15 Oct 2022, 16:50
ވޯލްޑްކަޕް ފެށެން 38 ދުވަހަށް ވެފައިވާއިރު، މިހާރު އެންމެ ފޯރިއާއެކު ކުރިއަށްދާ އެއް މުބާރާތަކީ 17 އަހަރުން ދަށުގެ އަންހެނުންގެ ވަރލްޑް ކަޕެވެ. މިފަހަރުގެ މުބާރާތުގައި 13 ޤައުމަކުން ވާދަކުރާއިރު، މުބާރާތުގައި މިހާތަނަށް ހަ މެޗެއް ވަނީ ކުޅެ ނިމިފައެވެ.
ހަ މެޗެއް ކުޅެ ނިމުނުއިރު މިހާތަނަށް ފެނިގެންދިޔަ އެންމެ ފޯރިގަދަ މެޗަކީ އިންޑިއާ އާއި އެމެރިކާ ބައްދަލުކުރި މެޗެވެ. މިމެޗު 8-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ އެމެރިކާއެވެ. އިންޑިއާ އަކީ މިފަހަރުގެ މުބާރާތް ކުރިއަށްދާ ޤައުމެވެ. އަނެއްކޮޅުން އެމެރިކާއަކީ އަންހެނުންގެ ކުޅިވަރު އިވެންޓްތަކުގައި އެންމެ ނުފޫޒުގަދަ ޤައުމެވެ.

މިފަހަރުގެ ވޯލްޑްކަޕް ފުރަތަމަ މެޗުގައި އިންޑިއާ އާއި އެމެރިކާ ބައްދަލުކުރި މެޗުގެ ތެރެއިން--- ފޮޓޯ/ ޓޮއި ސްޕޯޓްސް
މުބާރާތުގެ މެޗުތައް މިހާހިސާބަށް ދިޔައިރު، މީޑިއާނެޓުގެ ޗެނަލްތަކުން ދަނީ، 17 އަހަރުން ދަށުގެ އަންހެނުންގެ ވޯލްޑް ކަޕްގެ މެޗުތައްވެސް ވަގުތުން ދައްކަމުންނެވެ. މިގޮތުން މީޑިއާނެޓްގެ އައިސް ޓީވީއެޗްޑީ، އައިސްޓީވީޕްލަސް އަދި އައިސްޓީވީ ސްޕޯޓްސްއިން އަންހެނުންގެ ވޯލްޑް ކަޕްގެ މެޗުތައް ވަގުތުން ބަލާލެވޭނެއެވެ.
މުބާރާތުގެ ކުރިއަށްހުރި މެޗްތަކަށް ބަލާއިރު، އެންމެ ފޯރިގަދަ އެއް މެޗެއްގެ ގޮތުގައި ފާހަގަކުރެވިގެންދާނީ ބްރެޒިލް އާއި އެމެރިކާއެވެ. މި މެޗް ކުޅުމަށް ހަމަޖެހިފައިވަނީ، ހުކުރު ދުވަހެވެ.
ކުރުކޮށް ފޮނިކޮށް ބުނާނަމަ ބްރެޒިލްއަކީ ފުޓްބޯޅައެވެ. ކުރިން ބުނިހެން އެމެރިކާއަކީ ބައިނަލްއަޤްވާމީ ކުޅިވަރުގެ މައިދާނުގައި އެންމެ ނުފޫޒުގަދަ އެއް ޤައުމެވެ. އެހެންކަމުން 17 އަހަރުން ދަށުގެ އަންހެނުންގެ ވޯލްޑް ކަޕްގައި މާދަމާ ކުޅުމަށް ހަމަޖެހިފައިވާ ބްރެޒިލް އާއި އެމެރިކާ ބައްދަލުކުރާ މެޗަކީ ވަރަށް ފޯރިގަދަ ވެގެންދާނޭ މެޗެކެވެ. މި މެޗު މީޑިއާނެޓުން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.