އެކިއެކި ޕްލެޓްފޯމްތަކަށް ލޮގިން ވުމުގައި ބޭނުންކުރާ ޕާސްވޯޑް ޖެހުމުގެ ގޮތްތަކަށް ބަދަލެއް ގެންނަން ޓެކް ކުންފުނިތަކުން އުޅޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެގޮތުން ގޫގުލް، މައިކްރޮސޮފްޓް، އަދި އެޕަލްއިން ދަނީ މެކްއޯއެސް، އައިއޯއެސް، އެންޑްރޮއިޑް، ވިންޑޯޒް އަދި އެކި ވެބް ބްރައުޒާތަކާއި، ވެބްސައިޓްތަކާއި އެޕްތަކަށާއި، ޑިވައިސްތައްވެސް އޮތެންޓިކޭޝަން ކީތަކަށް ބަދަލުކުރުމަށް ޔުނިފައިޑް ސްޓޭންޑަޑްތަކެއް އެކުލަވާލުމަށް އެއްބާރުލުން ދެމުންނެވެ.

ގޫގުލްއިން އަންނަ ބުދަ ދުވަހުން ފެށިގެން އެންޑްރޮއިޑް އަދި ކްރޯމްއަށް ޕާސްވޯޑްގެ ބަދަލުގައި ޕާސްކީއެއް ސަޕޯޓް ކުރާގޮތަށް ބޮޑު ބަދަލެއް ގެންނަންވަނީ ނިންމާފައެވެ. އެއާއެކު އެންޑްރޮއިޑް ޑިވައިސްތަކަށް ޕާސްވޯޑަކާ ނުލައި މެކްއޯއެސް ނުވަތަ ވިންޑޯޒް ކޮމްޕިއުޓަރުތަކުގައި އެކިއެކި ހިދުމަތްތަކަށް ލޮގް ކުރެވޭނެއެވެ.

ލޮގިން ވުމަށްޓަކައި ތަފާތު ޕާސްވޯޑްތައް ބޭނުންކުރާތާ އެތައް ޒަމާނެއް ވެފައިވީނަމަވެސް އެ ޕާސްވޯޑްތަކުގެ އުނި ކަންތައްތައް ކޮންމެ އަހަރަކު ވެސް އަންނަނީ ފާހަގަ ކުރެވެމުންނެވެ.

ހެކަރުންނަށް ފަސޭހައިން އަތުލައި ނުގަނެވޭނެ ފަދަ ރަނގަޅު ޕާސްވޯޑްތައް އީޖާދުކޮށް ހަނދާނުގައި ގިނަ ދުވަހު ބެހެއްޓުމަށް ޔޫޒަރުންނަށް އުނދަގޫވާތީ، އޭގެ ބަދަލުގައި ތަންކޮޅެއް ފަސޭހަ، އަބަދުވެސް ހަނދާނުގައި ހުންނަ ކަހަލަ ޕާސްވޯޑްތައް ގިނަ ބަޔަކު ބޭނުން ކުރެއެވެ. އޭގެ ނަތީޖާއަކަށްވަނީ ހެކަރުންނަށް އެފަދަ ޕާސްވޯޑްތައް އަތުލައިގަންނަން ފަސޭހަވުމެވެ.

ހެކަރުންގެ ފުށުން ސަލާމަތްވުމަށްޓަކައި، ބައެއް މީހުން ބޭނުންކުރަނީ ޕާސްވޯޑް މެނޭޖަރު ކަހަލަ ކޮންމެވެސް ޒާތެއްގެ ސޮފްޓްވެއާއެކެވެ. އެއީވެސް އެންމެ ރައްކާތެރި ގޮތެއްކަމުގައި ނުބެލެވެނީ ދޭތެރެ ދޭތެރެއިން އެފަދަ ޚިދުމަތްދޭ ބޮޑެތި ކުންފުނިތަކުންވެސް ޑޭޓާ ބްރީޗްތަކުން ސަލާމަތް ނުވެވި ހެކަރުންގެ އަތްދަށުވަމުން ދާތީއެވެ.

ލޮގިން ވުމަށްޓަކައި ތަފާތު ޕާސްވޯޑްތައް ބޭނުންކުރާތާ އެތައް ޒަމާނެއް ވެފައިވީނަމަވެސް އެ ޕާސްވޯޑްތަކުގެ އުނި ކަންތައްތައް ކޮންމެ އަހަރަކު ވެސް އަންނަނީ ފާހަގަ ކުރެވެމުން --

މިދިޔަ މެއި މަހު މައިކްރޮސޮފްޓާއި، ގޫގުލް، އަދި އެޕަލް އިން ވަނީ އޮތެންޓިކޭޝަން ސްޓޭންޑަޑްތައް އެކުލަވާލައި ޕްރޮމޯޓްކުރުމުގައި ދުނިޔޭގެ ފެންވަރުގައި މަސައްކަތްކުރާ އޯޕަން އިންޑަސްޓްރީ އެސޯސިއޭޝަނެއް ކަމަށްވާ "ފީޑޯ އެލަޔަންސް"އާ ގުޅިގެން ޕާސްވޯޑްތަކުގެ އުނިކަންތައްތައް ނައްތާލައި، އެކި ޕްލެޓްފޯމްތަކުގައި މަސައްކަތް ކުރުމަށް ލޮގިން ކުރެވޭނެ އާ ގޮތްތަކަށް ބަދަލުކުރުމަށް މަސައްކަތް ކުރުމަށް ވައުދުވެފައެވެ. އެގޮތުން މިހާރު އެކުންފުނިތަކުން ތަޢާރަފް ކުރަމުންދާ ޕާސްކީތަކަކީ އޭގެ ނަތީޖާއެވެ.

ޕާސްކީ ޖެނެރޭޓް ކުރުމަށްފަހު ސްމާޓްފޯނެއް ނުވަތަ ބަޔޮމެޓްރިކްސް ޖަހާފައިވާ ޓެބްލެޓެއް ފަދަ ޑިވައިސްއެއް އަންލޮކްކޮށް، އެ ޑިވައިސް ބޭނުންކޮށްގެން ކޮމްޕިއުޓަރުގައި ހުންނަ ކޮމްޕެޓިބަލް ވެބްސައިޓްތަކަށާއި އެޕްތަކަށް ލޮގިން ކުރެވޭނެއެވެ. ސާވާތަކުން ޕާސްކީތައް ރައްކާ ނުކުރާތީ، އެތަކެތި ލީކް ނުކުރެވޭއިރު، އެ ޕާސްކީތައް ތިންވަނަ ފަރާތަކަށްދިއުމުގެ ފުރުސަތެއްވެސް ނޯންނާނެއެވެ. އެ ޕާސްކީތައް ހުންނާނީ ހަމައެކަނި ޔޫޒަރުންގެ ޑިވައިސްތަކުގައެވެ. ޑިވައިސްތަކަށް ސިންކް ކުރާނީ ކްލައުޑް މެދުވެރިކޮށެވެ. އެހެންކަމުން ލޯކަލް އޮތެންޓިކޭޝަންއަށް ބަރޯސާވުމުން ފިޝިންގެ ނުރައްކާވެސް ކުޑަވެގެންދެއެވެ.

އެޕަލްއިން ވަނީ މިކަމުގައި އިސް ނަގައި އެއްބާރުލުން ދިނުމުގެ ގޮތުން އައިއޯއެސް 16 ބޭނުންކުރާ އައިފޯނުތަކަށް ޓަޗް އައިޑީ ނުވަތަ ފޭސް އައިޑީ ބޭނުންކޮށްގެން ސަފާރީގައި ހުންނަ ވެބްސައިޓްތަކަށް ނުވަތަ މެކްއޯއެސް ވެންޗޫރާގެ އެޕްތަކަށް ސައިން-އިން ކުރެވޭނެގޮތް ހަދާފައެވެ. މި ޕާސްކީތަކުން އައިކްލައުޑް ކީޗެއިން ބޭނުންކޮށްގެން ޑިވައިސްތަކުގެ މެދުގައި އެންޑް-ޓު-އެންޑް އެންކްރިޕްޝަންއާއެކު ސިންކް ކުރެވޭނެއެވެ. އަދި ކިއުއާރު ކޯޑްތައް ސްކޭންކޮށްގެން ވިންޑޯޒްގެ ހިދުމަތްތަކަށްވެސް އައިފޯނުތަކަށް ސައިން-އިން ކުރެވޭނެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި އެންޑްރޮއިޑް ޑިވައިސްތަކުގައި ޕާސްކީ އުފައްދައިގެން ކްރޯމް، ވިންޑޯޒް، މެކްއޯއެސް، އައިއޯއެސް، އަދި ކްރޯމްއޯއެސްގެ ހިދުމަތްތަކަށް މި ހަފުތާތެރޭގައި ލޮގްއިން ކުރެވޭނެ ގޮތް ހަދާނެއެވެ. އެޕަލްއިން އައިކްލައުޑް ކީޗެއިންގައި ޕާސްކީތައް ރައްކާކުރާ ގޮތާ އެއްގޮތަށް ގޫގުލް އިންވެސް ޕާސްކީތައް ގޫގުލް ޕާސްވޯޑް މެނޭޖަރުގައި ރައްކާކުރެއެވެ.

ވެބް ޑިވެލޮޕަރުންނަށް ވެސް މިހާރު ކްރޯމް މެދުވެރިކޮށް ޕާސްކީ ސަޕޯޓް ސެޓްއަޕް ކުރެވޭނެއެވެ. ގޫގުލް ޕްލޭ ސާވިސަސް އާއި ކްރޯމް ކެނެރީ މެދުވެރިކޮށް ބީޓާއަށް މި ފީޗާ މިއަހަރުގެ ފަހުކޮޅު ސްޓޭބަލް ޗެނަލްތަކަށް ފޯރާނެއެވެ.
ރިޕޯޓްތައް ބުނާގޮތުގައި ޢާއްމުކޮށް ބޭނުންކުރާ އެންޑްރޮއިޑް އެޕްތައް ޕާސްކީ އިކޯސިސްޓަމަށް ގެނައުމަށް ގޫގުލް އިން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.