"ލެޓް މީ އެކްސްޕްލެއިން..." ޔާނިޝް ހިންދިރުވައިލިއެވެ.

ޔާނިޝް ހުރީ، ބިރުންކަން އެނގުމުން އިތުރު ހިތްވަރެއް ލިބުނެވެ. އަހަރެން އެދިޔަ ބާރުމިނުގައި ގޮސް، ޔާނިޝްގެ މޭގައި އަތް އެޅީމެވެ. ދެން ވީގޮތެއް ނޭނގުނެވެ. ދެ މީހުން އަރިއަޅާލައިގެން ވެއްޓުނީ އެނދުމައްޗަށެވެ.

********

ވެއްޓި ޖެހުނުގޮތުން އަހަންނަށް ތަދުނުވީ، ޔާނިޝް ހުށިޔާރުކަމާއިއެކު އަހަރެންގެ ދެކޮނޑުގައި ހިފަހައްޓައިލުމުންނެވެ. އަމިއްލަ ނަފުސަށްވުރެ ބޮޑަށް ޔާނިޝް އަބަދުވެސް އަހަންނަށް އިސްކަންދޭކަން އެކަމުންވެސް ހާމަވިއެވެ. އަހަރެން އޮތީ، ޔާނިޝްގެ ގައިމަތީގައެވެ. ދެމީހުންގެ މޫނު ވަނީ ނުރައްކާތެރި ދަރަޖައަކަށް ކައިރިވެފައެވެ. އެކަކު އަނެކެއްގެ ނަޒަރުން އެތައް ވާހަކައެއް ބަދަލުކުރެވުނެވެ. ޔާނިޝްގެ ދެލޮލުން ބުނެދިނީ، އަހަރެންގެ ގާތްކަމަށް އޭނާ ބޭނުންވެފައިވާ ކަމެވެ. ހުދު އެ ގާތްކަމަށް އަހަރެންގެ ހިތްވެސް އެދި ގޮވަމުންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އަހަންނަށް ކުރެވުނީ އުފާވެރި އިހުސާސެކެވެ. ޔާނިޝްއާއި ދުރަށް ދާކަށް މިއަދު ބޭނުމެއް ނޫނެވެ. ފިރިއެއްގެ ފަރާތުން އަހަންނަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ޔާނިޝް ފަރާތުން ލިބެމުންދެއެވެ. ވީއިރު، އަނތްބެއްގެ ޒިންމާ އަދާކުރުމަށް އަހަރެން ފަސްޖެހެންވީ ކީއްވެ ހެއްޔެވެ؟ ލަދުވެތިކަން އެއްފަރާތްކޮށް، ދިރިއުޅުން އައު ބާބަކުން ފަށަށް އިސްނެގީ އަހަންނެވެ. އަހަރެންގެ އަމަލުގައި ޔާނިޝްވެސް ބައިވެރިވިއެވެ. އެހެނަސް ގިނައިރެއްނުވެ، އޭނާ އަހަރެން ދުރުކުރިއެވެ.

"އަހަންނަކީ ރަނގަޅު މީހެއް ނޫން... ރުއާއަށްވެސް އެނގެއެއްނު އަހަރެންގެ ސަބަބުން ހިދާޔާ..." ޔާނިޝް ތެދުވެ، އިށީނދެލިއެވެ.

"އަހަންނަށް ހަގީގަތް އެނގޭ..." އަހަރެން ބުނީމެވެ.

"އެ ހުރިހާ ކަމަކާއެކީވެސް މިގުޅުން ކުރިއަށް ގެންދަން ރުއާ ބޭނުންތަ؟..." ގަބޫލު ނުކުރެވިފައިވާ ރާގަކަށް ޔާނިޝް އަހައިލިއެވެ.

އަހަރެން ތެދުވެ، އިށީނދެލީމެވެ. ޔާނިޝް އަހަންނާއި ދުރުން އުޅުނީ އޭނާގެ އަމިއްލަ ނަފުސު ކުށްވެރި ކުރެވޭތީ ހެއްޔެވެ؟ ވާހަކަ ދައްކަން ފެށުމުގެ ކުރިން ވިސްނައިލަން މަޖުބޫރުވިއެވެ. ބުނެވޭ އެއްޗަކުން ޔާނިޝް ހިތްހަމަނުޖެހިދާނެތީ ބިރުގަތެވެ.

"އަހަރެން މިބުނީ ޔާނިޝްގެ ކުށެއް ނެތްކަން އަހަންނަށް އެނގޭ ވާހަކަ..." ހަމަޖެހިލަން މަސައްކަތް ކުރަމުން، އަހަރެން ބުނީމެވެ. "އަހަރެން ހަގީގަތް ހޯދައިފިން... ހިދާޔާ މަރުވީ ޔާނިޝްގެ ސަބަބުންނެއް ނޫން... ކުށް ކުރީ އެހެން މީހަކު... އެވަރުންވެސް ހިދާޔާއާ، އެ އާއިލާއަށް އެހީވާން ޔާނިޝް މަސައްކަތް ކުރީމެއްނު..."

ފެންކަޅިވެފައިވާ ދެލޮލުން ޔާނިޝް އަހަންނަށް ބަލައިލިއެވެ. ޝުކުރުވެރިކަމުގެ ނަޒަރެކެވެ. ދުވަހަކުވެސް މީހެއްގެ ފަރާތުން އުއްމީދު ނުކުރާ ކަހަލަ ކަމެއް އަހަންނަށް ކުރެވުނު ކަހަލައެވެ. ހިފެހެއްޓުމެއްނެތި ޔާނިޝްގެ ދެލޮލުން ކަރުނަތައް ފައިބަން ފެށިއެވެ. އެ މަންޒަރު ފެނި އަހަރެންގެ ދެލޯވެސް ކަރުނުން ފުރުނެވެ.

"އަހަރެން ހިއެއް ނުކުރަން ދުވަހަކުވެސް މީހަކު އަހަރެންގެ ކުށެއް ނެތްކަން ގަބޫލުކޮށްފާނެ ކަމަކަށް..." ޔާނިޝްގެ އަޑު އައީ ކުރެހިގެންނެވެ. "ތޭންކް ޔޫ..."

ޔާނިޝް ކުއްލިއަކަށް އަހަރެންގެ ގައިގައި ބައްދައިލިއެވެ. ލިބުނު ސިހުމުގައި އަހަރެން އިނީ ގުޑިލަންވެސް ނޭނގިފައެވެ. ޔާނިޝް އަހަރެންގެ ގައިގައި ބައްދާލައިގެން އެތައް އިރަކު އިނެވެ. ގިނަ ދުވަސްތަކަކަށްފަހު، އެ ހިތަށް ހަމަޖެހުމެއް ލިބުނު ކަހަލައެވެ. ހިތާމަތައް އެއްފަރާތްކޮށް، ދިރިއުޅުމުގެ އައު ސަފުހާއެއް ހުޅުވައިލަން މިފަހަރު އިސްނެގީ ޔާނިޝްއެވެ. ހިތާމައިގެ ވަގުތުކޮޅު ނިމުނެވެ. ދެން އައީ އުފާވެރިކަމުގެ ވަގުތުކޮޅެކެވެ.

ދެ މީހުންގެ ގުޅުން އެހެން ހަރުފަތަކަށް ގެންދަން ކުރިން އަހަރެންގެ ހިތް ދެކޮޅު ހެދިއެވެ. އެހެނަސް މިއަދު އެ އުފާތަކަށް އަހަރެންގެ ހިތް ގޮވަން ފަށައިފިއެވެ. ކުރިން ނުޖަހާ ވިންދެއް މިއަދު އަހަރެންގެ ހިތުގައި އެބަ ޖަހައެވެ. ޔާނިޝްގެ މިޒާޖާއި، އޭނާގެ ދިރިއުޅުމުގެ ހަގީގަތް އެނގުމުން އަހަރެންގެ ހިތުގައި އޮތް ޝައްކު ފިލައިގެން ގޮސްފިއެވެ. ދިރިއުޅުމަށް އިތުބާރު ލިބިއްޖެއެވެ.

މަންމަ ބުނީ ތެދެކެވެ. މީހެއްގެ ބޭރުފުށުން ފެންނަ ސިފަތަކަށް ބަލައި ގޮތް ނުނިންމާށެވެ. އެމީހެއްގެ ގޮތް އެނގޭނީ، އެކުގައި އުޅުނީމައެވެ. މަންމަ އަބަދުވެސް ބުނެއެވެ. ހަގީގީ ލޯތްބަކީ ކައިވެނީގެ ފަހުން ވެވޭ އެއްޗެކެވެ. އަހަރެން ހީކުރީ، އަހަންނަށް ލޯބިވެވުނީ މިރާންދެކެ ކަމަށެވެ. އެކަމަކު އެއީ ކުށްހީއެއްކަން މިއަދު ވިސްނިއްޖެއެވެ. ރީތި އެއްޗެއްސަށް އިންސާނުންގެ ހިތް އެދޭ ފަދައިން، އަހަރެންވެސް މިރާން ބޭނުންވީއެވެ. އޭނާގެ ސިފަތަކަށް ހިތް ލެނބުނީއެވެ. އެއީ ލޯތްބެއް ނޫނެވެ. އެއީ ވަގުތީ ބޭނުންވުމެކެވެ. ބޭރުފުށުން ފެންނަ ރީތިކަމަކީ ވަގުތީ އުފަލެކެވެ. ހަގީގީ ރީތިކަމަކީ މުޅީން ތަފާތު އެއްޗެކެވެ.

ކޮޓަރި ދޮރުގައި މީހަކު ޓަކި ޖަހައިލި އަޑު އިވުނެވެ. ސިހިފައި ޔާނިޝް އާއި ދުރަށްޖެހިލެވުނެވެ. އަހަރެން ތެދުވަން އުޅުމުން ޔާނިޝް އެފުރުސަތެއް ނުދިނެވެ. އަހަރެންގެ ބުރަކަށީގައި އަތް އަޅުވައި، ކުރިއަށްވުރެ ކައިރިކޮށްލިއެވެ. އަނެއްކާވެސް ޓަކި ޖަހައިލި އަޑު އިވުނެވެ. ބުރުގާ ރަނގަޅުކޮށްލަމުން އަހަރެން ތެދުވީމެވެ. އޭރު ލަދުން ގޮސް އަހަރެންގެ މުޅި މޫނު ވަނީ ރަތްވެފައެވެ. އެފަދަ އުފާވެރިކަމެއް އޭގެ ކުރިން އަހަންނަށް އިހުސާސް ކުރެވިފައެއް ނެތެވެ. މިއަދުން ފެށިގެން އަހަރެންގެ ހިތުގައި ވާނީ ހަމައެކަނި ޔާނިޝްގެ ނަމެވެ.

ކޮޓަރި ދޮރު ހުޅުވައިލުމާއިއެކު، އާނާ އެތެރެއަށް ދެމިގަތެވެ. ދުވެލާފައި ގޮސް އެނދަށް އެރިއެވެ. ޔާނިޝްގެ ކައިރީގައި އޮށޯވެލައި، ބައްދައިލިއެވެ. އާނާ ބޭނުންވީ، އަހަރެންވެސް އެކުއްޖާގެ ކައިރީގައި އޮންނާށެވެ. އަހަންނާއި ޔާނިޝްގެ މެދުގައި އާނާ އޮތްއިރު، އެ ކުޑަކުޑަ ދެއަތުން އަހަރެމެންގެ މޫނުގައި ފިރުމައިލީ ނުހަނު ލޯބިންނެވެ.

އާނާއާއި ވާހަކަ ދައްކަމުން ދިޔަ ނަމަވެސް، ޔާނިޝްގެ ނަޒަރު ހުއްޓިފައިވީ އަހަންނަށެވެ. އެ ދެލޮލުން ފެންނަމުންދިޔައީ އުފާވެރިކަމެވެ. އަހަންނާއިއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވޭނެ ވަގުތަކަށް އިންތިޒާރު ކުރަމޭ ބުނާ ކަހަލައެވެ. ޔާނިޝް މާ ވަރަކަށް ބަލަން ފެށުމުން، ލަދުން ގޮސް އާނާގެ އިސްތަށިގަނޑުގައި މޫނު ޖައްސައިލީމެވެ.

"ޑެޑީ... ކީއްވެތަ މަންމީ އަބަދު އަނައްކޮ ގައިގަ ވަސްބަލަނީ؟..." އާނާ މައުސޫމު ގޮތަކަށް އަހައިލިއެވެ.

ޔާނިޝް މަޑުމަޑުން ހީލި އަޑު އިވުނެވެ. އަހަރެން އޮތީ ޔާނިޝްއަށް ބަލައިލަންވެސް ނުކެރިފައެވެ. ފަހަކަށް އައިސް އާނާ އަހަންނާއި ވާހަކަ ދައްކާއިރު މަންމަ ކިޔާތީ، އަހަރެންގެ ހިތަށް އުފާވެރިކަން ގެނެސްދެއެވެ.

"އެއީ މިކުއްޖާ ގައިން ދޮންވަސް ދުވާތީ..." ޔާނިޝް ސަމާސާކޮށްލިއެވެ. އެއަށްފަހު، އާނާގެ ގައިމަތީގައި ބާއްވާލާފައި އޮތް އަހަރެންގެ އަތުގައި ހިފައިލިއެވެ.

"ޑެޑީ ބުނީމެއްނު މަންމީއަށް ހެލްޕްކޮށްދޭށޭ... ލޯބިވާށޭ... އަނައްކޮ މަންމީއަށް މޭޒުވެސް ފޮހެދިނިން... މިހާވަރަށް ލޯބިވެޔޭވެސް..." އާނާގެ ޖުމުލަ ފުރިހަމަނުވަނީސް، ޔާނިޝް އެކުއްޖާގެ އަނގަމަތީގައި އަތް އެޅިއެވެ.

"މީ ވަރަށް އަނގަގަދަ ކުއްޖެއް..." އާނާ ނަގައި ބަނޑުމަތީގައި ބާއްވައިލަމުން ޔާނިޝް އެކުއްޖާ ހެއްވަން ފެށިއެވެ.

ތިން މީހުންގެ ހުނުމުގެ އަޑު މުޅި ކޮޓަރިތެރޭގައި ގުގުމައިލިއެވެ. އަހަންނަށް އޮވެވުނީ ޔާނިޝްގެ މޫނަށް ބަލާށެވެ. އަހަރެންގެ ފަރާތުން ޔާނިޝްއަށް އުފަލެއް ނުލިބުނު ނަމަވެސް، ޔާނިޝް އަބަދުވެސް އަހަންނާއި ދޭތެރޭ ވިސްނާކަން އާނާގެ ޖުމްލަތަކުން އެކަނިވެސް ހާމަވެގެން ދިޔައެވެ.

********

ރޭގަނޑުގެ ކެއުމަށް އިންސާފުކުރަން އެންމެން ތިބީ ކާމޭޒު ކައިރީގައެވެ. ޔާނިޝްގެ މަންމައާއި ބައްޕަ އަދި ރައުފާ މޭޒުގެ އެއްކޮޅުގައި ތިބިއިރު، އަހަންނާއި ޔާނިޝްގެ އިތުރުން އާނާއާއި ފިޒާ ތިބީ އަނެއްކޮޅުގައެވެ.

"މާމާ... ކާފަ ކީއްވެ މާމަ ގައިގަ ހަގްނުކުރަނީ؟..." އާނާ މައުސޫމު ގޮތަކަށް އަހައިލިއެވެ. "މަންމީ ގައިގަ ޑެޑީވެސް..."

އަހަރެން ކޮށި އެރިއެވެ. ދެލޯ ބޮޑުކޮށްލަމުން ވަށައިގެން ތިބި މީހުންނަށް ބަލައިލެވުނެވެ. ޔާނިޝް ވަގުތުން ބަތް ސަމުސަލެއް ނަގާފައި އާނާގެ އަނގަޔަށް ލެވިއެވެ. ފިޒާ އަނގަމަތީގައި އަތް އަޅައިގެން ސިއްރުން ހޭން އިނެވެ. ރައުފާގެ މޫނުން އެއްވެސް އަސަރެއް ނުފެނުނު ތަނުގައި މީހަކު އެއްޗެކޭ ކީހެންވެސް ހީނުވެއެވެ. ޔާނިޝްގެ މަންމަ ފާޑަކަށް ހިނި އައިސްފައި ބައްޕަގެ ކޮނޑުގައި ޖެހިލި ތަން ފެނުނެވެ. އެއާއިއެކު، ބައްޕަ މަޑުމަޑުން ކަރުކެހިލިއެވެ.

އެންމެން ކައިގެން ދިޔުމުން އަހަންނާއި ފިޒާ އުޅުނީ ތަށިތައް ނެގުމުގައެވެ. ރިހައަށް ހޫނުކުރަން ހުރެފައި، ފިޒާ ދޭތެރެއަކުން ގޭތެރެ ބަލަބަލާފައި އުޅުނެވެ.

"ތިއްތާ، އެ މިރާންގަނޑު މިހާރު ކާންވެސް ނާދޭ... އެންމެން ނިދީމަ ކަންނޭނގެ ގެއަށް އަންނަނީވެސް... މަންމަ މިހާރު ކިތައް ފަހަރު ސުވާލުކޮށްފި... ފިޒާ ކީކޭތަ ބުނާނީ؟... ފިހާރައިން ނުފެންނާތީ އެހީމަ، އެތާ މީހުން ބުނި އެތަނުން ކެނޑިއްޖެޔޯ... ކޮލެޖަށްވެސް ނުދޭ..." ފިޒާގެ މޫނުން ފެނުނީ ކަންބޮޑުވުމުގެ އަސަރެވެ. "ތިއްތިއާ މައްސަލަޖެހުނަސް، އެހެން މީހުންނާ ގުޅުން ކަނޑާލާކަށް ނުވާނެއެއްނު..."

"ފިޒާ ގުޅިންތަ؟..." އަހަރެން އަހައިލީމެވެ.

"ފިޒާ ގުޅައިގެން ނުނަގާނެ... ތިއްތަ ގުޅާބަލަ..." ފިޒާ އެދުނެވެ.

"ނުނަގާނެ... ތިއްތަދެކެވެސް ރުޅިއައިއްސައޭ ހުރީ..." އަހަރެން ބަހަނާއެއް ހޯދީމެވެ.

ފިޒާ ކުރުނުކޮށް ކިޔަން ފެށުމުން، މިރާންއަށް ގުޅަން މަޖުބޫރުވިއެވެ. ދެތިން ރިންގާއިއެކު މިރާން ފޯނު ނެގިއެވެ. އަހަރެން ހުރީ، ވާހަކަ ދައްކަން ތައްޔާރުވެގެނެއް ނޫނެވެ. ބުނާނެ އެއްޗެއް ނޭނގި، އަނގަ އޮޅޭގޮތްވިއެވެ.

"ކާން ނާންނާތީ..." އަހަރެން ބުނީމެވެ.

"ކައިފިން..." މިރާންގެ ޖަވާބު ކުރެވެ.

"ކީކޯ؟..." ފިޒާ ސިއްރުން އަހައިލިއެވެ.

އަތުގެ އިޝާރާތުން ފިޒާގެ ކައިރީގައި މަޑުކުރުމަށް އެދިފައި އަހަރެން ނުކުތީ ބޭރަށެވެ. ފިޒާގެ ކުރިމަތީގައި އަހަރެން ބޭނުންވާގޮތަށް ވާހަކަ ނުދެއްކޭނެކަން އެނގެއެވެ. ފޯނު ކަންފަތުގައި ޖަހައިގެން ދޮރާށި ކައިރިއަށް ނުކުތްއިރު، މިރާން ހުރީ އެތަނުގައެވެ. އަހަރެން ފެނުމުން ސިހުނުކަން އެ މޫނަށް ވެރިވި އަސަރުތަކުން އެނގުނެވެ.

"މިރާން؟..." ހައިރާންވެފައި، އަހަންނަށް ގޮވައިލެވުނެވެ.

ފޯނު ކަނޑާލުމަށްފަހު، ޖީބަށް ލަމުން، މިރާން އަވަހަށް އަނެއް ފަރާތަށް މޫނު އަނބުރައިލިއެވެ. އަހަންނާއި ހަތަރުކަޅި ހަމަކުރަން އޭނާއަށް އުނދަގޫވި ކަހަލައެވެ. ނޫނީ، އެ ސޫރަ އަހަންނަށް ފެންނަން އޭނާ ބޭނުން ނުވީއެވެ. މިރާންއަށް އައިސްފައިވާ ބަދަލުން އަހަރެން ހުރީ ބަސްހުއްޓި، އަޖައިބުވެފައެވެ. އަބަދު ރީތިކޮށް ކޮށާލާފައި އޮންނަ އިސްތަށިގަނޑު ދިގެވެ. އެއްވެސް ތަރުތީބެއް ނެތެވެ. ތުނބުޅި އާއި މަތިމަސްވެސް ހުރީ ކޮންމެވެސް ވަރަކަށް ދިގުވެފައެވެ. މޫނުމަތީގައި ތާޒާކަމެއް ނެތެވެ. ދެލޯ ކައިރި ހުރީ ވަޅުވަދެފައެވެ. ފަނޑު އަލިކަމުގައިވެސް އެވަރު އެނގުނެވެ.

"ކީއްވެ ގެއަށް ނާންނަނީ؟..." ކުޑަކޮށް ހިތްހަމަނުޖެހިފައިވާ ރާގަކަށް އަހަރެން ސުވާލު ކުރީމެވެ. "ތިހެން ހެދީމަ އެންމެން ކަންބޮޑުވާނެއެއްނު..."

"ރުއާ ހާދަ ބޮޑުވެއްޖެއޭ..." ރިހުން އެކުލެވޭ ގޮތަކަށް ހިނިގަނޑެއް ޖަހައިލަމުން މިރާން ބުންޏެވެ.

"މީހުންނާ އިންނަނީ ބޮޑެތިވީމަ..." އަހަރެން ބުނީމެވެ.

"އަހަރެން ނެތީމަ ރުއާ މާ ހެޕީދޯ؟..." އަހަންނަށް ބަލައިލަމުން މިރާން އަހައިލިއެވެ.

އަހަރެންގެ ބަސް ހުއްޓުނެވެ. ބުނާނެ އެއްޗެއް ދުލަށް ނައީ، މިރާން ހުރި ހާލުން ހިތުގައި އުފެދުނު ހަމްދަރުދީގެ ސަބަބުންނެވެ. މިރާންއަށް އެވަރުގެ ބަދަލެއް އައީ ކީއްވެ ހެއްޔެވެ؟ އެންމެންނަށް ފިލައިގެން އުޅެނީ ކީއްވެ ހެއްޔެވެ؟

"ކީއްވެތަ މައުޟޫޢު ބަދަލުކުރަނީ؟... ހިނގާ އެތެރެއަށް..." އެތެރެއަށް ވަންނަން ހިނގައިގަންނަމުން އަހަރެން ބުނީމެވެ.

"ރުއާ..." މިރާން އަހަރެންގެ އަތުގައި ހިފައިލިއެވެ.

އަހަރެން ހިތްހަމަނުޖެހިފައި ބަލައިލުމުން، އަތުން ދޫކޮށްލިއެވެ.

"އަހަންނަށް ގޯސްކަމެއް ކުރެވިފަ އޮތިއްޔާ، ރުއާ އަހަންނަށް މާފުކުރާނަންތަ؟..." ކުށްވެރިއެއް ފަދައިން މިރާން ސުވާލު ކުރިއެވެ. އޭނާގެ ރާގުން، ކޮންމެވެސް ބޮޑު ކުށެއް ކޮށްފައިވާ ކަހަލައެވެ.

"ކޮން ކަމަކަށް މާފުކުރާށޭ؟..." ދޮރާށި ހުޅުވައިލާފައި ފިޒާ ބޭރަށް ނުކުތެވެ. "ތިހެން އުޅެންޏާ، ނުކުރާނަން އިނގޭ މާފެއް... ތިއްތަވެސް ނުކުރާތި!..."

ފިޒާ އެދިޔަ ބާރުމިނުގައި ގޮސް މިރާންގެ ކަންފަތުގައި ހިފައި އަނބުރައިލިއެވެ. އެވަރުން ނިމުނީކީ މޫނެވެ. ފައިގެ ކަށިމަތީގައިވެސް ޖެހިއެވެ.

ފިޒާއަށް މިރާން ދޫކޮށްލާފައި، އަހަރެން އެތެރެއަށް ވަނީމެވެ. ބޭރަށް ނުކުންނަން ތައްޔާރުވެލައިގެން ޔާނިޝް ގޭތެރެއިން ނުކުންނަ ތަން ފެނުނެވެ. އަހަންނަށް ހުރެވުނު ތަންވެސް ނޭނގުނެވެ. މިރާންއާއި ފިޒާ އެކުގައި ތިއްބާ ޔާނިޝްއަށް ފެނިއްޖެނަމަ މަސްލަހަތު ގޯސްވެދާނެހެން ހީވިއެވެ. ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ޔާނިޝްގެ ކުރިމައްޗަށް އެރީމެވެ. ދެއަތް ފުޅާކޮށް، ޔާނިޝް ދިއުމަށް ހުރަސްއެޅީމެވެ.

"ކޮންތާކުން ތިއައީ؟..." އަހަރެންގެ ފަހަތުގައި މީހަކު ހުރިތޯ ބަލައިލަމުން ޔާނިޝް އަހައިލިއެވެ.

"ބޭރަށް ދަނީތަ؟..." އަހަރެން އަހައިލީމެވެ.

"އޮފީހަށް ވަދެލަންޖެހިގެން މިދަނީ... އަންނާނަން ވަރަށް އަވަހަށް..." ޔާނިޝް ހިނިތުންވެލިއެވެ.

"މިގަޑީ؟... ކޮންމެހެންވެސް ދާންޖެހޭތަ؟..." ހާސްވެފައި ސުވާލުކުރީމެވެ.

"ކިހިނެއްވީ؟... ނުދާންވީތަ؟..." ޔާނިޝް ލާނެތް ގޮތަކަށް ސުވާލުކުރިއެވެ.

ހާސްވެފައި ހުރިވަރުން އަހަންނަށް ބޯ ޖަހައިލެވުނެވެ. އެއާއިއެކު ޔާނިޝްގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. ފިޒާމެން އެތެރެއަށް ވަންނަން އުޅޭހެން ހީވެ، އަހަންނަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ޔާނިޝްގެ އަތުގެ މުލައްދަނޑީގައި ހިފައިލެވުނެވެ.

"ހިނގާ ކޮޓަރިއަށް..." އަހަރެން އެދުނީމެވެ.

އަހަރެން ހީކުރި ވަރަށްވުރެ ފަސޭހައިން ޔާނިޝް އަހަންނާއިއެކު ކޮޓަރިއަށް ދިޔައެވެ. އަހަންނަށް ހަމަޖެހުމެއް ލިބުނީ ކޮޓަރިއަށް ވަދެ، ދޮރު ލައްޕައިލެވުމުންނެވެ. ރަނގަޅަށް ހަމަޖެހިލާފައި ބަލައިލިއިރު، ޔާނިޝް ހުރީ ދާދި ކައިރީގައެވެ.

(ނުނިމޭ)