14 Oct 2022, 10:52
ޔުއެފާ ޔޫރޮޕާލީގްގައި ރޭ އިންގްލެންޑްގެ އާސެނަލް އާއި ނޯވޭގެ ބޯޑޯ ގްލިމްތު ބައްދަލުކުރިމެޗް އާސެނަލް ކާމިޔާބުކޮށް ނޮކްއައުޓް ސްޓޭޖުން ޖާގަ ހޯދުމުގެ ފުރުސަތު ބޮޑުކޮށްފިއެވެ.
ނޯވޭގައި ކުޅުނު މިމެޗު އާސެނަލް ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި އާސެނަލުން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ 24 ވަނަ މިނެޓް ތެރޭގައި ބުކާޔޯ ސާކާއެވެ. ފަހަކަށް އައިސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ބުކާޔޯ ސާކާ ވަނީ މި މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކާފައެވެ.
މެޗުގައި ދެ ޓީމަށްވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ވަނީ ބޭނުން ނުކުރެވި ގޮސްފައެވެ. މި ގްރޫޕްގައި މި ދެޓީމް ކުޅުނު ފުރަތަމަ މެޗް 0-3 ގެ ނަތީޖާއަކުން އާސެނަލް ކާމިޔާބުކޮށް ރޭގެ މެޗަށް ނިކުތީ އެ އުއްމީދުގައެވެ.
މެޗަށް ފަހު ވާހަކަދައްކަމުން އާސެނަލްގެ ކޯޗު މިކޭލް އަޓޭޓާ ބުނީ މެޗުން އާސެނަލް މޮޅުވުމުން ހިތްހަމަ ޖެހުނު ނަމަވެސް އިދިކޮޅު ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ މޮޅުވުމުގެ ރޫހުގައި ކުޅުނު މަންޒަރު ކަމަށެވެ. މި މެޗަށް ނިކުތްއިރު އާސެނަލްގެ އެންމެބޮޑު ހިތްހަމަ ޖެހުމަކަށްވީ އެންމެފަހުން ކުޅުނު މެޗްތަކުގެ ނަތީޖާކަމަށް ވެސް އަޓޭޓާ ވަނީ ފާހަގަކޮށްފައެވެ.
މެޗަށް ފަހު މި ގްރޫޕްގެ ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު އާސެނަލް އުޅެނީ ކުޅުނު ތިން މެޗުން މޮޅުވެ 9 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. ދެވަނައިގަ 7 ޕޮއިންޓާއެކު ޕީއެސްވީ އުޅޭއިރު ތިން ވަނައިގަ އުޅެނީ ގްލިމްތެވެ. ތާވަލްގެ ހަތަރުވަނައިގަ އުޅެނީ ޒިއުރިޗެވެ.