މަޝްހޫރު ރިއޭލިޓީ ލަވަކިޔުންތެރިން އުފައްދާ މުބާރާތް "އެމެރިކަން އައިޑޮލް"ގައި މިދިޔަ އަހަރު، ރަނަރަޕްއަށް ދިޔަ 23 އަހަރުގެ ޒުވާނަކު މަރުވެއްޖެއެވެ.

އެމެރިކަން އައިޑޮލްގެ 19 ވަނަ ސީޒަންގައި މިދިޔަ އަހަރު ރަނަރަޕްއަށް ހޮވުނު ވިލިސް ސްޕެންސް މަރުވީ ކާރު އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކެއްގެ ސަބަބުންނެވެ.

އަންގާރަ ދުވަހު ހިނގި އެކްސިޑެންޓުގައި އޭނާ މަރުވެފައިވަނީ އޭނާ ދަތުރުކުރަމުން ދިޔަ ކާރު ޓްރެކްޓަރެއްގައި ޖެހިގެންނެވެ. އެ އެކްސިޑެންޓް ހިނގާފައިވަނީ އަންގާރަ ދުވަހު ހަވީރު 04:00 ހާ އިރެވެ. އޭރު އޭނާ ދަތުރުކުރަމުން ދިޔައީ ޓެނަސީއިން އޭނާ ދިރިއުޅޭ އެޓްލާންޓާއަށެވެ.

މި އެކްސިޑެންޓުގެ ސަބަބުން ވިލީ މަރުވިކަން ހާމަކޮށްފައިވަނީ ފަސް ވަނަ ސީޒަންގެ ބައިވެރިއެއް ކަަމަށްވާ ކެތުރީން މެކްފީއެވެ. ކެތުރީން އަކީ ވިލީ އާއެކު މިދިޔަ އަހަރުގެ މުބާރާތުގައި ގެސްޓެއްގެ ގޮތުގައި ބައިވެރިވެ ޑުއެޓް ކޮށްފައިވާ އާޓިސްޓެކެވެ.

ކެތުރީން ބުނިގޮތުގައި ވިލީ އާ އެކު ލަވަކިޔާލަން ލިބުނު ފުރުސަތަަކީ އޭނާއަށް ވަރަށް ހާއްސަ ފުރުސަތެއް ކަމަށެވެ.

ވިލީ އެމެރިކަން އައިޑޮލްއަށް އޮޑިޝަން ދިންއިރު އޭނާގެ އުމުރަކީ 21 އަހަރެވެ. އޭނާ ހޮވިފައިވަނީ ރިއާނާގެ "ޑައިމަންޑްސް"ގެ ރެންޑިޝަން އެއް ކިޔައިގެންނެވެ.