15 Oct 2022, 09:29
"ކީއްކުރާ ކުއްޖެއް؟..." އަހަރެން ފެނުމުން، އޭނާ ސުވާލުކުރިއެވެ.
"ހިދާޔާގެ މަންމަތޯ؟..." އަހަރެން އަހައިލީމެވެ.
އަންހެންމީހާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.
********
އެ މޫނުން ފެނުނީ ހިތާމައިގެ އަސަރެވެ. ހަމައެއާއިއެކު، މައިވަންތަކަމުގެ ކުލުނެވެ. ބޯ ޖަހައިލުމަށްފަހު، އަހަރެންގެ މޫނަށް އޭނާ ބަލައިލީ ފުން ނަޒަރަކުންނެވެ.
"ތީ ކޮން ކުއްޖެއް؟..." އޭނާ ސުވާލުކުރިއެވެ. "ހިދާޔާގެ ރައްޓެއްސެއްތަ؟..."
އަހަރެން އުޅުނީ ހަގީގަތް ހާމަކުރާށެވެ. އެ ހިތްވަރު ނުލިބި އުޅެނިކޮށް އޭނާ އަހަރެންގެ އަތުގައި ހިފައި، އެތެރެއަށް ވެއްދިއެވެ.
"މިހާ ދުވަސްފަހުން ހިދާޔާގެ އެކުވެރިއަކު މިގެއަށް އައިސްދާނެކަމަށް ދައްތަ ހީވެސް ނުކުރަން..." ދެލޮލަށް ޖަމާވި ކަރުނަތައް ހިންދައިލަން މަސައްކަތް ކުރަމުން ހިދާޔާގެ މަންމަ ބުނެލިއެވެ.
އެކި ވާހަކައިގައި ވަގުތުތައް ދިޔަ ގޮތްވެސް ނޭނގުނެވެ. އަހަރެން ހީކުރިގޮތާއި ހިލާފަށް، ހިދާޔާގެ މަންމަ އުޅެމުންދިޔައީ ހިތްދަތި ދިރިއުޅުމެކެވެ. އާއިލާގައި އަޅާލާނެ މީހަކު ނެތެވެ. ފިރިމީހާ ދުނިޔޭގައި ހުރި ނަމަވެސް، ދުނިޔެއަށް ނޭވާލާކަން އެކަންޏެވެ. ބަލި އެނދުގައި އޮންނަތާ އެތައް ޒަމާނެއް ވެއްޖެއެވެ. މުސްކުޅިވެ ގައިބާރު ދެރަވި ދުވަހު، ދިރިއުޅުން ނަގާ ކޮޅަށް ޖެހުމަށް، މުސްކުޅި އަންހެނަކު ކުރަމުންދިޔަ ބުރަ މަސައްކަތް ފެނި، އަހަރެންގެ ލޮލުން ކަރުނަ ހިލުވައިލިއެވެ. ހިދާޔާގެ މަންމަ ވީ އަހަރެން ހީކުރި ވަރަށްވުރެ ހިތްވަރުގަދަ މީހަކަށެވެ. އެއީ ހިތްހެޔޮ މީހަކެވެ. ފިޒާ ކިޔައިދިން ވާހަކަތަކާއި އަހަންނަށް ފެނުނު މީހާ، ހާސްބައި ތަފާތެވެ.
އެ ދުވަހުގެ ފަހުން، އަހަރެން ކޮންމެ ދުވަހަކުވެސް އެގެއަށް ދަމެވެ. އެކި ގޮތްގޮތުން އެ އާއިލާއަށް އެހީތެރިވެދޭން ފެށީ، ހިތުގައި އުފެދުނު ހަމްދަރުދީގެ ސަބަބުންނެވެ.
އާދައިގެ މަތިން، އަހަރެން ހިދާޔާގެ ގެއަށް ދިޔަ ދުވަހެކެވެ. އަހަރެން ފެނުމުން، ހިދާޔާގެ މަންމަގެ މޫނުން ފެނުނީ، ތަފާތު އަސަރެކެވެ. އެހެން ދުވަސްދުވަހާއި ހިލާފަށް އަހަންނާއި ވާހަކަ ދެއްކުމުގެ ޝައުގުވެރިކަމެއް އޭނާގެ ކިބައަކުން ނުފެނުނެވެ. އަހަރެން މާ ބޮޑު ކަމަކަށް ނުހަދާ އެތެރެއަށް ވަނީމެވެ.
"ދައްތާ، މިއަދު ކޮންކަހަލަ ހެދިކާއެއް ހަދަން ޖެހެނީ؟..." އަހަރެން އަހައިލީމެވެ.
"ކޮން ކަމެއް ބޭނުންވެގެން ތިއުޅެނީ؟..." ހިދާޔާ މަންމަގެ ރުންކުރު ރާގު އައިސް ކަންފަތުގައި ޖެހުމާއިއެކު، އަހަރެން ދިޔައީ ސިއްސައިގެންނެވެ.
"އޭނ؟..." ގަބޫލު ނުކުރެވިފައި ކަހަލަ ގޮތަކަށް އޭނާގެ މޫނަށް ބަލައިލަމުން އަހަންނަށް ބުނެވުނެވެ.
"އަހަރެން މިއެހީ ކީއްވެހޭ އަހަންނަށް އެވަރުގެ ބޮޑު އޮޅުވާލުމެއް އޮޅުވާލީ؟..." އޭނާ ހަޅޭއްލަވައިގަތެވެ.
"ދައްތާ..." އަހަންނަށް ގޮވައިލެވުނެވެ.
"އަހަންނަށް އެނގޭ ތީ ކާކުކަން... ޔާނިޝް ބުނީތަ މިގެއަށް އަންނަން؟... އޭނ؟..." އޭނާ ރުޅި އައިސްފައި އަހަރެންގެ މޫނަށް ބަލައިލިއެވެ.
އަހަރެން އިތުރަށް ފޮރުވާކަށް މަސައްކަތެއް ނުކުރަމެވެ. ހަގީގަތް އެނގުމުން، ހިދާޔާގެ މަންމަ ރޮއެ ހަޅޭއްލެވިއެވެ. އަހަރެންގެ މޭގައި އަތް އަޅައި، އެގެއިން ނުކުތުމަށް ބުނެ، ކޮއްޕަން ފެށިއެވެ. ރޮވިފައި އަހަރެން ހުރީ އިސްޖަހާލައިގެންނެވެ. ދަރިއަކު ވަކިވެ ދިޔުމުން، މަޔެއްގެ ހިތުގައި ކިހާ ވޭނެއް އަޅާނޭކަން އަހަންނަށް އެނގެއެވެ. އެ އިހުސާސްތައް ތަހަންމަލް ކުރަން ނުޖެހުނު ނަމަވެސް މެއެވެ.
"ކަލޭމެން ކޮންކަމެއް ބޭނުންވެގެން ތިއުޅެނީ؟... އޭނ؟..." ހިދާޔާގެ މަންމަގެ އަޑުގައި އެހެންޏާ ނުހުންނަ ކަހަލަ ހަރުކަށި ގޮތެއް ހުއްޓެވެ.
"ދައްތާ، ވެދިޔަ ހުރިހާ ކަމަކަށް އަޅުގަނޑު މާފަށް އެދެން... ޔާނިޝް އާ އެގޭ އެންމެންގެ ފަރާތުން... އަޅުގަނޑު ބޭނުންވަނީ އެންމެ ކަމެއް... ހަމަ އެންމެ ކަމެއް..." ދެލޮލުން އޮހެމުންދިޔަ ކަރުނަތައް ފޮހެލާފައި އަހަރެން ވާހަކަ ދެއްކީމެވެ. "ދައްތަގެ މާމަ ދަރިފުޅު..."
"އަހަރެންގެ މާމަ ދަރިއަކު ނުހުންނާނެ..." އަހަރެންގެ ޖުމްލައިގެ އެއްބައި އަނގައިގައި އޮއްވާ، އޭނާ ހަޅޭއްލަވައިގަތެވެ.
"ތިހެން ބުނާކަށް ނުވާނެ ދައްތާ... އެއީ ހިދާޔާ ވިހޭ ކުއްޖެއްނު..." އަހަރެން ކުރިއަށް ޖެހިލައި އޭނާގެ ދެއަތުގައި ހިފައިލީމެވެ.
"މިބުނީނު ނުހުންނާނެއޭ..." އަހަރެންގެ އަތް ފޮޅުވައިލަމުން އޭނާ ހަޅޭއްލަވައިގަތެވެ.
"ހިދާޔާ މަރާލީ ޔާނިޝް ނޫންކަން ދައްތައަށް އެނގޭދޯ؟..." އަހަރެން އަހައިލީމެވެ.
ހިދާޔާ މަންމަގެ ހަރަކާތް ހުއްޓުނެވެ. ފަސްފަހަތަށް ދަމުން ގޮސް، ފާރުގައި ޖެހިފައި ހުއްޓުނެވެ. ދެން ފެނުނީ، ހުރިތަނަށް ތިރިވި ތަނެވެ. މުޅި ތަނުގައި އެއް އަޑަކަށް ހަރުލައިގެން ދިޔައީ، އޭނާގެ ގިސްލުމުގެ އަޑެވެ.
"ހިދާޔާއަށް އެހެންވީ އަހަރެންގެ ސަބަބުން..." ރޮމުން ގިސްލަމުން އޭނާ ބުންޏެވެ. "އަހަރެންގެ ދަރިފުޅު މަރުވީ، އަހަރެންގެ ސަބަބުން... އަހަންނަށް އެކުއްޖާ އެކަނިކޮށް ނުލެވުނުނަމަ... އަބަދު ކައިރީ ހުރެވުނުނަމަ..."
"ދައްތާ..." އަހަންނަށް ކުރިއަށް ޖެހިލެވުނެވެ. "އެއީ ދައްތަގެ ކުށެއް ނޫނޭ..."
"އަހަންނަށް އަދިވެސް ގަބޫލެއް ނުކުރެވޭ އަހަރެންގެ ދަރިފުޅު އަމިއްލައަށް މަރުވެދާނެ ކަމަކަށް..." ބޮލުގައި ދެއަތުން ހިފަހައްޓާލަމުން އޭނާ ބާރަށް ރޮއެގަތެވެ. "ކައިވެންޏަށް ތައްޔާރުވަމުން ދިޔައިރު އެކުއްޖާފުޅު ހުރީ ހާދަ އުފަލުންނޭ... ހާދަ ފޮނި އުއްމީދެއް ކުރިއޭ... ކާކު ހީކުރާނީ އެކުއްޖާފުޅުގެ އުފާވެރިކަން ފޭރިގަންނަން މީހަކު ފެންބޮވައިގަނެފަ ހުރެދާނެކަމަށް..."
އަހަރެން ތިރިވެލައި ހިދާޔާގެ މަންމަގެ ގައިގައި ހިފަހައްޓައިލީމެވެ. ހިތްވަރު ދިނުމުގެގޮތުން ބުނާނެ އެއްޗެއް އަހަރެންގެ ދުލަކަށް ނައެވެ. އޭނާއެކޭ އެއްވަރަށް އަހަރެންގެ ދެލޮލުންވެސް ކަރުނަ އޮހެމުން ދިޔައެވެ.
"އަބަދު އެ ތުންފަތުގަ ހުންނަ އުފާވެރި ހިނިތުންވުން ގެއްލުނީ ހަމަ އެންމެ ދުވަހަކުން... އެކަމަކު، ހުރިހާ ކަމަކަށްފަހުވެސް އެ ކުއްޖާފުޅު ވިސްނީ ޔާނިޝްއާ ދޭތެރޭ... ޔާނިޝްގެ ދިރިއުޅުމަށް އޭނަ ނުދިޔައީ ލޯބި ނުވާތީކީ ނޫން... އެކުއްޖާފުޅުގެ ކުށެއްނެތި ފަސްބައިގަ ޖެހުނު ލައްގަނޑުން ޔާނިޝްގެ ދިރިއުޅުމަށް އެއްވެސް އަސަރެއް ކުރަން ބޭނުން ނުވާތީ... ލޯތްބަކީ އެކަހަލަ އެއްޗެއްކަން ކުރިން އެނގުނުނަމަ، ދުވަހަކު އެކުއްޖާފުޅަށް މީހަކުދެކެ ލޯބިވާކަށް ނުކެރުނީސް.... އަހަރެންގެ ހިދާޔާ އެޅިހާ ކަރުނަތައް ފެނުނީ އަހަރެންގެ މި ދެލޮލަށް..." ހިދާޔާގެ މަންމަ ރޮއެރޮއެފައި މޭގައި އަތުން ތަޅަމުން ދިޔައެވެ. "ހިދާޔާ ވިހެއީ އެ ނުބައި މީހާގެ ލޭ... ހިދާޔާގެ ބަނޑުން އުފަންވިޔަސް، އެއީ ހިދާޔާ ބޭނުންވެގެން ހޯދި ކުއްޖެއް ނޫން... ހިދާޔާގެ މުޅި ދިރިއުޅުން ހަލާކުކޮށްލި ހާދިސާގެ ނިޝާން އެއީ... އަހަރެން ކިހިނެއް އެ ކުއްޖާ ގެންގުޅޭނީ؟... ކިހިނެއް ލޯ ކުރިމަތީ ބަހައްޓާނީ؟.... ކިހިނެއް އެކަން ހަނދާން ނައްތާލާނީ؟..."
********
ހިދާޔާގެ ގެއިން ނުކުތްއިރު، އަހަރެން ހުރީ ފާޑަކަށް ގަބުވެފައެވެ. އެނގުނު ހަގީގަތްތަކެއްގެ ސަބަބުން، އަހަރެންގެ ހިތަށް ފުން އަސަރުތަކެއް ކުރުވައިފިއެވެ. މީހެއްގެ ނުބައިކަމުގެ ސަބަބުން، ހުރިހާ ހިތްދަތިކަމެއް ލިބެމުން ދަނީ މައުސޫމު ތުއްތު ކުއްޖަކަށެވެ. ހިދާޔާގެ މަންމައަށް ކުރެވޭ އިހުސާސް ޔާނިޝްއަށްވެސް ކުރެވޭނޭކަން ގައިމެވެ. އާނާ ފެންނަ ކޮންމެ ފަހަރަކު، އެ އިހުސާސްތަކުން ޔާނިޝްގެ ހިތަށްވެސް ފުން އަސަރުތަކެއް ކުރުވާނެއެވެ. ޔާނިޝް ހާދަ ހިތްވަރުގަދައެވެ. އެއްވެސް މީހަކަށް ކަރުނަތައް ނުދައްކައިވޭތޯ އޭނާ ކިހާ މަސައްކަތެއް ކުރާނެ ހެއްޔެވެ؟ ނުކުރާ ކުށެއްގެ ޒިންމާ އަމިއްލަ ބޮލުގައި އަޅައިގެން އެތައް އަހަރެއް އެ ހަޔާތުން ބޭކާރުކޮށްލައިފިއެވެ. އެންމެ ލޯބިވާ މީހާގެ މަރުގެ ޒިންމާ ބޮލުގައި އަޅައިގެން އުޅުމަކީވެސް ކޮންފަދަ ބޮޑު ހިތްދަތިކަމެއް ހެއްޔެވެ؟
ގެއަށް ދިޔުމުގެ ބަދަލުގައި އަހަރެން ހިނގަމުން ދިޔައީ ވަކި މަންޒިލެއް ނެތިއެވެ.
"އާނާއަކީ ޔާނިޝްގެ ދަރިއެއް ނޫން... އެއީ ގަދަކަމުން ހިދާޔާގެ އިއްފަތްތެރިކަން ނަގާލި ނުބައި އިންސާނާގެ ލޭ... އޭނަ ހަމައެކަނި ހިދާޔާގެ އިއްފަތްތެރިކަން ނަގާލީކީ ނޫން... ހިދާޔާގެ ވީޑިޔޯތައް ބޭނުންކޮށްގެން ބިރުދައްކާ އެކުއްޖާ މޮޔަކޮށްލީ... އެ ހުރިހާ ކަމަކާ ކެތްނުވެގެން، އެކުއްޖާފުޅު އަމިއްލަ ފުރާނަ ނަގާލީ... އެމީހަކު އެނގޭ ދުވަހަކުން، އަހަރެން އޭނަ މަރާލާނަން... ދުނިޔޭން މޮޔަކޮށްލާނަން..." ހިދާޔާގެ މަންމަގެ ޖުމްލަތައް އަހަރެންގެ ކަންފަތް ކައިރީގައި ގުގުމަމުން ދިޔައެވެ.
ޔާނިޝްގެ ކުށެއް ނެތްކަން އެނގުމުން، އަހަރެންގެ ސިކުނޑިން ހީވީ ބޮޑު ބުރައެއް ނެގުނު ހެންނެވެ. އެކަމަކު، ހިދާޔާއަށް އިންސާފު ނުލިބޭހާ ހިނދަކު، އަހަންނަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ. އެވަރުގެ ކަމެއް ހިދާޔާއަށް ކުރި މީހަކަށް އަދަބު ނުލިބި، މުޖުތަމައުގެ ތެރެއަށް ދޫވެފައި ހުރެގެން ނުވާނެއެވެ.
********
އަހަރެން ހުރީ ލޯގަނޑުގެ ކުރިމަތީގައި ހުއްޓިލައިގެންނެވެ. އަތުގައި އޮތް ލިޕްސްޓިކުން ތުންފަތުގައި ގަދަ ރަތްކުލަ ޖައްސައިލީމެވެ. ދެލޯ އަނދުނުން ފަވައިލާފައި، ފަހު ކަމަކަށް ދެކޮލުގައި ފިޔާތޮށި ކުލަ ހާކައިލީމެވެ. އަހަރެންގެ ކައިރީގައި ފިޒާ ހުރިއިރު، ކަޅި ޖަހާވެސްނުލައި އަހަރެންގެ މޫނަށް ބަލަމުން ދިޔައެވެ.
"ރީތިތަ؟... ތިއްތަ އަދި ފުރަތަމަ ފަހަރަށް އަމިއްލައަށް މިކަހަލަ މޭކަޕެއް މިކުރީ... ވިއާޑްތަ؟..." އަހަރެން އަހައިލީމެވެ.
"ތިއްތާ، ތީ ހަމަ ތިއްތަތަ؟..." ފިޒާ އޭނާގެ ދެކޮލުގައި އަތުން ޖަހައިލަމުން ސުވާލު ކުރިއެވެ.
"ކިހިނެއްވީ؟... ޖިންނިއެއް ހެންތަ ހީވަނީ؟..." އަހަރެން ހުރީ، ކުރެވުނު މޭކަޕާއިމެދު ހިތްހަމަނުޖެހިފައެވެ.
"ރީތިކަމުން..." ފިޒާ ފާޑަކަށް ހެވިފައި ހުރެ، ބުނެލިއެވެ. "ދެން ބުނެބަލަ، ތިއްތިއާ އެއްކޮށް ކޮންތާކަށް ދާންތަ ތިއުޅެނީ؟..."
"ފަހުން ބުނާނަން... މިހާރު ނެތް ވަގުތެއް..." ކޮޓަރިން ނުކުންނަމުން އަހަރެން ބުނީމެވެ.
އަހަރެން ދޮރާށި ކައިރިއަށް ނުކުތްއިރު، ޔާނިޝް ސައިކަލު ޕާކު ކުރަނީއެވެ. އަހަރެން ފެނުމާއިއެކު، ޔާނިޝްގެ މޫނުން ފެނުނީ ހައިރާން ކަމެވެ. ސައިކަލުގެ ހަރު ޖައްސަން އުޅެފައި ފައި ކަހައިލި ތަން ފެނުނެވެ. ސައިކަލާއިއެކު އަރިއަޅައިލި ނަމަވެސް، އޭނާ ހުށިޔާރުކަމާއިއެކު ހިފެހެއްޓިއެވެ.
އަހަރެން ތުއިވެލީމެވެ. ފަރިކޮށް ހިނގަން ހަދައިގެން ލިބުނު ލަނޑު ކުޑައެއް ނޫނެވެ. ކާނުގަނޑުން ބާގަނޑެއްގެ ތެރެއަށް، ފައިވާނުގެ އުސް ފުންނާބު ވަދެ، ނުވެއްޓުނީ ކިރިޔާއެވެ. ނުވެއްޓުނު ނަމަވެސް، ފައިގެ ކުޑަހުޅަށް ތަދުވިއެވެ. އަހަރެން އަމިއްލަ ނަފުސަށް ކުދި ކިޔަމުން ގޮސް ސައިކަލުގެ ކައިރިއަށް ހުއްޓުނު އިރުވެސް، ޔާނިޝް އިނީ އަހަންނަށް ބަލާށެވެ.
"ފިހާރައަށް ދާންވެގެން..." ސައިކަލަށް އަރައި، ޔާނިޝްގެ އުނަގަނޑުގައި ހިފަހައްޓައިލަމުން އަހަރެން ބުނީމެވެ.
"ކޮން ފިހާރައަކަށް ދާންވީ؟..." އަޅައިގަންނަމުން ކަހަލަގޮތަކަށް ޔާނިޝް ސުވާލުކުރިއެވެ.
"ވަރަށް ގިނަ އެއްޗެހި ހުންނަ ބޮޑު ފިހާރައަކަށް..." އަހަރެން ބުނީމެވެ.
ސައިކަލުގައި އިންއިރުވެސް، މީހުންގެ ނަޒަރު އަހަންނަށް ހުއްޓެމުން ދިޔައެވެ. ފިހާރައަށް ވަނުމުން، އެތަނުގައި ތިބި މީހުންވެސް އަހަންނަށް ބަލާފައި، އެކަކު އަނެކަކަށް ހީ، ސިއްރު ވާހަކަ ދައްކާ ތަން ފެނުނެވެ. ޔާނިޝް އަހަރެންގެ އަތުގައި ހިފައިގެން ހަރުތަކުގެ ނިވަލަށް ދިޔައެވެ. ޓިޝޫއަކުން މޫނުގައި ހުރި މޭކަޕުތައް ފޮހެދިނެވެ.
"ރުއާއަކަށް ނޭނގެއެއްނު މޭކަޕު ކުރާކަށް... ހީވަނީ ބުދެއްހެން... ދެން މިކަހަލަ ހަޑި ކަންތައް ނުކުރާތި..." ޓިޝޫ އަހަރެންގެ އަތަށް ލަމުން ޔާނިޝް ބުންޏެވެ.
ވަށިގަނޑެއް ހިފައިގެން ޔާނިޝް އަންނަންދެންވެސް އަހަންނަށް ހުރެވުނީ ހިނިއައިސްފައެވެ. ޔާނިޝް އަހަންނަށް އަޅާލާ މިންވަރު ފެނުމުން އުފާވިއެވެ.
ގެއަށް އައިއިރު، އަހަރެމެން ދިޔަ ތަނެއް އަހަން ފިޒާ ހުރީ ކެތްތެރިކަން ކުޑަވެފައެވެ. ވާނީވެސް އެހެންތާއެވެ. އަހަރެން އުޅުނީ ދުވަހަކު ނޫޅޭ ގޮތަކަށެވެ. ނަލަވެގެން ހުރީ އެހާ ވަރަށެވެ.
"ހޫމްމްމް، ހޫމްމްމް... މޭކަޕުކޮށް، މާ ރީތިވެލައިގެން ކޮންތާކަށްތަ ދިޔައީ؟... ރޮމޭންޓިކް ނައިޓެއްތަ؟..." ފިޒާ އަހައިލިއެވެ.
ފިޒާގެ އަތުގައި ހިފައިގެން ޔާނިޝް ތަންކޮޅެއް ދުރަށް ދިޔައެވެ. އަހަރެން މަޑުމަޑުން، އެމީހުންގެ އަޑު އިވޭ ހިސާބަށް ޖެހިލީމެވެ.
"ފިޒައްކޮ ކުރި ކަމެއް ދޯ އެއީ؟..." ޔާނިޝް ފިޒާގެ ކައިރިއަށް ޖެހިލަމުން، ދެލޯ ހަނިކޮށްލި ތަން ފެނުނެވެ.
"ކޮބާ؟..." ފިޒާ ޖެހިލީ ފަހަތަށެވެ.
"އިނޮސެންޓްވާނެކަމެއް ނެތް... އެކަހަލަ މޮޔަ ކަންތައް ކުރާނީ ފިޒައްކޮ... ރުއާއެއް ނުކުރާނެ..." ޔާނިޝް ބުނެލިއެވެ. "ހީވަނީ ފުށް އެއްޗެއްގެ ތެރެއަށް ކޮއްޕާފަ ނަގާފަ ހުރި ބުދެއްހެން... ދެކޮލުގަ ދެ ފިނިފެންމާ ފިޔަ ތަތްކޮށްފަ... ތުންފަތަށް ރަތް ދަވާދު ފާޓާއެއް އޮއްސާލާފަ..."
ފިޒާ ބާރަށް ހީނގަތެވެ. އަހަރެންގެ ނޭވާ އަވަސްވިއެވެ. ތުން ފިއްތައިލީމެވެ. ދެއަތް މުށްކަވައިގެން ހުރެ، ފިޒާއަށް ފެންނަ ހިސާބަށް ނުކުތީމެވެ. އަހަރެން ފެނުމާއިއެކު، ފިޒާގެ ދެލޯ ބޮޑުވިއެވެ. ވަގުތުން ހިނިގަނޑު ހިންދައިލިއެވެ.
"ސޮރީ ތިއްތާ..." ފިޒާ ދުވެފައި ގޮސް ކޮޓަރިއަށް ވަދެ، ދޮރު ތަޅުލިއެވެ.
ފަސްއެނބުރި އަހަންނަށް ބަލައިލުމާއިއެކު، ޔާނިޝް ސިހުނު ތަން ފެނުނެވެ. ޔަގީނުންވެސް އެވަގުތު އަހަރެން ހުންނާނީ، މީހަކު ނުސިހޭނެ ގޮތަކަށް ނޫނެވެ. ދުވަހަކު މީހަކާއި ދިމާއަށް ދެލޯ ނާޅާވަރަށް ޔާނިޝް އާއި ދިމާއަށް ލޯ އެޅީމެވެ. ނޭވާ އަވަސްވެފައިވާއިރު، ބަލާ މީހަކަށް ހީވާނީ ދެންމެ ދެންމެ އެމީހަކާއި ދިމާއަށް އަހަރެން ފުންމައިލަފާނޭ ހެންނެވެ.
ޔާނިޝް ބޯ ކަހައިލާފައި، ސިޑިން އަރަން ފެށިއެވެ. ފަހަތުން އަހަރެންވެސް ދިޔައީމެވެ. ޔާނިޝްގެ ފަހަތުން ކޮޓަރިއަށް ވަންގޮތަށް، ދޮރު ތަޅުލީމެވެ.
"ލެޓް މީ އެކްސްޕްލެއިން..." ޔާނިޝް ހިންދިރުވައިލިއެވެ.
ޔާނިޝް ހުރީ، ބިރުންކަން އެނގުމުން އިތުރު ހިތްވަރެއް ލިބުނެވެ. އަހަރެން އެދިޔަ ބާރުމިނުގައި ގޮސް، ޔާނިޝްގެ މޭގައި އަތް އެޅީމެވެ. ދެން ވީގޮތެއް ނޭނގުނެވެ. ދެ މީހުން އަރިއަޅާލައިގެން ވެއްޓުނީ އެނދުމައްޗަށެވެ.
(ނުނިމޭ)