އާންމު ތަންތަނުގައި ހުންނަ ޗާޖިން ސްޓޭޝަންތައް މެދުވެރިކޮށް ފޯނު ޗާޖުކުރާއިރު ހެކަރުން ފޯނުގައި ހުންނަ މައުލޫމާތު ވަގަށް ނަގާފާނެ ކަމުގެ އިންޒާރު އިންޑިއާގެ އޮޑިޝާ ސްޓޭޓުގެ ފުލުހުން ދީފިއެވެ.

އިންޑިއާގެ އިރުމަތީ ހިސާބެއްގައި އޮންނަ ސްޓޭޓެއް ކަމަށްވާ އޮޑިޝާގެ ފުލުހުން ބުނާ ގޮތުގައި ޕަބްލިކް ޗާޖިން ސްޓޭޝަންތަކަށް ހެކަރުން މެލްވޭއާ ނުވަތަ ފޯނުގެ ސެކިއުރިޓީއަށް ގެއްލުންވާފަދަ ސޮފްޓްވެއާއެއް ލޯޑްކޮށް، ފޯނުގައި ހުންނަ ޒާތީ މައުލޫމާތު ވަގަށް ނަގައިފާނެއެވެ.

އެހެންކަމުން އެކަމަށް ސަމާލުވުމަށް އެދި އޮޑީޝާގެ ފުލުހުން ނެރުނު އިލްތިމާސްގައި ވަނީ ހެކަރުން މެލްވެއާ އަޅާފައިވާ ޗާޖިން ސްޓޭޝަންތަކުގައި ފޯނު ޗާޖުކުރަން ކޭބަލް ގުޅާލުމުން، ފޯނުގައި ހުންނަ ސިއްރު މައުލޫމާތު ހެކަރުންނަށް ލިބިދާނެ ކަމަށެވެ.

އޮޑިޝާ ފުލުހުން މިހެން ބުނި ނަމަވެސް ތަޖުރިބާކާރުން ލަފާ ދީފައިވަނީ މިފަދަ ޑޭޓާ ވަގަށް ނެގުމުގެ ހާދިސާތައް ކުރިމަތިވާނީ ޔޫއެސްބީ ޗާޖިން ޕޯޓެއް ބޭނުންކުރާނަމަ ކަމަށެވެ. އޭގެ ބަދަލުގައި ޗާޖިން އެޑަޕްޓަރެއްގެ އެހީގައި އިލެކްޓްރިކް ސްވިޗް ޕްލަގް ބޭނުން ކުރުމަކުން މިކަމުގެ ނުރައްކަލެއް ނެތްކަމަށް އެފަރާތްތަކުން ފާހަގަކުރެއެވެ. ޒާތީ މައުލޫމާތު ލީކްވުމުގެ އިތުރުން މިކަމުގައި އޮތް އަނެއް ނުރައްކަލަކީ ހެކް ކުރާ ފޯނު މެދުވެރިކޮށްގެން ފޯނުގެ ވެރި ފަރާތުގެ ނަމުގައި ކުށްވެރިންނަށް ޖަރީމާތައް ހިންގޭނެކަމެވެ.

މިފަދަ ހާލަތްތަކުން ދުރުހެލިވާނީ ކިހިނެއް؟

ގާތްގަނޑަކަށް ހުރިހާ ފޯނެއްގައި ވެސް މިހާރު އެއްވެސް ޑޭޓާއެއް ޓްރާންސްފާ ކުރާނަމަ އެ ޑޭޓާއެއް ފޮނުވުމުގެ ކުރިން ނުވަތަ ޗާޖު ކުރަން ފެށުމުގެ ކުރިން ޔޫޒަރުގެ ހުއްދައަށް އެދެނީ، ފޯނު ޔޫއެސްބީ ޕޯޓެއްގައި ގުޅާފައިވާ ނަމައެވެ. އަދި ހަމަ އެހެންމެ އެއްވެސް މަސައްކަތެއް ކުރުމަށް ބޭނުން ވެއްޖެ ނަމަވެސް ޔޫޒަރުން އަމިއްލައަށް ހުއްދަ ދޭންވެސް ޖެހެއެވެ.

އެހެންކަމުން ޕަބްލިކް ޗާޖިން ސްޓޭޝަނެއް މެދުވެރިކޮށް ސްމާޓްފޯނު ޗާޖު ކުރަމުން ދަނިކޮށް ހުއްދައަށް އެދޭ އެއްވެސް ނޮޓިފިކޭޝަނެއް ފެނިއްޖެނަމަ ވެގެން އުޅޭ ގޮތް ވަގުތުން ބަލަންޖެހޭނެއެވެ. މިކަމުގައި އެއްވެސް ޝައްކުކުރެވޭ ޒާތުގެ ކަމެއް އުޅޭނަމަ މި އެދުން ބާތިލްކޮށް ޗާޖިން ސްޓޭޝަނުން ފޯނު ވަކިކޮށްލުން ބުއްދިވެރިވާނެއެވެ.

އެންމެ ރައްކާތެރި ގޮތަކީ ދުރުދަތުރަކަށް ދާއިރު، ނުވަތަ ބޭރުން ޗާޖުކުރަން ޖެހިދާނެކަމަށް ލަފާކުރެވޭ ހިނދު ޕަވާ ބޭންކެއް ގެންދިއުމެވެ. އަނެއް ގޮތަކީ ހަމައެކަނި ފާރުގައި ހުންނަ ކަރަންޓް ސޮކެޓެއް މެދުވެރިކޮށް ފޯނު ޗާޖު ކުރުމެވެ.