14 Oct 2022, 10:43
މިދިޔަ އަހަރު ނެރުނު އެންމެ ބޮޑު އެއް ސައިފައި ފިލްމު "ޑޫން"ގެ ދެވަނަ ބައި ނެރުމަށް ތާވަލުކޮށްފައިވާ ތާރީހަށްވުރެ އަވަހަށް ރިލީޒްކުރުމަށް ނިންމައިފިއެވެ.
މިއަހަރުގެ އޮސްކާގައި އެންމެ ގިނަ އެވޯޑުތައް ހޯދާފައިވާ ފިލްމު ޑޫން އަކީ ބޮޑު ކާސްޓަކާއެކު ތައްޔާރުކޮށްފައިވާ ވަރުގަދަ ސައިފައި ފިލްމެކެވެ.
އެ ފިލްމުގެ ފުރަތަމަ ބައި ރިލީޒްކޮށް މާ ގިނަ ދުވަސްތަކެއް ނުވަނީސް ފިލްމުގެ ދެވަނަ ބައިގެ މަސައްކަތް ވަނީ ފަށާފައެވެ. އެއާއެކު ދެވަނަ ބައެއް ނެރުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ނޮވެމްބަރު 17 އަށެވެ. ނަމަވެސް ފިލްމުގެ ޕްރޮޑަކްޝަން ވޯނާ ބްރޮސް އިން ބުނެފައިވަނީ ފިލްމު ނެރޭ ތާރީހު އަވަސް ކޮށްފައިވާ ކަމަށެވެ.
މިހާރު ފިލްމު ނެރުން ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ނޮވެމްބަރު ތިނަކަށެވެ. މިއީ ވަރަށް ހާއްސަ ކަމެކެވެ. ފިލްމެެއް ޑިލޭ ވުމަކީ ވަރަށް އާންމު ކަމެކެވެ. ބޮޑެތި ޕްރޮޖެކްޓުތައް އެތައް ފަހަރަކު ލަސްކުރުމަކީ ވެސް ގިނައިން ފެންނަ ކަމެކެވެ. ނަމަވެސް ފިލްމެއް އަވަސް ކުރުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ.
މިދިޔަ އަހަރު ނެރުނު ޑޫންގެ ފުރަތަމަ ބަޔަކީ އެ ފިލްމު ބިނާ ކޮށްފައިވާ ވާހަކަ ފޮތުގެ ދެބައިކުޅަ އެއްބައެވެ. ފުރަތަމަ ފިލްމުގައި ލީޑުން ފެނުނު ޓިމޮތީ ޝަލަމޭ އާއި ޒެންޑާޔާ އަދި ރިބެކާ ފާގަސަންގެ އިތުރުން ޖޯޝް ބްރޯލިން އާއި ހަވިއޭ ބާޑެމްއެވެ. ދެވަނަ ފިލްމަކީ ވާހަކަ ފޮތުގެ ދެވަނަ ބައެވެ.
ޑޫން އަށް ބޮކްސް އޮފީީހުގައި ވެސް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފައެވެ. އެގޮތުން އެ ފިލްމަށް ޖުމްލަ 500 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ވަނީ ލިބިފައެވެ.