14 Oct 2022, 10:27
މިއުޒިކް އިންޑަސްޓްރީގައި ދޭ އެންމެ ޝަރަފުވެރި އެވޯޑުތަކުގެ ތެރޭގައި ހިމެނޭ، އެމެރިކަން މިއުޒިކް އެވޯޑްސް (އޭއެމްއޭސް)އަށް އާ ކެޓަގަރީއެއް ތައާރަފުކޮށް ނޯމިނޭޝަން ލިސްޓު އާންމުކޮށްފިއެވެ.
މިއަހަރުގެ އޭއެމްއޭސްގެ ލިސްޓުގައި ޖުމްލަ އަށް ނޯމިނޭޝަންއާ އެކު އެއްވަނައިގައި އޮތީ ޕުއެޓަރިކަން ލަވަކިޔުންތެރިޔާ ބޭޑް ބަނީއެވެ. އެގޮތުން އެވޯޑު ޝޯގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ "އާޓިސްޓް އޮފް ދަ އިޔާ" އެވޯޑަށް ވެސް ވަނީ އޭނާ ނޯމިނޭޓް ވެފައެވެ.
މިއަހަރުގެ ނޯމިނޭޝަންގައި ހުރި ހުރިހާ އެވޯޑެއް އޭނާއަށް ލިބިއްޖެ ނަމަ ވަގުތުން މިއުޒިކް ލެޖެންޑުން ކަމަށްވާ މައިކަލް ޖެކްސަން އާއި ވިޓްނީ ހިއުސްޓަން އާ އަރާ ހަމަވާނެއެވެ. މި ދެ އާޓިސްޓުން ވެސް ވަނީ އޭއެމްއޭސްގެ އެއް ހަފުލާގެ ތެރެއިން އަށް އެވޯޑު ހޯދާފައެވެ.
ލިސްޓުގައި ދެވަނައިގައި އުޅެނީ ހޮލީވުޑްގެ ބޮޑެތި އާޓިސްޓުން ކަމަށްވާ ބިޔޯންސޭ އާއި ޓޭލާ ސްވިފްޓް އަދި ޑްރޭކެވެ. މި ތިން އާޓިސްޓުން ވެސް ވަނީ ކޮން މީހަކު ހަ އެވޯޑަކަށް ނޯމިނޭޓްވެފައެވެ. އޭގެ މާނައަކީ ބިޔޯންސޭ އާއި ޓޭލާ އަކީ މިއަހަރު އެންމެ ގިނަ ނޯމިނޭޝަން ލިބުނު އަންހެން އާޓިސްޓުންނެވެ.
މިއަހަރުގެ އެވޯޑަށް ދެ ކެޓަގަރީ އެއް ވަނީ ތައާރަފުކޮށްފައެވެ. އެއީ އެފްރޯ ބީޓްސް އާޓިސްޓާއި އެންމެ މޮޅު ކޭޕޮޕް އާޓިސްޓެވެ. ކޭޕޮޕްއަށް ވަކި ކެޓަގަރީއެއް ހެދިއިރު އެމެރިކާގެ މިއުޒިކް އިންޑަސްޓްރީގައި ކޭޕޮޕްގެ ނުފޫޒު އަންނަނީ ގަދަވަމުންނެވެ. އެގޮތުން އެވޯޑު ޝޯގައި ގިނަ ކޭޕޮޕް ބޭންޑުތަކެއް ވަނީ ނޯމިނޭޓްވެފައެވެ. އޭގެތެރޭގައި ބީޓީއެސް އާއި ބްލެކްޕިންކް އަދި ޓްވައިސް ހިމެނެއެވެ.