ސްޕެއިންގައި ގާނޫނީ ދާއިރާއިން ކިޔަވާ ދަރިވަރަކު އިމްތިހާނުގައި މަކަރު ހަދަން، ގަލަންތަކުގައި ނޯޓް ލިޔެގެން ގެންދިޔަ މައްސަލަައަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

ސްޕެއިންގެ ދަރިވަރަކު އޭނާގެ ކްރިމިނަލް ޕްރޮސީޖަރަލް ލޯ އިމްތިހާނަށް ދިޔައީ ނޫކުލައިން ލިޔެވޭ 11 ގަލަން ހިފައިގެންނެވެ. ދުރުން ބަލާއިރު އެ ގަލަންތަކުން މާ ހާއްސަ ކަންތައްތަކެއް ފާހަގައެއް ނުވެއެވެ. ނަމަވެސް ކައިރިން ބަލާލުމުން ފެންނާނީ ހައިރާން ކުރުވާ މަންޒަރެކެވެ.

ސްޕެއިންގެ މަލާގާ ޔުނިވާސިޓީގެ ލެކްޗަރާއެއް ކަމަށްވާ ޔޮލަންޑާ ޑި ލޫޗީ ވިދާޅުވިގޮތުގައި އެ ގަލަންތަކަކީ މީގެ އަހަރުތަކެއް ކުރިން އެ ޔުނިވާސިޓީގެ ދަރިވަރަކު މަކަރު ހެދުމަށް ބޭނުންކުރި ގަލަންތަކެކެވެ. އޭނާ އެ ގަލަމުގެ ފޮޓޯ ދާދި ފަހުން ޓްވިޓާއަށް ލުމާއެކު އެ ފޮޓޯތައް ވަނީ ވައިރަލް ވެފައެވެ.

އެ ފޮޓޯއިން ފެންނަ ގަލަންތަކުގައި ވަނީ ވަށައިގެން ނޯޓުތައް ލިޔެފައެވެ. ނަމަވެސް ހައިރާންވާ ތަންކޮޅަކީ އެ ލިޔެފައިވަނީ ގަލަމަކުން ނުވަތަ ފަންސޫރަކުން ނޫން ކަމެވެ. ގަލަމުގައި ލިޔެފައި ވަނީ ކަނޑައި ނަގައިގެންނެވެ.

ޑި ލޫޗީގެ ޓުވީޓަށް ރިޕްލައި ކުރި މީހަކު ވަނީ އެ މަސައްކަތް ކުރި ދަރިވަރު ދަންނަ ކަމަށާއި އެގޮތަށް ކަނޑާނަގައިގެން ގަލަމުގައި ލިިޔެފައި ވަނީ، މެކޭނިކަލް ފަންސުރަކަށް ތިނޯހެއް ލައްވައިގެން ކަމަށް ބުނެފައެވެ.

ނަމަވެސް 11 ގަލަން ފުރެންދެއް ކުދިކުދިކޮށް ނޯޓް ނެގުމަކީ އެތައް ގަޑިއިރެއްގެ މަސައްކަތް ކަމަށް އެތައް ބަޔަކު ފާހަގަކުރިއެވެ. އެގޮތަށް ކޮޕީ ކުރުމުގެ ބަދަލުގައި ޓެސްޓަށް ދަސްނުކުރީ ކީއްވެތޯ އެތައް ބަޔަކު ސުވާލު އުފެއްދިއެވެ.