ޑީޔޫ އެކްސްޓެންޑް ޔުނިވާސް (ޑީސީއީޔޫ)ގެ ސުޕަހީރޯ ވޮންޑަ ވުމަންގެ ތިން ވަނަ ފިލްމުގެ ސްކްރިޕްޓުގެ މަސައްކަތް ނިންމާލާފައެވެ.

މިއީ ވޮންޑަ ވުމަންގެ ފޭނުންނަށް އުފާވެރި ހަބަރެކެވެ. ޑީސީއީޔޫ ބަލަހައްޓާ ކުންފުނި ކަމަށްވާ ވޯނާބްރޮސްއަށް ދާދި ފަހަކުން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މި ބަދަލުތަކާއެކު އެ ކުންފުނީގެ ބެލުމުގެ ދަށުގައިވާ ގިނަ ޕްރޮޑަކްޝަންތަކުގެ ބޮޑެތި ޕްރޮޖެކްޓުތަކެއް ވަނީ ކެންސަލް ކޮށްލާފައެވެ.

ގިނަ ޕްރޮޖެކްޓުތަކެއް ކެންސަލް ކޮށްލާފާއިވާއިރު ވޮންޑަ ވުމަންއަށް ވާނެ ގޮތެއް އެއްވެސް ބަޔަކު ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެންމެފަހުން ވޮންޑަ ވުމަންގެ ޑައިރެކްޓާ ޕެޓީ ޖެންކިންސް ހާމަކޮށްފައި ވަނީ ތިން ވަނަ ފިލްމުގެ ސްކްރިޕްޓް ދާދި ފަހުން ނިމިފައިވާ ކަމަށެވެ.

އޭގެ މާނައަކީ ވޯނާބްރޮސްއިން އަދިވެސް ވިސްނައިގެން ތިބީ އެ ފިލްމު ނެރުމަށެވެ.

ވޮންޑަ ވުމަންގެ ފުރަތަމަ ދެ ބައިވެސް ޑައިރެކްޓް ކޮށްފައިވާ ޕެޓީ ޖެންކިންސް ތިން ވަނަ ފިލްމާ ގުޅޭ މާ ގިނަ ވާހަކަތަކެއް ހާމަކޮށްފައެއް ނުވެއެވެ. ސްކްރިޕްޓުގެ މަސައްކަތް ނިމިފައިވާއިރު ދެން މާ ގިނަ ދުވަސްތަކެއް ނުވެ ފިލްމުގެ ޝޫޓިން ފަށާނެއެވެ.

މިއީ ޑީސީއީޔޫއަށް ވެސް އުފާވެރި ވާހަކައެކެވެ. މުޅި މެނޭޖްމެންޓުގެ ޕްލޭންތަކާ ގުޅިގެން ޑީސީގެ ސުޕަހީރޯ ފިލްމުތަކަށް ވާނެ ގޮތެއް ނޭނގި ތިއްބާ ގިނަ ބަޔަކު ދަންނަ ކެރެކްޓަރެއް އަލުން ފެންނާނެ ކަން އެނގުމަކީ ފޭނުންނަށް ލިބޭނެ ހަމަޖެހުމެކެވެ.