15 Oct 2022, 16:38
މައިކްރޮސޮފްޓުން ދަނީ ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ އޮފީސް އެޕް ރީބްރޭންޑްކޮށް، އޮފީސްގެ އަޕްޑޭޓްތައް މައިކްރޮސޮފްޓް 365އަށް ދޫކުރަމުން ކަމުގައި ޓެކް ޚަބަރުތައް ބުނެފިއެވެ.
މައިކްރޮސޮފްޓް އޮފީސްގެ ފުރަތަމަ ވާޝަން ނެރުނުތާ 30 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ފާއިތުވި އަހަރުތަކުގައި ގިނަ ބަޔަކު ވަނީ މެދުކެނޑުމެއްނެތި ތަފާތު ކަންކަމަށް އޮފީސް ބޭނުންކޮށްފައެވެ. އެގޮތުން ގިނަ އަދަދެއްގެ ލިޔުންތަކާއި ސްޕްރެޑްޝީޓްތަކާއި ޕްރެޒެންޓޭޝަންތައް އުފެއްދުމަށް އޮފީސް ސޮފްޓްވެއާ އެހީތެރިވެދީފައިވެއެވެ.
އަންނަ މަހުން ފެށިގެން އޮފީސް ޑޮޓްކޮމް، މައިކްރޮސޮފްޓް365.ކޮމް އަށް ރީޑައިރެކްޓް ކުރާނީ އާ އައިކަންއަކާއެކު މުޅިން އާ ގޮތަކަށް، ފަހުގެ ފީޗާސްތަކަކާއެކު ވަރަށް ފުރިހަމަކޮށް ކަމަށް ރިޕޯޓްތައް ބުނެއެވެ.
އޮފީސް މޯބައިލް އެޕާއި ވިންޑޯޒްގައި ހުންނަ އޮފީސް އެޕަށް ވެސް އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ހަމަ އެ ބަދަލު އަންނާނެ ކަމަށްވެއެވެ. އަދި ސްކޫލަށް ނުވަތަ އަމިއްލަ ބޭނުންތަކަށް އޮފީސް އެޕްތައް ބޭނުންކުރާ ކޮންމެ މީހަކަށް ވެސް އެ އެޕްތަކާގުޅޭ ފަހުގެ އަޕްޑޭޓް ލިބޭނެކަމަށް ބެލެވެއެވެ.

މައިކްރޮސޮފްޓް އޮފީސްގެ ފުރަތަމަ ވާޝަން ނެރުނުތާ މިހާރު ވަނީ 30 އަހަރުވެފައި --
މައިކްރޮސޮފްޓުން ބުނީ މައިކްރޮސޮފްޓް 365 ބްރޭންޑިންއަށް ބަދަލުވުމަކުން މިހާރު ހުރި އެކައުންޓްތަކާއި ޕްރޮފައިލްތަކާއި ސަބްސްކްރިޕްޝަންތަކާއި ފައިލްތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ. އެ ބަދަލުތައް އޮޓޮމެޓިކުން އަންނާނެ ކަމަށް މައިކްރޯސޮފްޓުން ބުނެއެވެ.
އޮފީސް ސޫޓް ރީބްރޭންޑްކޮށް ބޮޑެތި ބަދަލުތަކެއް ގެނައިކަމުގައިވިޔަސް ވޯޑް، އެކްސެލް، ޕަވަޕޮއިންޓް އަދި އައުޓްލުކް ފަދަ އެޕްތަކުގެ ކުރީގެ ސިފަ އެއްކޮށް ފިލައިގެން ނުދާނެއެވެ.
މައިކްރޮސޮފްޓް 365 އެޕަށް ކަނޑައެޅިފައިވާ އާ ފީޗާތަކުގެ ތެރޭގައި ކަސްޓަމް ޓެގް ބޭނުންކޮށްގެން ކޮންޓެންޓް ގްރޫޕްކޮށް އޯގަނައިޒް ކުރެވޭނެ އާ ގޮތާއި، މަސައްކަތްކުރާ މީހުންނާއި މަސައްކަތްކުރާ ކަންކަމާ ބެހޭ މައުލޫމާތު ހިމެނޭ ކޮންޓެންޓް ފީޑަކާއި އާ ކޮންޓެންޓް އުފެއްދުމުގެ ޓެމްޕްލޭޓްތައް ހިމެނެއެވެ.