މެންދުރުވީ އިރުވެސް އެކަކުވެސް ގެއަށް ނާދެއެވެ. ކައްކާ، ކާންހަދާފައި އަހަރެން ނުކުތީ ހިދާޔާ މަންމަގެ ގެއަށް ދާށެވެ. އެ ގެއާއި ދާދި ކައިރިވެފައި ހުއްޓާ އަހަރެންގެ ފިޔަވަޅުތައް މަޑުޖެހުނީ، ގޭތެރެއިން ނުކުތް ބަޔަކު ފެނިފައެވެ. ޔާނިޝްގެ އާއިލާ އެންމެން ކަހަލަ ގޮތަކަށް އެގެއިން ނުކުތީ ކީއްވެ ހެއްޔެވެ؟ ފިޒާ ބުނެފައި އޮތްގޮތުން ހިދާޔާ މަރުވުމަށްފަހު، އެ ދެ އާއިލާގެ މެދުގައި އެއްވެސް ގުޅުމެއް ނެތެވެ. އަހަރެން ވާނުވާ ނޭނގިފައި ހުއްޓާ، ހިދާޔާގެ މަންމައާއިއެކު ޔާނިޝް އެގޭތެރެއިން ނުކުތް ތަން ފެނުނެވެ. ހިދާޔާގެ މަންމަގެ އަތުގައި ހިފާލައިގެން އާނާ ހުއްޓެވެ.

********

އެންމެން އެކުގައި ވާހަކަ ދައްކަން ތިއްބާ ފެނުމުން، އަހަރެންގެ ހިތަށް ހަމަޖެހުން ލިބުނެވެ. ހާއްސަކޮށް ހިދާޔާގެ މަންމަ އާނާ އުރާލައި، ލޯބިކޮށްލި މަންޒަރުން، އުފަލުން ހިތް ފުރި ބަންޑުންވިއެވެ. މިއަދު ހިދާޔާ ދުނިޔޭގައި ހުރިނަމަ، ހާދަ އުފަލެއް ވާނެއެވެ. އަމިއްލަ މައިންބަފައިންގެ ލޯބި އާނާއަށް ލިބުމަކީ ހިދާޔާވެސް އެދޭނޭ ގޮތްކަން ގައިމެވެ. ދެ ލޮލުން ކަރުނަ ފާއްދައިލުމުން، އަހަރެން އަވަހަށް ފުރަގަސްދިނީމެވެ. އެނބުރި ގެއަށް ދިޔައިރު، އަހަރެންގެ ހިތުން ހީވީ ބޮޑު ބުރައެއް ނެގިފައިވާ ހެންނެވެ. އާނާއަށް އޭނާގެ އަސްލު މާމަގެ ލޯބި ހޯދައިދިނުމަކީ އަހަރެން ކަނޑައެޅި އަޒުމެކެވެ. މިއަދު އެ އަޒުމު ފުރިހަމަވެއްޖެއެވެ.

އަބަދު ހަލަބޮލިކޮށް ފެންނަމުންދާ ގޭތެރޭގައިވީ ފަޅުކަމެވެ. އެކަނި އުޅެން މިއަދު އަހަރެން ފޫހިވެއެވެ. ކޮޓަރިއަށް ދާހިތްނުވެގެން، ސޯފާގައި އިށީނީމެވެ. ފޯނަށް ގޮސް ގެއްލިފައި އިނުމުން މިރާން އައި އިރުވެސް ނޭނގުނެވެ. މިރާން ކަރުކެހިލި އަޑު އިވުމުން، ސިހިފައި މޭގައި އަތް ޖައްސައިލެވުނެވެ.

"ކިހިނެއް؟..." އަހަރެން ބަލައިލުމުން، މިރާން އަހައިލިއެވެ.

"ރަނގަޅު..." އަހަރެން ލުއި ހިނިތުންވުމެއް ހަދިޔާކޮށްލީމެވެ. "މިރާން ކިހިނެއް؟..."

މިރާންގެ މޫނުން ފެނުނީ، އޭގެ ކުރިން ނުފެންނަ އަސަރުތަކެކެވެ. އަހަންނަށް ބަލަން އިނދެފައި އޭނާ އިސްޖަހައިލިއެވެ. އަހަރެން ކުރި ސުވާލުގެ ޖަވާބު ލިބުނީ މިރާންގެ މޫނުންނެވެ. އެ މޫނުގައިވި ނުތަނަވަސްކަން ސިއްރެއް ނުވެއެވެ. މާހައުލުގައިވި ހިމޭންކަމުގެ ސަބަބުން އުނދަގޫވެގެން، ޓީވީ އަޅުވައިލީމެވެ.

"އަހަރެން މިއުޅެނީ ރާއްޖެތެރެއަށް ދާން..." މިރާން ބުނި އަޑު އިވުނެވެ.

އަހަރެން ވާނުވާ ނޭނގިފައި މިރާންއަށް ބަލައިލީމެވެ. އެތައް ދުވަހަކަށްފަހު މިރާންއާއި ދިމާވިއިރު، ދެ މީހުންގެ ދެމެދަށް ވަނީ ހިމޭންކަމެއް ވެރިވެފައެވެ. ހަތަރުކަޅި ހަމަކުރަން އުނދަގުލެވެ. މިރާންއާއި ވާހަކަ ދައްކަން އުނދަގޫވި ނަމަވެސް އެކަން ނުދައްކައިވޭތޯ މަސައްކަތްކުރީމެވެ. ގަދަކަމުން ހިނިތުންވެލީމެވެ. މިރާންވެސް އެފަދައެވެ. އެމޫނުގެ އަސަރުތައް އެކަން ސާފުކޮށް ބުނެދިނެވެ.

"ޕޮލިހުން ޖޮބް ލިބިއްޖެ..." އަހަރެން އެއްޗެއް ބުނުމުގެ ކުރިން، މިރާން ބުނެލިއެވެ.

"ގުޑްލަކް..." އަހަރެން ބުނީމެވެ.

އަނެއްކާވެސް ހޭދަވެގެން ދިޔައީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ. މިރާން ހީވީ ވާހަކައެއް ދައްކަން ބޭނުންވެ، ނުދެއްކިގެން އުޅޭހެންނެވެ. އެތަނުން ތެދުވެގެން ދާން ހިތަށް އަރާފައިވެސް ހިޔާލު ބަދަލުވީ އެހެންވެއެވެ.

"ރުއާ ބިޒީތަ؟..." ފުން ނޭވާއެއް ދޫކޮށްލަމުން މިރާން އަހައިލިއެވެ.

އެހާ ސީރިއަސްވެފައި ތިއްބާ، މިރާން ކުރި މޮޔަ ސުވާލަކުން އަހަންނަށް ހެވުނެވެ.

"ޓީވީ ބަލަން އިންނާނެތަ ބިޒީ މީހުން؟..." ޓީވީ ނިވާލަމުން އަހަރެން ބުނީމެވެ.

"އަހަރެން ހިދާގެ މަންމައާ ބައްދަލުކޮށްފިން... ހުރިހާ ވާހަކައެއް ކިޔާދީފިން..." ފުން ނޭވާއެއް ދޫކޮށްލަމުން މިރާން ވާހަކަ ދެއްކިއެވެ.

"ކޮން ވާހަކައެއް؟..." އަހަރެން ސުވާލުކުރީމެވެ.

"ހިދާ މަރުވީ ކީއްވެކަމާ، އާނާގެ ބައްޕައަކީ ކާކުކަން..." މިރާންގެ އަޑުގައިވީ މަޑުމޮޅިކަމެވެ. "އަހަންނަށް ހަގީގަތް އެނގިއްޖެ... އާނާގެ ބައްޕައަކީ ޔާނިޝް ނޫންކަންވެސް އެނގިއްޖެ... ކުށްވެރިއަކީ ޔާނިޝްއެއް ނޫން... އެއީ... އެއީ، އަހަރެން ހީވެސްނުކުރާ މީހެއް..."

"ކާކު؟..." އަހަރެންގެ ނޭވާ އަވަސްވެގެން ދިޔައެވެ.

"ރައްޒާގު..." އަހަރެން ވާހަކަ ދައްކާ ނުނިމެނީސް، މިރާން ބުނެލިއެވެ. "އަހަރެންގެ އާއިލާގަ ހަމައެކަނި ދުނިޔޭގަ ހުރި މީހާ އެއީ... އަހަރެންގެ ބޮޑުބޭބެ..."

"އޭނ؟..." އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

ނުވާންވީ ސަބަބެއްވެސް ނެތެވެ. ފިޒާ ބުނެފައި އޮތްގޮތުން މިރާންގެ އާއިލާގައި އިތުރު މީހަކު ނެތެވެ. އަހަރެންވެސް ގަބޫލުކޮށްގެން ހުރީ އެގޮތަށެވެ. އެއަށްވުރެ ބޮޑަށް މިރާންގެ ބޮޑުބޭބެ ހިދާޔާއަށް އެވަރުގެ ކަމެއް ކުރަންވީ ކީއްވެކަމާއިމެދު ހިތުގައި ސުވާލު އުފެދުނެވެ.

"ބޮޑުބޭބެ ދައްތައާ ވާހަކަ ދައްކަނިކޮށް އަޑު އިވުނީ... ހިތަށް އަރާ ހިދާ އަހަންނާ އެކުވެރިކަން ނުބޭއްވިނަމައޭ... ބޮޑުބޭބެގެ ގެއަށް ނުގެންދެވުނުނަމައޭ..." މިރާންގެ އަޑު ކުރެހުނެވެ. "އަހަރެން އަބަދުވެސް ހިތަށްއަރާ، އާއިލާގެ މީހަކު ހުންނާނެނަމައޭ... އެކަމަކު، މިއަދު ހިތަށް އަރަނީ... މިއަދު ހިތަށް އަރަނީ، އާއިލާ މީހަކު ނެތްނަމަ ކިހާ ރަނގަޅުވީސްހޭ... ރުއާ، އަހަރެން މުޅި ދުނިޔެމަތިންވެސް ފޫހިވެއްޖެ..."

"މިރާން..." އަހަރެންގެ ހިތް ހަމްދަރުދީއިން ފުރުނެވެ. ދެލޯ ކަރުނުން ފުރުނެވެ. މިރާންގެ ހިތަށް ވަނީ ފުން އަސަރުތަކެއް ކޮށްފައިކަން އޭނާ ރޮއެފައި ބުނަމުންދިޔަ ޖުމުލަތަކުން އެނގުނެވެ. އެކަމަކު، މިރާން ހަމައަކަށް އަޅުވަން ބުނާނެ އެއްޗެއް ދުލަކަށް ނައެވެ.

"މިއޮއްހާ ދުވަހު، ކުށެއް ނެތް މީހަކަށް ތުހުމަތުކޮށްގެން އަހަރެން އުޅުނީ... ހަގީގަތް އެނގުނުއިރު، ހުރިހާ ކުށެއް ކުރެވިފަ މިއޮތީ އަހަންނަށް..." މިރާން ހިތި ގޮތަކަށް ހިންދިރުވައިލިއެވެ. އަތުގެ ނުފުށުން ކަރުނަ ފޮހެމުންދިޔައިރު، ވާހަކަ ދައްކަން އެތައް ހިތްވަރެއް ކުރަމުން ދިޔައެވެ.

"މިރާންގެ ކުށެއް ނޫނެއްނު އެއީ..." އަހަރެން ބުނީމެވެ.

"އަހަރެންގެ ސަބަބުން ބޮޑުބޭބެއާ ހިދާ ދިމާވީ..." މިރާން ދެފަރާތަށް ބޯ ހޫރައިލިއެވެ. "ރުއާ، މާދަމާވެސް އަހަންނަށް ފުރައިގެން ދެވިދާނެ... ކިތަންމެ ދުރަށްވެސް ދެވިދާނެ... އެކަމަކު، ހަގީގަތަށް ފިލާނީ ކިހިނެއް؟..."

"މިރާން ކަންތައް ތިކުރީ އެންމެ ރަނގަޅަށް... ހިދާގެ މަންމައަށް ހަގީގަތް ކިޔާދެވިއްޖެއެއްނު... މައާފަށް އެދެފީމެއްނު... އިތުރަށް މިރާންއަށް ކުރެވޭނެ ކަމަކަށް އޮންނާނީ އެ އާއިލާއަށް އެހީވުން... އެކަން މިރާންއަށް ކުރެވޭނެއެއްނުދޯ؟..." އަހަރެން ވާހަކަ ދެއްކީ މިރާންއަށް ހިތްވަރު ލިބޭނޭގޮތަށެވެ.

"އަހަންނަށް މާފުކުރޭ..." ފެންކަޅިވެފައިވާ ދެލޮލުން އަހަންނާއި ދިމާއަށް ބަލައިލަމުން މިރާން ބުނެލިއެވެ.

އަހަރެންގެ ދެލޯ ފެންކަޅިވީ ހިތުގައި އުފެދުނު މައްސުނި އިހުސާސްތަކަކުންނެވެ. ޔާނިޝްގެ ކުށެއް ނެތްކަން މިރާންއަށް އެނގުމުން، އުފާވި ނަމަވެސް، މިރާންއަށްޓަކައި ހިތުގައި ހަމްދަރުދީ އުފެދުނެވެ.

"ބޮޑުބޭބެ ކުރީ އެންމެ ކުށެއް ނޫނޭ ރުއާ... ހިދާގެ ދިރިއުޅުން އެފުށްމިފުށަށް ޖަހާލެވުނީމަވެސް ހުއްޓައެއްނުލި... ސިހުރުވެސް ހެދި... ރުއާއަށްވެސް... މަންމަވެސް މަރުވީ ސިހުރު..." މިރާންއަށް ވާހަކަ ނުދެއްކިގެން ހުއްޓައިލިއެވެ.

އަހަރެން އިނީ ހުއްޓުންއަރާފައެވެ. ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. އާއިލާގެ މީހަކު އެވަރުގެ ދުޝްމަނުކަމެއް ބާއްވަންވީ ކީއްވެ ހެއްޔެވެ؟ ދުނިޔޭގައި ނުބައި މީހުން އުޅެއެވެ. އެކަމަކު، އެވަރުގެ މީހެއްގެ ވާހަކަ ކަންފަތާއި ހަމައަށް އައީ އަލަށެވެ.

"ހުރިހާ ކަމެއްވެސް ވަނީ އަހަންނާ ހެދި... އަހަރެން ޖެހޭނީ އެންމެންނާ ދުރަށް ދާން..." މިރާން ހުއްޓާނުލައި، އަމިއްލަ ނަފުސު ކުށްވެރި ކުރަމުން ދިޔައެވެ.

އަހަންނަށް އިނދެވުނީ ހިޔާލެއްގެ ތެރޭގައެވެ. މިރާން ދެއްކި ވާހަކަތަކާއިމެދު ވިސްނި ވަރަކަށް، އެމީހަކީ ކާކުކަން ހިތަށް ނަގައިގަނެވެމުން ދިޔައެވެ.

"އާނާގެ ބައްޕައަކީ އެމީހާތަ؟..." އަހަންނަށް ސުވާލުކުރެވުނެވެ. "ގޭ ކުރިމަތީ ހުރި ފިހާރައިގަ އިންނަ މީހާ؟..."

މިރާންގެ މޫނުން ހައިރާންކަން ފެނުނެވެ.

"ކިހިނެއް ރުއާއަށް އެނގުނީ؟..." މިރާން އަހައިލިއެވެ.

އަހަރެންގެ ނޭވާ އަވަސްވެގެން ދިޔައެވެ. ލޭ ކެކެން ފެށިއެވެ. ދެއަތް މުށްކެވުނެވެ. ކޮންފަދަ ނުބައި އިންސާނެއް ހެއްޔެވެ؟ ހުރިހާ ނުބައި ކަމެއް ކޮށްފައި އެހެން މީހުން ކުށްވެރިކުރަން އޭނާ މަސައްކަތް ކުރިއެވެ. އަހަންނަށް ވިސްނުނެވެ. އޭނާ ޔާނިޝްގެ އާއިލާދެކެ ރުޅި އަންނަނީ އާނާއަކީ އޭނަގެ ދަރިއަކަށްވުމުންނެވެ. އޭނާ އަހަންނަށް ދިން އިންޒާރަކީ އެއީތާއެވެ. އެހެން ބަޔަކު އުފަލުގައި އުޅޭތަން ބެލުމަކީ، ސިހުރު ހަދާ މީހުންނަށް ފަސޭހަ ކަމަކަށް ނުވާނެއެވެ. އެއީ މަންމަ ކިޔައިދީފައިވާ ވާހަކަތަކުން އަހަންނަށް އެނގިފައިވާ ކަމެކެވެ. އައި ރުޅިން އެމީހާގެ މޫނުގައި ވަކިއަޅައި، ނޮޅާލަން ހިތަށް އެރިއެވެ.

"އަހަންނަށް އެނގިއްޖެއޭ އޭނަގެ ނިޔަތް ރަނގަޅު ނޫންކަން..." އަހަރެން ރުޅި އައިސްފައި ބުނީމެވެ. "މިރާން ހާސްނުވޭ... މިރާންގެ ކުށެއް ނެތް... ލޭގެ ގުޅުން އޮތަސް، އެހެންމީހަކު ކުރާ ކަމެއްގެ ޒިންމާ، މިރާން ނަގާކަށް ނުޖެހޭނެ... މާފަށް އެދޭކަށްވެސް ނުޖެހޭނެ... ހުރިހާވެސް ނުބަޔަކީ އެ މީހާ... މާފަށް އެދެންޖެހޭނީވެސް އޭނަ..."

މިރާން އޭނާގެ ޖީބުން ނެގީ ތަވީދެކެވެ. އަހަރެންގެ އަތަށް ތަވީދު ލައިދިނެވެ.

"ރުއާގެ ރައްކާތެރިކަމަށް ހެއްދި އެއްޗެއް މީ..." މިރާން ބުނެލިއެވެ.

"އަހަރެން ތި ބޭނުމެއް ނޫން..." ތަވީދު މިރާންއަށް ދީފައި އަހަރެން ބުނީމެވެ. "އަޅުކަމާ، ދުއާ، އެހެން ހުރިހާ ކަމަކަށްވުރެ މަތިވެރި... ގުރުއާނަކީ ތިކަހަލަ ހުރިހާ ކަމަކަށް އޮތް ޝިފާއެއް... އަހަންނަށް އެހެން ދިމާވީ، އެކަންކަމާ ދުރުވެވުނީމަ... އަލްހަމްދުﷲ މިހާރު އަހަންނަށް އެއްވެސް އުނދަގުލެއް ނުވޭ..."

*********

އަހަރެން ހުރީ ކޮޓަރީގައި ދެކޮޅަށް ހިނގާލަހިނގާލައެވެ. ހަގީގަތް އެނގުމުން، އަހަރެންގެ ހިތުގެ ހަމަޖެހުން ގެއްލިއްޖެއެވެ. އިންސާފު ހޯދަން ބޭނުންވިޔަސް، ހެއްކެއް ނެތެވެ. ހުރިހާ ކުށެއް ކޮށްފައި، ކުށްވެރިޔާ ހުރީ، މިނިވަންކޮށެވެ. އެއްވެސް އަދަބެއް ނުލިބި ހަމަޖެހިގެން އޭނާއަށް ހުރެވިގެން ނުވާނެއެވެ. އޭނާގެ ސަބަބުން މީހެއްގެ ފުރާނަ ގެއްލިއްޖެއެވެ. ތުއްތު ކުއްޖަކަށް މަންމަގެ ލޯބި އެންމެ ބޭނުންވި ދުވަހު އެ އުފަލުން މަހުރޫމުވެއްޖެއެވެ. ދެ އާއިލާ ދެމެދު މައްސަލަ ޖެހިއްޖެއެވެ. އެތައް ބައެއްގެ އުފާވެރިކަން ގެއްލުނީވެސް ހަމަ އެ ނުބައި މީހާގެ ސަބަބުންނެވެ.

"އަހަރެން ނުހުންނާނަން މަޑަކުން..." އަހަރެން ހިތާއިހިތުން އަޒުމެއް ކަނޑައެޅީމެވެ.

ހަލުވި ފިޔަވަޅުތަކެއްގައި ސިޑިން ފައިބައިގެން ތިރިއަށް ދިޔައީމެވެ. ދޮރާށި ހުޅުވާފައި، ފިހާރަ އާއި ދިމާއަށް ބަލައިލީ ދެލޯ އަޅައިލަމުންނެވެ. އެތައް އިރަކު އެގޮތުގައި ހުރި އިރުވެސް އެމީހާ ނުނުކުތެވެ. ދެލޮލަށް ތަދުވެގެން އަވަސް އަވަހަށް އެސްފިޔަ ޖަހައިލީމެވެ. އަހަރެން ކޮޓަރިއަށް ވަދެފައި ނުކުތީ، މުސްހަފެއް ހިފައިގެންނެވެ. އެއީ އަމިއްލަ ރައްކާތެރިކަމެއްގެ ގޮތުން ކުރި ކަމެކެވެ. ބޭރަށް ނުކުތްގޮތަށް މަޑުވެސް ކޮށްލުމެއްނެތި ގޮސް ފިހާރައަށް ވަނީމެވެ. ކައުންޓަރުގައި އެ މީހާ އިނެވެ. ކޮންމެވެސް އެއްޗެއް ލިޔާށެވެ.

މުސްހަފުން ގަނޑެއް ހުޅުވައިގެން ހަލުވިކޮށް ގުރުއާން ކިޔަވައިލީމެވެ. ފޮތް ލައްޕައި މޭގައި ޖައްސައިލަމުން، އޭނާއަށް ބަލައިލީމެވެ. އަހަރެން ހުރީ ދެލޯ އެޅުނު ވަރަކަށް އަޅާލައިގެންނެވެ. އޭނާ ބަލަން ހުރިލެއް ބިރުވެރިކަމުން، އަޒުމަށް ގުޑުން ނޭރީ ކިރިޔާއެވެ. އަވަހަށް އެހެން ދިމާއަކަށް ނަޒަރު ހުއްޓައިލީމެވެ. އަހަރެން ހުރީ އޭނާއަށް ފެންނާނޭހެން މުސްހަފު މޭގައި ޖައްސާލައިގެންނެވެ. ވަގުތުން ފޯނެއް އައިކަމަށް ހެދުނީމެވެ.

"އާނ، ޖީނާ ކީކޭ؟... ސިހުރު ހަދާ މީހެކޭ؟... ކާކަށް އަނިޔާކުރީއޭ؟.... ޕިސްޕިސްޕިސް... ދަރިއަކުވެސް ލިބުނީ؟... މަންމަ މަރާލީއޭ؟... އެހާ ނުބައި އިންސާނެއްތަ އެއީ؟... އެކަމަކު ދޯ، ހާދަ ނުބައި އިންސާނުން އުޅެއޭ... އަޖައިބުވާވަރުވޭ... ދުނިޔެ އެކީ ކާލެވުނަސް ތިކަހަލަ ނުބައި އިންސިންނަކަށް ހިތްހަމަޖެހުމެއް ނުލިބޭނެ... ދުނިޔެމަތީގަ ފާފަ ކޮށްކޮށް ހުރެފަ، ނަރަކައިގަ އަނދައަނދާ އޮވެދާނެއެއްނު..." ދަތްތަކަށް ބާރުކޮށްލައިގެން ހުރެ އަހަރެން ވާހަކަ ދައްކަމުން ދިޔައީ އޭނާއަށް އަޑު އިވޭނޭ ވަރަށެވެ.

އަހަރެން ވާހަކަ ދައްކަދައްކާ ހުރެފައި، ބަލައިލިއިރު، އެމީހާ ހުރީ ދާދި ކައިރީގައެވެ. އަހަރެންގެ މޭގަނޑު ހީވީ އަނގަޔަށް އައި ހެންނެވެ. އޭނާ އަހަންނަށް ބަލަން ހުރީ ނުރައްކާތެރި ގޮތަކަށެވެ. އަހަރެން ދެއްކީ، އޭނާގެ ވާހަކަ ކަން އެނގިގެން ބަލާ ކަހަލަ ގޮތަކަށެވެ. ބިރުންގޮސް ހަތަރެސްފައި ތުރުތުރު އަޅައިގަތެވެ. އެހާ ކެރޭ މީހަކަށްވެގެން އަހަރެން އެތަނަށް އައީ ކީއްވެ ހެއްޔެވެ؟ އަހަރެން ހުރީ އޭނާގެ އިމުގެ ތެރޭގައެވެ. ދުވަސް ދުއްވައިލަން އޭނާއަށް އުނދަގޫ ކަމަކަށް ނުވާނެއެވެ. ކިތަންމެ ބާރަށް ހަޅޭއްލެވިޔަސް، އަޑު އިވޭނީ ކާކަށް ހެއްޔެވެ؟ ގޭގައިވެސް މީހަކު އުޅޭ ވަގުތެއް ނޫނެވެ. ބިރުން ހިންދިރުވައިލެވުނީ އުނދަގުލުންނެވެ. މުސްހަފުގައި ބާރަށް ހިފަހައްޓައިލެވުނެވެ.

(ނުނިމޭ)