ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ފުޅާދާއިރާއެއްގައި އޭގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ ގދ. ހޯނޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދު ހައިކޯޓުގެ އަމުރަށް ހައްޔަރުކޮށްފައި ވަނިކޮށް އެ އަމުރާ ޚިލާފަށް އޭނާ ދޫކޮށްލަން ލިޔުން ތައްޔާރުކުރި ފުލުސް އޮފިސަރުގެ މައްސަލަ ބަލަން ޕީޖީ އޮފީހުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގައިފިއެވެ.

ހައިކޯޓުން ވަނީ އަރުޝަދު ލަންކާގައި ހުއްޓައި ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރެއް ނެރެފައެވެ. އަދި އެނާ ލަންކާއިން މަލެ ގެނެސް ބަންދާ މެދު ގޮތެއް ނިންމަން ހައި ކޯޓުގައި ތާވަލުކޮށްފައި ވަނީ ރޭ 19:45އަށެވެ.

ނަމަވެެސް ހައިކޯޓުން ބުނެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް އޮއްވައި، ރޭ ތާވަލުކުރި އަޑުއެހުމަށް އޭނާ ހާޒިރުވީ އަމިއްލައަށް ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ އެ މައްސަލައިގައި ދިވެހި ފުލުހުންގެ ޚިދުމަތުން އަމަލުކޮށްފައިވާގޮތް ހައިކޯޓުގެ އަމުރާ ޚިލާފު ކަމަށެވެ.

އަރުޝަދު ހައްޔަރުކުރުމަށް ހައިކޯޓުން އަމުރު ނެރުމާއެކު، އެ އޮފީހުން ގެންދިޔައީ އެކަމުގައި ޢަމަލުކުރަންވީގޮތުގެ އިރުޝާދު ދިވެހި ފުލުހުންގެ ޚިދުމަތަށް ދެމުން ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

"އަރުޝަދު ޚާލިދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު، އޭނާ ބަންދުން ދޫކޮށްލުމަށް މި އޮފީހުން އެއްވެސް އިރުޝާދެއް ދީފައި ނުވާނެއެވެ. އަދި އޭނާ ބަންދުން ދޫކޮށްލުމާ ގުޅޭގޮތުން ފުލުހުން މި އޮފީހުގެ ލަފަޔަކަށް އެދިފައިވެސް ނުވެއެވެ،" ޕީޖީ އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.

ބަންދުން ދޫކޮށްލި ކަމުގެ ލިޔުން އަރުޝަދަށް ދީފައި ވަނީ މައްސަލަ ތަހުގީގުކުރާ ފުލުސް އޮފިސަރާއި، ތަހުގީގުކުރި ޑިޕާޓްމަންޓަށް އެނގުމެއްނެތިކަމަށް އެ އޮފީހަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

"އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ އަމުރާ ޚިލާފަށް އަރުޝަދު ޚާލިދު ހައްޔަރުން ދޫކުރުމަށް ނިންމި، އަދި ހައްޔަރުން ދޫކޮށްލި ލިޔުން ތައްޔާރުކުރި ފުލުސް އޮފިސަރުންގެ މައްސަލަ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މި އޮފީހުން ވާނީ އަންގާފައެވެ. އަދި މިކަން ޕޮލިސް ބޯޑުގެ ސަމާލުކަމަށްވެސް ވާނީ ގެނެސްފައެވެ،" ޕީޖީ އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.

އެ މައްސަލައިގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންތަކެއް ގޯސްތަކެއް ހަދާފައިވީނަމަވެސް، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

އަރުޝަދުގެ މައްސަލައިގައި ފުލުހުންނަށް އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއެކު އެފަދަ މައްސަލަތަކުގައި އަމަލުކުރާ އުސޫލު މިއަދުން ފެށިގެން ވަނީ ބަދަލުކޮށްފައެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ފުޅާދާއިރާއެއްގައި އެތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުން ތުހުމަތު ކުރާ އަރުޝަދު ވަނީ 2020 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރު ކޮށްފައެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރި ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމާއެކު އޭނާ ވަނީ މިނިވަންވެފައެވެ. އެ މައްސަލަ ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

އޭގެފަހުން މަސްތުވާތަކެތީގެ އިތުރު މައްސަލައެއްގައި އޭނާ ހައްޔަރުކުރަން ބެލިއިރު ދުބާއީއަށް ގޮސް ވަނީ ފިލައިފައެވެ.

އެއީ މިދިޔަ އަހަރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބުރުޒުމަގުގައި ޕާކްކޮށްފައި އޮތް ޓެކްސީއަކުން އަތުލި މަސްތުވާތަކެތީގެ މައްސަލައެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ސައިކަލެއްގެ މަޑިދަށުން ވެސް މަސްތުވާތަކެތި ހޯދިއެވެ. އެ ހުރިހާ މަސްތުވާތެކެތީގެ ޖުމްލަ ބަރުދަން 100 ކިލޯއަށްވުރެ މައްޗެވެ.

އެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމަށްފަހު އަރުޝަދުގެ އިތުރުން އޭނާގެ ޑްރަގް ނެޓްވޯކްގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ މުޙައްމަދު އަކްރަމް އަބްދުލް ހަންނާން ވެސް ވަނީ ރާއްޖޭން ފުރައިގެން ގޮސްފައެވެ.