ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނަން އިއްވެވި މެންބަރުން މާލަމުން ނުނުކުންނަވައިގެން، ސިފައިން ވަދެ އެ މެންބަރު ނެރުމަށްކުރާ މަސައްކަތަށް ހުރަސްއަޅާ މެންބަރުންނާމެދުވެސް، ނަން އިއްވާ މެންބަރުންނާ މެދު ކަން ކުރާ ގޮތަށް އަމަލު ކުރަން ނިންމާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ދިއްގަރު ދާއިރާގެ ވެސް މެންބަރު ނާޒިމް ވިދާޅުވީ، މީގެކުރިން ސިފައިންނަށް ހުއްދަ ދެވިފައިވަނީ ނަން އިއްވާ މެންބަރު ގައިގަ އަތްލައިގެން ނުވަތަ ބާރުގެ ބޭނުން ކުރަންޖެހިއްޖެ ހިނދެއްގައި ގަދަ ބާރުން އެ މެންބަރަކު ނެރުމަށް ކަމަށެވެ. ނަމަވެސް މިއަދުން ފެށިގެން ކަންތައް ކުރަމުން ގެންދާނީ، ނަން އިއްވާ މެންބަރު މާލަމުން ނެރެން ސިފައިން ކުރާ މަސައްކަތަށް ހުރަސްއަޅާ މެންބަރުން އެކަހެރިކޮށް އެ މެންބަރުން މާލަމުން ނެރެން ޖެހިއްޖެ ހިނދެއްގައި މާލަމުން ނެރޭ އުސޫލެއް ކަމަށެވެ. ނަމަވެސް ނާޒިމް ވިދާޅުވީ ނަން އިއްވައި ޖަލްސާއިން ނެރޭ މެންބަރުންނަށް މާލަމަށް ނުވަދެވުނު ނަމަވެސް އެކަހެރިކުރާ މެންބަރުންނަށް އަލުން މާލަމަށް ވެދެވަޑައިގެންނެވޭނެ ކަމަށެވެ.

"މީގެ ކުރިން ސިފައިންނަށް ހުއްދަ ދެވިފައިވަނީ ނަން އިއްވާ މެންބަރު ގައިގަ އަތްލައިގެން ނުވަތަ ބާރުގެ ބޭނުން ކުރަންޖެހިއްޖެ ހިނދެއްގައި ގަދަ ބާރުން އެ މެންބަރަކު ނެރުމަށް. ނަމަވެސް އެކަން ކުރުމުގެ ތެރޭގައި އެހެން މެންބަރުން ބައިވެރިވެ ސާމިލުވުމުގެ ސަބަބުން އެހެން މެންބަރުންނަށް އެކި ވަރުގެ އަނިޔާތަށް ލިބިފަ އެބަހުރި. އެހެންކަމުން އަޅުގަނޑު މިއަދު ނެރުނު އަމުރުތައް ނެރުނީ ނަން އިއްވޭ މެންބަރު މަޖިލީހުން ނެރުމަށް ހުރަސް އަޅާ އެހެން މެންބަރުންނާ ދޭތެރެގައިވެސް އެ އުސޫލުން އަމަލު ކުރުމަށް. ނަމަވެސް އެހެން މެންބަރުންނަށް އެނބުރި މާލަމަށް ވަދެވޭނެ،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ރިޔާސަތުން އެގޮތަށް އަމުރު ނެރެން ޖެހުނީ ޖަލްސާގެ ރިޔާސަރުން ކުރާ އަމުރަށް މަޖިލީހުގެ މާލަމަށް ވަންނަ ސަލާމަތީ ބާރުތަކުގެ ބޭފުޅުންނަކީ ގާނޫނީ ވާޖިބެއް އަދާ ކުރުމަށް ވަންނަ ބަޔަކަށް ވެފައި އެބޭފުޅުންގެ ވާޖިބަށް ހުރަސް އެޅޭނަމަ މަޖިލީޙުގެ ޖަލްސާ ފެށުން ދިގުލައިގެން ދާނެތީ ކަމަށެވެ. އަދި އެގޮތަށް ނިންމެވީ ހުސްވި މާޗްމަހުގެ އެއްވަން ދުވަހު ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބާއްވަން އޮތް ޖަލްސާއަށް އެމްޑީޕީ މެންބަރުން ހުރަސް އެޅުމުން މެންބަރުން ނެރުމަށް ކުރި މަސައްކަތާއި، މިމަހު 19 ވަނަ ދުވަހުބޭއްވި ޖަލްސާގައި ނުކިޔަމްނތެރިވި މެންބަރުން ނެރުމަށް ސިފައިން ވައްދައިގެން ހިންގި ކަންތައްތަކުގެ ޖަޖުރިބާގެއަލީގައި ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.