުމާއެކު އެންމެނަށް އެ ދިމާލަށް ދުއްވައިގަނެވުނީ ބޭ އިޚުތިޔާރުގައެވެ. މަންމަގެ ފަހަތުން ހިނގައިގަތް އައްޔާޝް ދުރުގައި ފިޔަވަޅުތައް އަޅަމުންގޮސް އާރިސްގެ ކޮޓަރިއަށް ވަނެވެ.

އާރިސް އަލަމާރީގައި ހުރި ހުރިހާ އެއްޗެއް ބިންމަތީގައި ޖާގަ ހަދާލާފައިވިއެވެ. އޭނަ ހޯދާ އެއްޗެއް ނުފެނުނީކަން ނޭގެއެވެ. ޑްރެސިންޓޭބަލްގެ ކައިރީގައި ހުންނަ ގޮނޑި އޮތީ ބިންމަތީގައެވެ.

"އާރި....ކޯންޗެއް ނުފެނިގެން ދަރިފުޅު؟"

"ނިޔަފަތިކަނޑާ ދަތި.."އާރިސް ބުމަ ކައިރިކޮށްލިއެވެ.

"ކީކޭ؟"

އާރިސް ޖަވާބެއްނުދީ އޭނަ ހާވާފައި ހުރި ހަޑިއަށް ބަލައިލަމުން އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލިއެވެ."މަންމާ...ނޭގުނު ދެން މާބޮޑަށް ހޯދުނީ ދޯ......"

ޝުވޭކާރުގެ ލޮލުގައި އަޅައިގަތީ ތަންކޮޅެއް ދުރަށް އެއްލާލާފައި އޮތް ރަތްކުލައިގެ ފިނިފެންމަލެވެ. އެއީ ބަގީޗާގައި ހުރި މާގަހުގައި އަލަށް ފޮޅިފައި އިން މަލެކެވެެ. އާރިސް މަލާއި ހެދި އުޅޭވަރު އެނގޭތީ ގެނެސް ވާސްއެއްގައި ޖަހައިދިނީއެވެ. އެއްލާލާފައި އޮތީމަ ސުވާލު އުފެދުނެވެ.

އާރިސްގެ މޫނުމަތިން ފެންނަން ހުރީ ހާސްކަމާއި އަވަސްކަމެވެ. ދެކޮޅަށް ހިނގާފައި އުޅުނުގޮތުން ކޮންމެވެސް ބޮޑު ހާދިސާއެއް ހިނގައިގެން އުޅޭފަދައެވެ. ނިޔަފަތިކަނޑާ ދަތްޗަކާއިހެދި އެވަރުވެދާނެ ކަމާއިމެދު ޝުވޭކާރުގެ ސުވާލު އުފެދުނުވަރުން އައްޔާޝްގެ މޫނަށް ބަލައިލެވުނެވެ. އައްޔާޝް ބުމަކައިރިކޮށްލައިގެން ހުރިގޮތުން އޭނަވެސް ވިސްނަމުންދާކަން އެނގުނެވެ.

"އާރި...ހަމަޖެހިބަލަ..އޯކޭތަ؟ ހުރިހާކަމެއް ރަގަޅުކަން ޔަގީންތަ؟" އައްޔާޝް މަޑުމައިތިރިގޮތަކަަށް ސުވާލުކުރިއެވެ."އަނެއްކާ މި ފުނިތެރޭ އަންހެންކުއްޖެއް ފޮރުވައިގެން އުޅެނީތަ؟"

ޝުވޭކާރު ހިނި އަންނަން އުޅުމުން އަނގަމަތީގައި އަތްއެޅިއެވެ.

"ފެންވަރާލަން މިދަނީ...."އާރިސް އަވަސް އަރުވާލާފައިގޮސް ފާޚާނާއަށް ވަދެ ލައްޕައިލިގޮތުން ކަމަކާއި ހިތްހަމަނުޖެހުނުހެން ހީވިއެވެ. އޭނަގެ ކޮޓަރިއަށް އެހެން މީހުންވަނުމުން މިހާރު އުދަގޫވެ އެކަނިވެރިކަން ބޭނުންވެގެން އުޅޭކަން އެހެން މީހުންނަށް އިހުސާސްކުރެވޭތާ ދުވަސްކޮޅެއްވެއްޖެއެވެ. ކޮޓަރިން ނިކުންނާންވެސް އެކުއްޖާ ބޭނުމެއްނުވެއެވެ. ހަގީގަތުގައި ނާއިބު ރައީސްގެ ދަރިންގެ މައުލޫމާތު އާއްމުންނަކަށް ނޭގޭނެއެވެ. މައިމޫން އަބްދުލްއަޒީޒު އަބަދުވެސް ސިޔާސަތާއި ޒާތީ ދިރިއުޅުން ވަކިކުރަން މަސައްކަތްކުރެއެވެ. ދަރިންގެ ދިރިއުޅުމަށް ސިޔާސީ ހިޔަނި އެޅެން ބޭނުންނުވަނީ ދަރިންގެ މިނިވަންކަން ނިގުޅައިގަނެވޭނެކަން އެނގޭތީއެވެ.

***

މައިމޫންއާއި ޝުވޭކާރު ޖޮގިންއަށް ދިޔައިރު ހަށިފާރަވެރިންވެސް އެދެމަފިރިންނާއެކުވިއެވެ. ފަތިހު ކަސްރަތުކޮށް މޫދަށް އެރިލާ ހެދުމުން ދުވަސް ފެށުމުގައި އެހީތެރިވެދޭކަން އެމީހުން ގަބޫލުކުރެއެވެ. ނަމާދާއި ޒިކުރުތަކަކީ އެމީހުންނަށް އެހާ މުހިއްމުކަމެއް ކަމަށް މައިންބަފައިން ވިސްނާދީފައެއްނުވެއެވެ. ދޭތެރެއަކުން ނަމާދުކޮށްލިޔަސް ޚުޝޫއަތްތެރިކަމާއި ތަގުވާވެރިކަން ކުޑައެވެ. ހެއްދެވިފަރާތް ހަނދާންވަނީ ނިއުމަތެއް އިތުރުވުމުންނެވެ. ނޫނީ ދެއްކުންތެރިކަމުގެ ގޮތުންނެވެ.

އާވިއަރަ އަރާ ހުރި ކޮފީތަށި ހިފައިގެންގޮސް ދެމަފިރިން ތިބީ ސްޓަޑީރޫމްގައެވެ. ހުޅުވާލެވިފައިވާ ކުޑަދޮރުތަކުން ތާޒާ ވައި ވަންނަމުން ދިޔައެވެ.

"އާރީ ރޭގައިވެސް ވަރަށް އެހެން ފާޑަކަށް އުޅުނީ. ނިޔަފަތި ކަނޑަންވެގެން މީހަކު ދެން ކްލޯޒެޓް ހުރިގޮތަށް އެފުށް މިފުށަށް ޖަހާފާނެހެން ހިޔެއްނުވޭ. ކޮންމެވެސް ގޯހެއް އެބައުޅޭ. ބިރުއެބަގަނޭ.........."ޝުވޭކާރު މަޑުމަޑުން ބުނެލިއެވެ.

"އަދި ރަގަޅުވާނެ...އަހަރެމެންގެ އެ ދަރިފުޅު ތަފާތީކަން ނޭގޭ........"

"މެންޓަލް މައްސަލައަކަށް ނުވާނެތަ؟"

"ޝުވޭއަކީ ޕޮޒިޓިވްކޮށް ވިސްނާ އަންހެން ކަނބަލެއް. އެހެންވީއިރު އެހާ ނުބައިގޮތަކަށް އާރިސްއާއިމެދު ނުވިސްނާ. އަހަރެމެންގެ ދަރިފުޅުގެ މެންޓަލް މައްސަލައެއްނެތް. އެއީ އެކަށީގެންވާކަމެއް ނޫން.ތަންކޮޅެއް ބުރަކޮށް އުޅޭތީކަމަށްވާނީ. މިވަގުތު މިތާހުއްޓަސް އޮންލައިންކޮށް މަސައްކަތްކުރަމުން ކިޔަވަމުން އެހެންމީހުންގެ ކަންތައްތަކުގައިވެސް އެހީތެރިވެ އުޅެންޏާ ކިހާ ސްޓެރެސްވާނެ.. ..އާރި މެންޓަލް މައްސަލަ ހުންނާންވީ ކީއްވެ؟ އިންޓެލިޖެންޓް އަދި ކްލާހުގައި ވަނަތައް ހޯދަމުން އައި ދަރިވަރެއް. އެތްލެޓިކްވެފައި ސާފިންކުރުމުގައި ކުޅަދާނަ ކުއްޖެއް. މޫދުގައި އުޅެލަނީ މަހެއްހެން....އަޔާއަކަށް ވަކި ދޫނުކުރާނެ......." މައިމޫން ވަގުތުން ދެކޮޅުހެދިއެވެ. ޝުވޭކާރުގެ ހިތުގައި ބިރުވެރިކަން ހިނގާލި ނަމަވެސް އިތުރަށް އެވާހަކައާއިގެން ކުރިއަށް ދާކަށް ބޭނުމެއްނުވިއެވެ.

"އާރިއަށް ރަގަޅުވާނީ މީހަކާއި ކައިވެނިކުރުން. ކޮޓަރީގައި ތަޅުލެވިގެން އަބަދު ލެޕް ހިފައިގެން އިނީމަ ބޯ ގޮވާނެ. މާހައުލު ބަދަލުވީމަ އެކުވެރިން ގެއްލުނީމަ ވީގޮތް. ޝުވޭގެ އެކުވެރިންގެ ތެރޭ ރަގަޅު އަންހެންކުއްޖެއް ނެތްތަ؟" މައިމޫންގެ ޚިޔާލު ޝުވޭކާރަށް ކަމުދިޔައެވެ. އެތައް އަންހެންކުދިންނެއްގެ ތަސްވީރު ލޮލުގެ ކުރިމަތީގައި ހުޅުވިގެންދިޔައެވެ.

"ގުޑްމޯނިން މިސްޓަރ ވައިސް ޕްރެޒިޑެންޓް އެންޑް ޑޮކްޓަރ ޝުވޭކާރ އަންޒީ.............."އެދެމަފިރިންގެ ހަނގު ދަރިފުޅު މިނަލް ކޮޓަރިތެރެއަށް ބޯ ދިއްކޮށްލިއެވެ. ފިޔާތޮށިކުލައިގެ ކުރު ޓީޝާޓަކާއި ޓައިޓެއްލައިގެން ހުރިއިރު އިސްތަށިގަނޑު މައްޗަށް ނަގާ އައްސާފައިވާއިރު އަޅައިގަންނަފަދަ ގޮތެއް އެމޫނުގައިވިއެވެ. އަންހެންދަރިފުޅުގެ ވާހަކަތަކުން ދެމަފިރިންނަށްވެސް ހީލެވުނެވެ.

"ހާދަ ހެދުނާ ޕްރިންސެސް މި ދައްކައިލީ....."

"އައި ވޯނަ ގޯ އައުޓް...ނިއު ފްރެންޑެއް އިންވައިޓްކުރީ. މިއަދު ފްރައިޑޭވީމަ ގެޓް ޓުގެދާއެއް ހަދައިލަންކަމަށް. އެކްޗުއަލީ އެންމެން ބާބެކިއުއަށް ބީޗަށް ދަނީޔޯ...."

"ސަންސްކްރީން ލައިފިންތަ؟ ސަންބާންވެ މަންމަ ކައިރީ ޝަކުވާކުރުމުގެ ކުރިން މިބުނީ.........."

"ޑޭޑްގެވެސް ހުއްދަ ލިބުނީތޯ؟"

"ޝުއަ ވައި ނޮޓް..."މައިމޫން ދަރިފުޅުގެ ނިތްކުރިއަށް ބޮސްދިނެވެ. ބަލައިގެން އުޅުމަށް ނަސޭހަތްތެރިވިއެވެ. ދަރިފުޅަށް ކޮންމެވެސް ވަރެއްގެ މިނިވަންކަމެއް ދީ އެކުވެރިންނާއެކު ތަންތަނަށް ފޮނުވުމަށް އެދެމަފިރިންގެ ރުހުން ލިބޭތީ މިނަލް ހުންނަނީ ނިކަން އުފަލުންނެވެ. ބައްޕައާއި ބޮޑުބޭބެ ގައުމު ހިންގުމާއި ހަވާލުވުމަށްފަހު މިނަލްއަށް ލިބުނު އުފާވެރިކަން ކޮންމެވެސް ވަރަކަށް ބޮޑާކަމުގެ ސިފަވެސް ޚިޔާރުކުރިއެވެ. އެކުވެރިން ގާތު މިނަލްއަށް ހުރެވެނީ ފަޚުރުވެރިވެ ގަދަކޮށްލާފައެވެ. އޭނަވެސް އުޅެން ބޭނުންވަނީ ލީޑަރެއްފަދައިންނެވެ. މިނަލްގެ ހުވަފެނަކީވެސް ކޮންމެވެސް ދުވަހަކުން ގައުމުގެ ވެރިކަން ކުރުމެވެ. ނުފޫޒާއި އާރާއި ބާރު އަދި ފައިސާގެ ހުންނަ ބާރު އެ ޅަ ސިކުނޑިއަށް ވަންގޮތެއްވެސް ނޭގެއެވެ. ބޮޑުވެގެން ޚިޔާރުކުރާނެ ދާއިރާއެއް އެހުމުންވެސް މިނަލް ކްލާހުގައި ބުނެފައިވަނީ އޭނަ ވާނީ ރައީސްއަށް ކަމުގައެވެ. މުދައްރިސްވެސް ހިނިއައެވެ. އެފަހުން އެތައް އަހަރެއް ފާއިތުވީއިރުވެސް އަދިވެސް މިނަލްގެ އުއްމީދާއި ހުވަފެންތަކަށް މާބޮޑު ބަދަލެއް ނާދެއެވެ. އޭނަ އުދުހެމުންދަނީ ތަރިތަކުގައި ދުނިޔޭގައެވެ.

"ރޭގައި އަޔާ ގޮވައިގެންގޮސް އެހާވަރަށް ބާޒާރުކޮށްލީ މިކަމަށް ދޯ،..މަންމައަށް ހީވިއޭ...."

"ޔަޕް. ތިއްތިބެ މިކޮޅަށް އައިފަހުން އަބަދު ލެޕް ތެރެއަށް ގެއްލި އަމިއްލަ ވޯލްޑްއެއްގައި ވިއްޔަ އުޅެނީ..."މިނަލް ނޭފަތް ގުރުޑުކޮށްލާފައި ދާން ހިނގައިގަތެވެ. "ދޮންބެ އިޒް ދަ ބެސްޓް. މިނޫ ގެންގޮސް ދޭނަމޭ ބުނި. ލަވް ޔޫ......."

***

"ﷲ އަކްބަރ...ﷲ އަކްބަރު......"ހިތަށް ފިނިކަމާއި ހަމަޖެހުން ލިބޭފަދަ މޫރިތި އަދި ރޫހާނީ ކަލިމަތަކުން ސިކުނޑިތަކަށް ތަސައްލީ ގެނުވާދީފިއެވެ. ހެއްދެވި ފަރާތް ވާކަން ދެނެ މައުރިފާ ކުރާ ފަރާތްތަކަށް ހަމަގައިމުވެސް އެއަށްވުރެ ހިތްގައިމު ލަފުޒުތަކެއް ނީވޭނެއެވެ. އާރިސް ކުޑަދޮރު ހުޅުވައިލައިގެން ބޭރަށް ބަލަން ހުރިއިރު އެއަޑަށް ސަމާލުކަން ދިނެވެ. އިންތިހާއަށް ޝައުގުވެރިވެ އެ ޖުމްލަތައް ހިތުގައި ބީހިލިއެވެ. ނަމާދެއް ކުރެވުނު ދުވަހެއް ހަނދާނަށްވެސް ނާދެއެވެ. ވުޟޫކުރާނީ ކިހިނެއްކަމެއް ނަމާދުގައި ކިޔަންވީ ދުޢާއެއް ޒިކުރެއްވެސް ވިސްނުމަކަށް ނައެވެ. ނަމާދުކުރަން ހިތަށް އެރިޔަސް ކުރަން ހަނދާންނެތިއްޔާ ކުރާނީ ކިހިނެއްހެއްޔޭ އަމިއްލަ ނަފުސާއި ސުވާލުކޮށްލެވުނެވެ. އެގެއާއި ޖެހިގެން އަނެއް ފަރާތުގައި ހުރި ގޭގެ ބެލްކަންޏަށް ކޮންމެވެސް މީހަކު ނުކުތެވެ. ކަޅުހެދުމުގައި ފޮރުވިގެން ހުރުމުން އެއީ ކާކުކަމެއް ނޭގުނަސް އާރިސްގެ ހިތް ތެޅިގަތެވެ. އެއަންހެންކުއްޖާ ހުރި ދިމާލުން ކުދި އޮރެންޖްކުލައިގެ އަލިކޮޅުތައް ފެނުނުހެންވެސް ހީވިއެވެ. އަވަހަށް ދޮރު ލައްޕައިލިއިރު ފަޅި ސިކުންތުކޮޅަކަށް ނަމަވެސް އެކުއްޖާއާއި ހަތަރުކަޅި ހަމަވިއެވެ. ދުރުންވެސް އެކުއްޖާގެ ލޯ ފާހަގަކުރެވުނެވެ. ބޮޑުބޮޑު ދެލޯ ކަޅުވެފައި ކަނޑެއްހާ ފުނެވެ. ދިގު އެސްފިޔަތަކެވެ. ދުވަހަކު ނުދެކޭފަދަ އަސަރުގަދަ ރީތި ލޮލެކެވެ. އާރިސްގެ ސިކުނޑީގެ ކަނެއްގައި އެ ލޯ ކުރަހައިލެވުނީ ނުފޮހެވޭނެގޮތަށް ކުލަގަދަކޮށެވެ.

"ހޭއި......"ކޮންމެވެސް މީހަކު ގޮވައިލި އަޑު އިވުމުން އާރިސްއަށް އެނބުރި ބަލައިލެވުނެވެ. "ޕޫލަށް އެރެން ހިނގާ އާރިސް........."

ނުނިމޭ