އިޓަލީ ސަރުކާރުން ދިވެހި ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ ސަފީރު ފެބްރީޒިއޯ ޕިއޯ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި ރާއްޖެ އާއި އިޓަލީއާ ދެމެދު އޮންނަ ގާތް ގުޅުން ކުރިއަށް އޮތްތާނގައި އިތުރަށް ހަރުދަނާވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ސަފީރު ވިދާޅުވި އެވެ.

މިބައްދަލުކުރެއްވުމުގައި ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާ ބެހޭ ގޮތުންނާއި ނޭޝަނަލް އިންކުއަރީ ކޮމިޝަންގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ ބެހޭ ގޮތުން އިޓަލީގެ އެމްބެސެޑަރަށް ރައީސް މައުލޫމާތު އެރުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަޙު ހަމައަކަށް އެޅުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަސައްކަތް ކުރިއަށް ގެންދިޔުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.