13 Oct 2022, 21:05
އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރްޓީއެލް)އިން އަތޮޅު ތެރޭގައި ބޭނުންކުރާ ބަސްތަކުގައި ކަރުދާސް ޓިކެޓު ވިއްކަން އަންނަ ހޮނިހިރު ދުވަހު ފަށަން ނިންމައިފިއެވެ.
ހޮނިހިރު ދުވަހު ކަރުދާސް ޓިކެޓް ވިއްކަން ފަށަނީ އައްޑު އާއި ފުވައްމުލައް އަދި ލ. އަތޮޅުގައި ބޭނުންކުރާ ބަސްތަކުންނެވެ.
އެމްޓީސީސީން މިއަދު ބުނީ، އެ ހިދުމަތާއެކު މާލެއާ އެއްގޮތަށް ބަހުގެ ތެރެއިން ޓިކެޓު ގަނެގެން ދަތުރުކުރެވޭނެ ކަމަށެވެ. ނަމަވެސް ޓާމިނަލްތަކުން ޓިކެޓް ނުވިއްކާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ބަހުގެ ކޮންޑަކްޓަރު ޓިކެޓް ދޫކުރާނީ ހާއްސަ ފޮއްޓަކަށް ފައިސާ ލުމުން ކަމަށާއި ދަތުރު ކުރަމުންދާއިރު، މާރު ނުކުރެވޭނެތީ ސީދާ އަދަދު ހަމަވާނެހެން ފައިސާ ގެންދިއުމަށް އެދޭ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ބުނި ގޮތުގައި ކަރުދާސް ޓިކެޓު ވިއްކުމުގެ އިންތިޒާމު ހަމަޖެއްސީ އިސްރަށްވެހިންނަށް ފަސޭހައަކަށެވެ.
އެ ކުންފުނިން ބުނީ އާރްޓީއެލްގެ ވެބްސައިޓާއި ޓްރެވެލް އެޕްލިކޭޝަން މެދުވެރިކޮށް، ކިއުއާރު ޓިކެޓު ނަގައިގެން ވެސް ދަތުރުކުރެވޭނެ ކަމަށެވެ.
ކިއުއާރު ޓިކެޓު ނަގާނެ ގޮތް ދައްކައިދޭ ވީޑިއޯއެއް އާރްޓީއެލްގެޔޫޓިއުބާއިސޯޝަލް މީޑިއާ ޕޭޖުތަކުން ފެންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އައްޑު އާއި ފުވައްމުލަކާއި ލ. އަތޮޅުގެ ބަސް ދަތުރުތަކުގެ އަގުތައް އުޅެނީ ފަސް ރުފިޔާ އާއި 20ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.
އާރުޓީއެލްގެ އަތޮޅުތެރޭގެ ބަހުގެ ހިދުމަތުގައި ވެސް އުމުރުން 65 އަހަރުން މަތީގެ މީހުންނާއި އުމުރުން ތިން އަހަރުން ދަށުގެ ކުދިންނަށް އައިޑީކާޑާއެކު ހިލޭ ދަތުރުކުރެވޭނެއެވެ.
ހަމައެއާއެކު ހާއްސަ އެހީއަށް ބޭނުންވާ މީހުން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެއެވެ. އަދި ސްކޫލު ޔުނީފޯމުގައި ދަރިވަރުންނަށް ހިލޭ ދަތުރުކުރެވޭނެއެވެ.
އައްޑު އާއި ފުވައްމުލައް އަދި ލ. އަތޮޅުގައި ބަސް ދަތުރުކުރާ ރޫޓުތައް ފެންނަން ހުންނަ މެޕް، އާރްޓީއެލް ވެބްސައިޓު ނުވަތަ ޓްރެވެލް އެޕް މެދުވެރިކޮށް މިހާރު ބެލޭނެއެވެ.
ހިލޭ ބަސް ދަތުރުތަކަށް ފަހު މިހާރު އާރްޓީއެލްގެ މާލޭ ބަސް ތަކުން ވެސް މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ވަނީ ޓިކެޓްގެ އަގު ނަގަން ފަށައިފައެވެ.