ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ކަމަށްވާ ބްރެންޑަން ފްރޭޒާ މަގުބޫލުވި ފިލްމު ކަމަށްވާ "ދަ މަމީ"އަށް އޭނާ އެނބުރި އަންނަން އުޅޭ ކަހަލަ ވާހަކަތަކެއް ދައްކައިފިއެވެ.

ދިވެހިންގެ މެދުގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ދަ މަމީ އަކީ ބޮޑު ފްރެންޗައިޒްއެކެވެ. ރީބޫޓްކޮށް 2001 ވަނަ އަހަރު ފެށި ދަ މަމީ ފްރެންޗައިޒްއަށް ވަނީ ބޮކްސް އޮފީހުގައި 1.45 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.

މި ފްރެންޗައިޒްގެ ފުރަތަމަ ފިލްމުން ބްރެންޑަން އާއި ރޭޗަލް ވީޒް ބޮޑު މަގުބޫލު ކަމެއް ހޯދިއެވެ. އެއާއެކު ބްރެންޑަންގެ ކެރިއަރު ވެސް އޮތީ ވަރަށް އުއްމީދީކޮށެވެ. ނަމަވެސް އެއަށްފަހު އޭނާގެ އާއިލާއާއި އަމިއްލަ ހަޔާތުގައި ދިމާވި ކަންތައްތަކާ ގުޅިގެން ހޮލީވުޑުން އޭނާ ބޭރުކޮށްލީ ވަރަށް ނާއިންސާފުންނެވެ.

އެއަށްފަހު ބްރެންޑަން ވަނީ އަލުން ހޮލީވުޑަށް އެނބުރި އައިސްފައެވެ. މިއަހަރު ނެރޭ ޑްރާމާ ފިލްމު "ދަ ވޭލް"އާއެކު މިއީ ބްރެންޑަންގެ އެކްޓިން ކެރިއަރަށް އަލުން ދިރުމެއް ލިބެން ފަށާފައިވާ އަހަރެކެވެ.

އެއާއެކު ބައެއް ފޭނުން ސުވާލު އުފައްދަމުން އަންނަނީ ބްރެންޑަން އަލުން "ދަ މަމީ"ގެ ރޯލުން ފެންނާނެ ކަމާ މެދުގައެވެ. އެކަމަށް ޖަވާބު ދެމުން ބްރެންޑަން ބުނެފައިވަނީ މަމީގެ ރޯލަށް އަލުން އެނބުރި އަންނަން ބޭނުންވާ ކަމަށެވެ. އަދި އެފަދަ ފުރުސަތެއް ލިބިއްޖެ ނަމަ އުފަލާއެކު އެ ފުރުސަތުގެ ބޭނުން ހިފާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.

ބްރެންޑަންގެ މަމީ ފްރެންޗައިޒްއަށް ފަހު ޔުނިވާސަލް ޕިކްޗާއިން ވަނީ ދަ މަމީ އަލުން އަނބުރާ ގެނައުމަށް މަސައްކަތް ކޮށްފައެވެ. އަމިއްލަ ބިރުވެރި ފިލްމުތަކުގެ ޔުނިވާސްއެއް އުފައްދައި މަމީ ފިލްމެއް އެންމެ ފަހުން ނެރެފައި ވަނީ ޓޮމް ކްރޫޒް ލީޑް ރޯލު ކުޅެގެންނެވެ. ނަމަވެސް 2017 ގައި ނެރުނު އެ ފިލްމު ވެފައިވަނީ ފްލޮޕަކަށެވެ.