14 Oct 2022, 10:21
ހުނަރުވެރި ތުއްތު ކުދިން ރާއްޖޭގައި އެއްވެސް ވަރަކަށް މަދެއް ނޫނެވެ. ކުޑައިރު އެކި ދާއިރާތަކަށް ލޯބި ޖެހި އެކި ކަހަލަ ވަނަތައް ހޯދައި ތަފާތު މޮޅެތި މަސައްކަތްތައް ކުރަމުން އަންނަ ތަން ފެނެއެވެ. ސައިންސަށް އޮތް ލޯތްބާއެކު މުހައްމަދު ޒުރިއަލް ޒަމީލް ވެސް އަންނަނީ މޮޅު ކަމެއް ކުރަމުންނެވެ. އެއީ ތަފާތު އެކި ކަހަލަ އެކްސްޕެރިމެންޓް ހަދައި އެ އެކްސްޕެރިމެންޓް ހަދާނެ ގޮތް އާންމުންނަށް ކިޔައިދެމުންނެވެ.
އިއްޒުއްދީން ސްކޫލުގެ ގްރޭން ތިނެއްގައި ކިޔަވަމުން އަންނަ ޒުރިއަލްއަށް ސައިންސަށް ލޯބި ޖެހުނީ ކޮވިޑް ލޮކްޑައުންގެ ތެރޭގައެވެ.
"ލޮކްޑައުންގެ ތެރޭގައި ޒުރިއަލް މާ ބޮޑަށް ވީޑިއޯ ގޭމް ކުޅެން ފެށީ. ގިނަ ވަގުތު ހޭދަވީ ގޭމް ކުޅެން އުޅުމުގެ ތެރޭގައި. އެހެންވެ އެހެން ކަމަކަށް ޝައުގުވެރި ކުރުމަށް ސައިންސް އެކްސްޕެރިމެންޓް ވީޑިއޯ ދައްކަން ފެށީ،" ޒުރިއަލް ސައިންސްގެ ތެރެއަށް ވަތް ގޮތް ކިޔައިދެމުން އޭނާގެ މަންމަ ތަޝްކީލް ބުންޏެވެ.
View this post on Instagram
ފުރަތަމަ އޭނާއަށް ދައްކަން ފެށީ ވަރަށް އާދައިގެ އެކްސްޕެރިމެންޓްތަކެވެ. މި އެކްސްޕެރިމެންޓްތައް ބަލަން ފެށުމުން ޒުރިއަލް ސައިންސަށް ލޯބި ޖެހެން ފަށައިފިއެވެ. މާ ގިނަ ދުވަހެއް ނުވެ ގޭމް ކުޅޭ މިންވަރު މަދުވެއްޖެއެވެ. އެ ވަގުތުތައް ދެން ޒުރިއަލް ހޭދަކުރަން ފެށީ އެކި ކަހަލަ ސައިންސް އެކްސްޕެރިމެންޓް ބަލަމުންނެވެ.
އޭނާއަށް ފުރަތަމަ އެކްސްޕެރިމެންޓްތަކުގެ ވީޑިއޯތައް އޭނާގެ މަންމަ އާއި ބައްޕަ އަމިއްލައަށް ހޯދައި ދައްކަން ފެށިއެވެ. އެއާއެކު މާ ގިނަ ދުވަސްތަކެއް ނުވެ ބެލެނިވެރިންގެ އެހީއާއެކު ޒުރިއަލް ގޭގައި އެކްސްޕެރިމެންޓް ހަދަން ފަށައިފިއެވެ. އެންމެ އާދައިގެ ގެއިން ލިބޭ އެއްޗެއްސާއެކު ޒުރިއަލް އެކްޕެރިމެންޓް ހަދަން ފެށީ އަމިއްލައަށް އެ އެކްސްޕެރިމެންޓް ރަނގަޅަށް ދަސްކޮށް އެ އެކްސްޕެރިމެންޓް ފަހަތުގައިވާ ސަބަބު ވެސް ހޯދުމަށް ފަހުގައެވެ.
ކޮވިޑްގެތޭރޭގައި ކުރި އެކްސްޕެރިމެންޓް ރެކޯޑު ކޮށް އެ އެކްސްޕެރިމެންޓްތައް ކިޔައިދިނުމަށް އުފެއްދީ "ދަސްކުރަމާ" ނަމަށް ކިޔާ އިންސްޓަގްރާމް އެކައުންޓެކެވެ. މި އެކައުންޓަށް ޒުރިއަލްގެ އެކްސްޕެރިމެންޓްތައް ޕޯސްޓް ކުރަން ފެށިއެވެ. ކޮވިޑްގެ ތެރޭގައި އާންމުކޮށް އިންސްޓަގްރާމް އަޕްޑޭޓް ކުރަމުން އައި ނަމަވެސް ސްކޫލު ހުޅުވުމާއެކު ޒުރިއަލް އެކްސްޕެރިމެންޓްތައް ހެދޭ މިންވަރު މަދުވިއެވެ.
View this post on Instagram
ނަމަވެސް އެވަރުން ވެސް ވަގުތު ހޯދައިގެން ޒުރިއަލް އަދިވެސް އެކްސްޕެރިމެންޓް ހަދައެވެ. ސައިންސްގެ އެކި ދާއިރާތަކުން އެކްސްޕެރިމެންޓް ހަދާއިރު އޫބްލެކް ސައިންސް އާއި މަލުގެ ކުލަ ބަދަލުކުރުމާއި ސިލްވާ އެގް ފަދަ އެކްސްޕެރިމެންޓް ހިމެނެއެވެ.
މި އެކްސްޕެރިމެންޓް ހެދުމަށް މިހާރު ޒުރިއަލް ބޭނުންކުރަނީ ހަފުތާ ބަންދުގެ ދުވަސްތަކެވެ. ހަފުތާ ބަންދު ދުވަސްތަކުގައި އަދިވެސް ތަފާތު އެކި އެކްސްޕެރިމެންޓް ހަދަން ޒުރިއަލް މަސައްކަތް ކުރެއެވެ.
ކުރިން އެކި ކަހަލަ އެކްސްޕެރިމެންޓް ހެދުމަށް ބެލެނިވެރިން އެކްސްޕެރިމެންޓް ހޯދައިދިން ނަމަވެސް މިހާރު އޭނާ އަމިއްލައަށް އެކްސްޕެރިމެންޓްތައް ހޯދައެވެ.
View this post on Instagram
"ކުރިން އެކްސްޕެރިމެންޓް ވީޑިއޯތައް ހޯދައިދެން. އެކަމު މިހާރު އަމިއްލަ އަށް ވެސް ޔޫޓީއުބް އިން އެކްސްޕެރިމެންޓް ހޯދައިގެން ދަސްކުރާނެ،" ތަޝްކީލް ކިޔައިދިނެވެ.
ޒުރިއަލް ހަދާ އެކްސްޕެރިމެންޓްތަކުގައި އޭނާގެ ބައްޕަ އެހީތެރިކަން ފޯރުކޮށްދެއެވެ. މި އެކްސްޕެރިމެންޓްތައް ހެދުމުގައި އަބަދުވެސް އެންމެ ފަސޭހައިން ލިބޭ އެއްޗެއްސަށް ބަލަން ޖެހެއެވެ. ސަބަބަކީ ގިނަ ފަހަރަށް އެކްސްޕެރިމެންޓެއް ހަދަން ބަލާއިރު އެއަށް ބޭނުންވާ އެއްޗެހި ރާއްޖެއިން ނުލިބުމެވެ. އެކްސްޕެރިމެންޓްތައް ހެދުމުގައި ދިމާވާ އެންމެ ބޮޑު ދަތިކަމަކީ އެއީ ކަމަށް ތަޝްކީލް ބުންޏެވެ.
ނަމަވެސް އެވަރުން ވެސް ޒުރިއަލްގެ އެކްސްޕެރިމެންޓްތައް ހެދުން ހުއްޓާލާކަށް ބޭނުމެއް ނުވެއެވެ. އޭނާ ބޭނުންވަނީ އޭނާއަށް ދަސްވެފައިވާ އެއްޗެއް އެހެން ބަޔަކަށް ވެސް އެނގުމެވެ. އަދި ޒުރިއަލްގެ ފަރާތުން ނަމަވެސް ގިނަ ބަޔަކު ސައިންސަށް ލޯބި ޖައްސައި ސައިންސްގެ ދާއިރާއިން އެކި ކަހަލަ ކަންތައްތައް ކުރަން މުސްތަގުބަލުގައި ކުދިންނަށް ހިތްވަރެއް ދެވޭނެ ގޮތެއް ހޯދުމަކީ ވެސް ބޭނުމެވެ.
View this post on Instagram
ޒުރިއަލްގެ ހުސްވަގުތު ކުރާ ކަމަކީ ހަމައެކަނި އެކްސްޕެރިމެންޓް ކުރުމެއް ނޫނެވެ. ޒުރިއަލް އަކީ ވާހަކަ ކިޔުމަށް ވެސް ވަރަށް ލޯބި ހުންނަ ކުއްޖެކެވެ. އޭނާގެ އެކައުންޓުގައި ވާހަކަ ވެސް ވަނީ ހިމަނާފައެވެ. އެގޮތުން ޒުރިއަލް ކިޔާ ފޮތްތައް ރިވިއު ކުރުމަކީ ވެސް ޒުރިއަލް ވަރަށް ކުރާ ހިތްވާ ކަމެކެވެ. މިހާރު އެންމެ ބޮޑަށް އެކަމަށް ވަގުތު ނުދެވުނު ނަމަވެސް ވީ ވަރަކުން ޒުރިއަލް ފޮތް ކިޔައެވެ. އަދި ކިޔާ ފޮތްތައް ރިވިއު ކުރުމަށް އޭނާ ވަރަށް މަސައްކަތް ކުރެއެވެ.
ޒުރިއަލް އާ ސައިންސްއާ އޮތް ގުޅުމަކީ ތަޝްކީލް ވަރަށް ބޮޑަށް ސަޕޯޓު ކުރާ ކަމެކެވެ. ތަޝްކީލްގެ އުއްމީދަކީ ވީހާވެސް ގިނަ ދިވެހިން ސައިންސްގެ އެކި ދާއިރާތަކުން ކުރިއަށް ދިޔުމެވެ. އަދި އެފަދަ ދާއިރާތަކަށް މަގުތައް ފަހި ކޮށްދިނުމަކީ އޭނާ ވަރަށް ބޮޑަށް އެދޭ ކަމެކެވެ.