03 Apr 2012, 16:16
ސެންފްރަންސިސްކޯ (މާޗް 4) : އެމެރިކާގައި ކްރިސްޓިއަން ތަޢްލީމްދޭ ޔުނިވާސިޓީ ކޮލެޖެއްގައި ހިންގި ބަޑިޖެހުމުގެ ޙާދިސާއެއްގައި ހަތް މީހުން މަރުވެ ތިން މީހަކު ވަރަށް ބޮޑަށް ޒަޚަމްވެއްޖެވެ.
އެމެރިކާގެ އޮކްލޭންޑްގެ ފުލުހުންގެ ވެރިޔާ ހެރަޑް ގޯރޑަން ވިދާޅުވިގޮތުގައި ބަޑިޖެހުމުގެ ޢަމަލު ހިންގިކަމަށް ބެލެވެނީ އެލަންގޯ ނަމަކަށްކިޔާ ކޮރެޔާ ނަސްލުގެ އެމެރިކާ ރައްޔިތެކެވެ. ރޭގެ ވަގުތެއްގައި އެމީހާވަނީ އެލަމައިޑާ ސިޓީގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ. މި ޖަރީމާގ ފަހަތުގައިވާ ސަބަބެއް އަދި އެނގިފައެއްނުވެއެވެ.
މަންޒަރުދުށްމީހުން ބުނިގޮތުގައި ބަޑިޖެހުމުގެ ޢަމަލު ހިންގި އެލަންގޯ އަކީ ކްރިސްޓިޔަން ތަޢްލީމުދޭ އުވައިކްސް ޔުނިވަރސިޓީ ކޮލެޖްގައި ނަރސިންގ ގެ ރޮނގުން ކިޔަވާ ދަރިވަރެކެވެ. އޭނާ މިޖަރީމާ ހިންގީ އެކޮލެޖްގެ ކްލާސްރޫމެއްގައި ލެކްޗަރެއް އަޑުއަހަން އިނދެފައި ކުއްލިއަކަށް ބަޑިނެގުމަށްފަހު ކްލާސްރޫމްގައިތިބި މީހުންނަށް އަމާޒުކޮށް ގޮތެއް ފޮތެއްނުބަލައި ބަޑިޖަހައިގެން ކަމަށް މަންޒަރު ދުށްމީހުން ބުނެއެވެ.
އުވައިކްސް ޔުނިވަރސިޓީ ކޮލެޖަކީ ކްރިސްޓިޔަން ދީނުގެ އިތުރުން ޙަކީމީ ބޭސްވެރިކަމާއި މިޔުޒިކާއި ނަރސިންގ ވެސް ކިޔަވައިދޭ ކޮލެޖެކެވެ. މިކޮލެޖްގައި ގިނައިން ކިޔަވަނީ ކޮރެޔާ ނަސްލުގެ މީހުންނެވެ. އެމެރިކާގެ ޔުނިވަރސިޓީތަކުގައި މިބާވަތުގެ ޖަރީމާތައް ވަރަށް ގިނައިން ހިންގަމުން ގެންދެއެވެ. -- ޔޫޕީއައި