16 Oct 2022, 13:11
ގެނބިގެން މީހުން މަރުވާ ވާހަކަ އަޑުއިވުމަކީ ނައުފަލް މޫސާއަށް ކުޑައިރު އެންމެ ހިތްދަތި އިހުސާސްތަކެއް ކުރުވާ އެއް ކަމެވެ. އޭނާއަށް ލިބިފައިވާ ހުނަރާއި ގާބިލުކަން ބޭނުންކޮށްގެން މީހެއްގެ ފުރާނަ ސަލާމަތް ކުރުމަކީ ނައުފަލް އަބަދުވެސް ދެކެމުން އައި ހުވަފެނެކެވެ.
އއ. އުކުޅަހަށް އުފަން ނައުފަަލް އަކީ ކުޑައިރިއްސުރެ ވެސް ފެތުމަށް ޝައުގުވެރިކަން ހުންނަ ފެތުމަށް މޮޅު މީހެކެވެ. އޭނާގެ އެ ޝައުގު ބޭނުންކޮށްގެން 99 އިންސައްތަ ކަނޑު އޮންނަ ރާއްޖޭގެ ކުދިންނަށް ފަތަން ދަސްކޮށްދިނުމަށް ނައުފަލް އަޒުމު ކަނޑައެޅިއެވެ.
ސުކޫލުގައި ތައުލީމް ހާސިލުކުރި ދުވަސްވަރު އޭނާ ވަނީ ފެތުމުގެ އެކި މުބާރާތް ތަކުގައި ބައިވެރިވެ ރަން ވަނަ ހޯދައިފައެވެ. އެހެންނަމަވެސް އޭނާ އެންމެ ބޭނުންވި ހިތްހަމަޖެހުމެއް އެ ރަން ވަނަތަކަކުން ވެސް ނުލިބުނެވެ.
ނައުފަލް އެންމެ ކުޑައިރިއްސުރެ ވެސް ބޭނުންވާ ފަދައިން އޭނާ ބޭނުންވަނީ ފަތަން މީހުނަށް ދަސްކޮށްދޭށެވެ.

ނައުފަލް އޭނާގެ ދަރިވަރުންނާއެކު --- ފޮޓޯ/ ނައުފަލް
ފަތަން ދަސްކޮށްދިނުމުގެ ދާއިރާއަށް ވަދެވުން
ނައުފަލް މީހުންނަށް ފަތަން ދަސްކޮށްދޭން ފުރަތަމަ ފަށައިފައިވަނީ އޭނާގެ އުމުރުން އެންމެ 16 އަހަރުގައެވެ. އެއްވެސްކަހަލަ އުޖޫރައަކަށް އުންމީދު ކުރުމެއްނެތި އޭނާ ބޭނުންވީ އެކަމުން ހިތްހަމަ ޖެހުން ހޯދާށެވެ.
ފެތުމުގެ ރޮނގުން މީހުން ތަމްރީނު ކުރުމުގެ ފުރުސަތު އެންމެ ބޮޑީ މާލޭގައި ކަމުން އެ ފުރުސަތު ހޯދުމަށް ނައުފަލް މާލެ ބަދަލުވިއެވެ. މާލެ ބަދަލުވެ އޭނާ ވަނީ ފަތަން ދަސްކޮށްދިނުމުގެ ލައިސެންސް ނަގައި މީހުންނަށް އެންމެ ފުރިހަމަ ގޮތުގައި ފަތަން ދަސްކޮށްދޭން ފަށައިފައެވެ.
މާލެއަކީ ފަތަން ދަސްކޮށްދޭ ގިނަ އިންސްޓަރަކްޓަރުން އުޅޭ ސިޓީއަކަށް ވެފައި އަތޮޅުތެރެއަށް ދޭތެރެ ދޭތެރެއިން ކުރާ ދަތުރު ތަކުން އަތޮޅު ތަކުގައި ފަތަން ދަސްކޮށްދިނުމުގެ މަސައްކަތް ވަރަށް ބޮޑަށް ފަސްލެވި ވަޅުޖެހިފައިވާކަން ނައުފަލަށް އިހުސާސް ކުރެވި އެ ރަށްތަކަށް ކުލާސްތައް ނަގެމަށް ނާއުފަލް ދާން ބޭނުންވިއެވެ.
"އަޅުގަނޑު މި ޕްރޮގްރާމް ފަށަން ގަސްދުކުރީ ރާއްޖޭގެ ރަށްތަކުގައި ސްވިމިން ޕްރޮގްރާމްތައް ވަރަށް ނުހިންގޭ. ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރުން މާލޭގެ މި މަސައްކަތް ކުރަނީ." ނައުފަލް ބުންޏެވެ.
އޭނާ ބުނީ މާލޭގައި ވިޔަސް ބެލެނިވެރިޔަކު ކުއްޖަކަށް ފަތަން ދަސްކޮށްދިނުމަށް ތިން ހާހާއި ހަތަރު ހާހާ ގާތްކުރާ އަދަކަށް ރުފިޔާ ޚަރަދު ކުރަން ޖެހޭކަމަށެވެ. އެހެންމަވެސް އެ ގޮތަކީ އޭނާ އެއްގޮތަކަށް ވެސް ގަބޫލުކުރާ ގޮތެއް ނޫންކަމަށް ނައުފަލް ބުންޏެވެ.
"ފަތަން ދަސްކޮށްލަން އެވަރު އެއީ ވަރަށް ބޮޑު އަދަދެއް. އޭގެ މާނައަކީ އަޅުގަނޑު ބޭނުންވަނީ ޚިދުމަތެއްގެ ގޮތުގައި ކުޑަ އަގަކަށް މިކަން ކުރަން،" ނައިފަލް ބުންޏެވެ.

ނައުފަލް ބައިވެރިވާ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއްގެ ތެރެއިން --- ފޮޓޯ/ ނައުފަލް
ބޭނުންވަނީ ހިލޭ ސާބަހަށް ވިޔަސް މީހުންނަށް ފަތަން ދަސްކޮށްދޭން
ނައުފަލް ގަބޫލުކުރާ އެއް އަސްލެއް އޮވެއެވެ. ފަތަން ދަސްކޮށްދިނުމަކީ ވިޔަފާރިއަކަށް ކޮށްގެންވާނެ ކަމެއް ނޫނެވެ. އެއާ ޚިލާފަށް ކުދިންނަށް ދޭ ޚިދުމަތެއްގެ ގޮތުގައި އެކަން ކުރުމަށް ނައުފަލް ބޭނުންވެއެވެ. މި ޖަޒީރާ ރާއްޖޭގެ ކޮންމެ ކުއްޖަކީ ފަތަން ދަސްވެފައިހުރި ކުއްޖަކަށް ވާން ނައުފަލް ބޭނުންވެއެވެ.
"އަޅުގަނޑު އަރިއުތުރު ސްވިމިން ޕްރޮގްރާމް ހަމަ ހިލޭ ސާބަހަށް މި މަސައްކަތް ކޮށްދެނީ،" ނައުފަލް ބުންޏެވެ.
އޭނާ ބުނީ ހަމައެކަނި އަރިއަތޮޅުގައި ހިންގުނު ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްގައި ވެސް 600 އެއްހާ ކުދިންނަށް ހިލޭ ސާބަހަށް ފަތަން ދަސްކޮށްދީފައިވާނެކަމަށެވެ.
މިހާރު ޅ. އަތޮޅުގައި އެ އަތޮޅުގެ ކުޑަ ކުދިންނަށާއި ބޮޑެތި މީހުންނަށް ފަތަން ދަސްކޮށްދޭން ގޮސް ހުރިކަމަށް ނައުފަލް ބުންޏެވެ.
އޭނާ ބުނީ ޅ. ހިންނަވަރުގެ 450 އަށް ވުރެ ގިނަ ކުދިންނަށާއި މީހުންނަށް މި ދަތުރުގައި ވެސް ފަތަން ދަސްކޮށްދީފައިވާކަމަށެވެ. އަދި ނައިފަރުގެ ވެސް އެއަދަދަށް ކުދިނަށް ފަތަން ދަސްކޮށްދެވޭނެކަމަށް އޭނާ ބުނެއެވެ.
"މިހާރު އަޅުގަނޑު މިހިރީ ޅ. އަތޮޅުގައި. އެއީ ސްވިމިން އެސޯސިއޭޝާންގެ ފަރާތުން އައިސް. އެހެންވީމާ ހިލެޔަކު ނޫން މި ކޯސް މި ހިންގަނީ،" ނައުފަލް ބުންޏެވެ.
ނައުފަލް ބުނީ މިގޮތަށް ކިތަންމެ ރަށަކަށް މިހާރު ފަތަން ދަސްކޮށްދިނުމަށް ދެވިފައިވާނެކަަށެވެ. އޭނާ ބޭނުންވަނީ މުޅި ރާއްޖޭގައި ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށެވެ.
"އަޅުގަނޑު ހިލޭ ވިޔަސް މިކަންކަން ވީހާވެސް ފުޅާކޮށް ކުރަން ބޭނުންވާކަމަކީ،" ނައުފަލް ބުންޏެވެ.

ނައުފަލް ބައިވެރިވާ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއްގެ ތެރެއިން --- ފޮޓޯ/ ނައުފަލް
ފަތަން ދަސްކޮށްދެވުނު ކުދިންގެ އަދަދު ނޭނގޭ
ނައުފަލްގެ ވާހަކަ އަޑުއަހައިފައި ކޮށްލަން ބޭނުންވި ސުވާލަކީ ކިހާ އަދަދެއްގެ ކުދިންނަށް ފަތަން ދަސްކޮށްދީފިންތޯއެވެ. އެ ސުވާލުގެ ޖަވާބުގައި އޭނާ ބުންޏެވެ.
"އަޅުގަނޑުގެ އުމުރުން ވީހާދުވަހެއް ގާތްގަނޑަކަށްވީ މިކަމުގައި އުޅޭތާ. މުޅި އެސްޓިމޭޓެއް ވެސް ހަދާލާކަށް ނޭނގެ،"
އޭނާ ބުނީ ވަރަށް ގިނަ ކުދިންނަށް އޭނާއަށް ފަތަން ދަސްކޮށްދެވިފައިވާނެކަމަށެވެ. ކުޑަ ހިސާބެއް ޖަހާނަމަ ގާތް ގަނޑަކަށް އަހަރެއްގެ މަށްޗަށް ހާހެއްހާ ކުދިންނަށާއި މީހުނަށް ފަތަން ދަސްކޮށްދެވޭނެކަމަށް އޭނާ ބުންޏެވެ.
އުމުުރުން 16 އަހަރުގައި ކުދިންނަށް ފަތަން ދަސްކޮށްދޭން ފަށާފައިވާއިރު މިހާރު 38 އަހަރު އޭނާއަށް ފުރުނުއިރު މިވީ 22 އަހަރުގެ ތެރޭގައި ފަތަން ދަސްކޮށްދެވުނު މީހުންގެ އަދަދު 20،000 އަށް ވުރެ މަށްޗަށް އަރާނެކަމަށް އޭނާ ލަފާކުރެއެވެ.
"ހަމަގައިމުގެ ވެސް 20،000އަށް ވުރެ މަދެއް ނުވާނެ އަޅުގަނޑަށް 38 އަހަރު ވާއިރު ދަސްކޮށްދެވުނު ކުދިންގެ އަދަދު،" ނައުފަލް ބުންޏެވެ.
އެންމެ ބޮޑު ކާމިޔާބީ
ނައުފަލަކީ 2018 ވަނަ އަހަރު ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ހިންގުމާއި މީހުން ބިނާކުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ހާސިލުކޮށްފައިވާ މީހެކެވެ.
އެ އިނާމަށްވުރެ ބޮޑަށް ނައުފަލް އުފާވާ ފަޚްރުވެރިވާ ކަމެއް އެބައޮތެވެ. އެއީ ރާއްޖޭގެ ގައުމީ ފެތުންތެރިންގެ ޓީމުގައި ހިމެނިގެން ބޭރު ގައުމެއްގައި ރާއްޖެ ތަމްސީލުކޮށްލަން ލިބުމެވެ.

ރާއްޖޭގެ ގައުމީ ޓީމުގައި ހިމެނި ނައުފަލް ފެތުމަށް ސައުދި އަރަބިއާއަށް ގޮސް -- ފޮޓޯ/ ނައުފަލް
މީގެއިތުރުން އޭނާގެ ފުށުން އެހެން ބަޔަކަށް އެއްޗެއް ދަސްވިކަމުގެ އިހުސާސް ކުރެވުމަކީ ވެސް މި ދާއިރާގައި ލިބުނު ކާމިޔާބީއެއްކަމަށް ނައުފަލް ސިފަކުރެއެވެ. އަދި މީހުން އޭނާގެ މަސައްކަތް ބަލައިގަތުމަކީ ވެސް އޭނާއަށް ލިބުނު ކާމިޔާބީއެއްކަމަށް އޭނާ ދެކެއެވެ.
ނައުފަަލް މި ދާއިރާގައި ދެކެން ބޭނުންވާ ދުވަހެއް އެބައޮތެވެ. އެއީ މި ރާއްޖޭގައި އެންމެ ގިނަބަޔަކަށް ފަތަން ދަސްކޮށްދިން މީހާގެ ޝަރަފް އޭނާއަށް ލިބޭ ދުވަހެވެ.
މިހާ ބޮޑު މަސައްކަތެއް ކުރާއިރު އެ މަސައްކަތެއް ކުރެވޭނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކު ކަމަށް ނައުފަލް ބުނެއެވެ. އެގޮތުން ސްވިމިން އެސޯސިއޭޝަންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭކަމަށް އޭނާ ބުންޏެވެ. އެހެންނަމެވެސް އެފަދަ ބޮޑު މަސައްކަތެއް ކުރުމަށް އެ އެސޯސިއޭޝަންގައި އެހާ ބޮޑު ބަޖެޓެއް ނަތްކަން ނައުފަލް ފާހަގަކުރިއެވެ. އޭނާ ބޭނުންވަނީ އޭނާގެ އެ މަސައްކަތް ބަލައިގަނެ ރަށްރަށުގެ ކުދިންނަށް ފަތަން ދަސްކޮށްދޭން ސަރުކާރުގެ އެހީތެރިކަން ލިބުމެވެ.