21 Oct 2022, 11:40
"އިމާމް އިބުން ގައްޔިމް ވިދާޅުވިއެވެ." ﷲއަށް ހަމްދުކުރުން މަތީގައި ދެމި ހުންނަ މީހަކަށް ހެޔޮކަމަކަށްފަހު ކަމެއް ހާސިލުވަމުން ދާނެއެވެ. އަދި އިސްތިޣުފާރުކުރުން މަތީގައި ދެމި ހުންނަ މީހާއަށް ބަންދުވެފައިވާ ދޮރުތައް ހުޅުވެމުން ދާނެއެވެ."
***
"ރަގަޅަށް ތިބުނީ. ހަގީގަތް ކިޔާދޭން ހިތަށް އެރީ....ރަވާންގެ ނަމުގައި ކައިދަންގެ ސިފައިގާ ހުރެ މިއަދު ބައްދަލުވީ ޖޯވިއަންއާއި.."
"އެވެސް ޖިންނިއެއްދޯ. ހިތަށް އެރިއޭ......ކޮން ހަގީގަތެއް ކިޔާދޭން ތިއައީ؟" ކައިދަން ރަވާންގެ ލޮލަށް ބަލައިލިއެވެ. ނަފްރަތުކުރާން އުޅުނަސް ހިތުގައިވީ ލޯތްބެވެ. ބުނަން ނޭގޭފަދަ ގާތްކަމެކެވެ. އެއްމާބަނޑު މީހަކު ދެކެ ވެވޭނެފަދަ ސާފު ތާހިރު ލޯތްބެކެވެ.
"މަންމަ ވިހެއީ ތިންކުދިން....ޖޯވިއަންއާއި ކައިދަންއަށް ޕްރެގްވެފައި ހުއްޓާ މަންމަ އެ ޕިކްނިކް ދަތުރު ފަޅުރަށަކަށް ގޮސް އަހަރެންގެ ބައްޕައާއި ދިމާވީ. އަހަރެންގެ ބައްޕަ ތަފާތު............"
"އެއްމާބަނޑު ކުދިންގެ ބައްޕަ ތަފާތުވާނެކަމަށް ގަބޫލެއްނުކުރެވޭ. އެއީ ކިހިނެއް އެކަށީގެންވާކަމެއް؟"
"އެއީ ނާދިރުވިޔަސް ނުވާކަމެއްނޫން. އަދި ޖިންނިއަކާއި މަންމަގެ................"
"ޖޯވިއަންގެ ލޮލުގައި ޖިންނި ގޮތެއް ހުރީ ދެން ކީއްވެތަ؟"
"ސަބަބަކީ އޭނަ ދިރިއުޅެން ބޭނުންވީ ޖިންނިންގެ ހިމާޔަތުގައި ކަމަށްވުން. ކައިދަންއާއި ތަފާތު. އޭނަ އަހަރެމެންނަށްވުރެ މާ ހިތްގަދަފަދަ. އޭނަ ހުރީ މަންމައަށް މާފުދޭގޮތަކަށް ނޫން ހުރީ. އަހަރެން ސީދާ ބައްޕަގެ ނަސްލު މަޚުލޫގަކަށްވިޔަސް މިހާރު މަންމައަށް މާފުދޭން ނިންމައިފިން. ސަބަބަކީ ވަރަށް އުދަގޫތައް ކުރެވިއްޖެ. މަންމަގެ ހާލުވެސް އޮޅުންފިލައިފި. އެހެންވެ ހަމްދަރުދީވީ.މަގޭ އިންސާނީ ސިފައެއް ލިބުނިއްޔާ އެއީ މީހުންނަށް އަޅާލާން ދަސްވިކަން..........."
"ޖޯވިއަން ދުނިޔެއަށް އުފަންވުމާއެކު ޖިންނިން އެ ކުއްޖާ ގެންދިޔައީ. އަހަންނާއި ކައިދަން މަންމަ ގާތަށް ދޫކޮށްފައި. ކައިދަންއާއި ޖޯވިއަންގެ ބައްޕައަކީ އިންސާނަކަށްވެފައި އިންސާނުންގެ ސިފަ ލިބުމާއެކު ދެބެން އެއްވެސް ތަފާތެއްނެތް. އަހަރެން ޖިންނިއަކަށްވީމަ ބައްޕައާއި ވައްތަރުވީ..އެހެންވީމަ މިހާރު ކައިދަންއަށް ޖޯވިއަންގެ ހަގީގަތް އެނގިއްޖެއެއްނު. އޭނައަކީ ސިހުރުވެރިއެއް.އެހާ ކުޅަދާނަ ސާހިރެއް ވާނެކަމެއް ނޭގޭ. އެތައް ބާރުގަދަ ޖިންނިންނެއް އަތްދަށުލައިގެން ޖޯވިއަން އުޅެމުންދަނީ ރަސްކަލެއްހެން. އޭނަ ބޭނުންވީ އާރާއި ބާރު އަދި ވެރިކަން. އެހުރިހާ އެއްޗެއް އޭނަ ހޯދައިފި. އެހެންވެ މިގޭގައި ޖިންނި ހަގުރާމައެއް ފެށުމުން ދުޝްމިނުން ބަލިކުރަން އޭނަ އެއައީ.. އޭނަ އެހުރިހާ ޖިންނިން އަންދާނެކަމާއިމެދު ޝައްކެއްނެތް، އަހަރެންގެ ބައްޕަވެސް މިހާރު ބޭނުންވަނީ އަހަރެން ގެންދަން....." ރަވާން ކައިދަންގެ ކޮނޑުގައި އަތް ބާއްވައިލިއެވެ."ވަރަށް ދެރަވޭ....އެކަމަކު އަހަރެންގެ ރައްކާތެރިކަމަށްޓަކާ އިތުރަށް މި ދުނިޔޭގައި ބަހައްޓަން ބައްޕަ ގަބޫލެއްނުވި..........."
"ކޮންތަނަކަށް ދާން ތިއުޅެނީ؟"
"އަހަރެމެންނަކީ އެހެން ގެލެކްސީއެއްގައި ދިރިއުޅޭ ބަޔެއް...އެންޑްރޮމެޑާ ގެލެކްސީ ފެންނަން އެއޮތީނު...." ކައިދަންއާއިއެކު ރަވާން ކުޑަދޮރުން ބޭރަށް ނިކުމެފައި އުޑަށް އިޝާރާތްކޮށްލައިފިއެވެ. ވިސްނުންތެރިކަމާއެކު އުދަރެހަށް ފޯކަސްކޮށްލުމުން ދުރުދުރުން އެކަތިގަނޑަކަށްވެފައިވާ ތަރިތައް ފަދައިން އެ އަނދިރި ރޭގަނޑުގެ އުޑުން އެ ގެލެކްސީ ފެނުނެވެ. އެ ހުދު ޖެލީގަނޑެއްފަދަ ތަންކޮޅަށް ނަޒަރު ހުއްޓާލައިގެން ގިނައިރުވި ވަރަކަށް އަލިގަދަވަމުން ދިޔައެވެ. އޭނައަށް މިހުރެވުނީ އަހަރެމެންގެ މިލްކީވޭ ނޫން އެހެން މަޑިކިލަނބަކަށްް ބަލަހައްޓައިގެންނެވެ. އެއްމާބަނޑު މަޚުލޫގުގެ ދުނިޔެއަކީވެސް އެއީއެވެ. ﷲގެ ކުޅަދުންވަންތަކަމާއެވެ.
"ޓޫ ޕޮއިންޓް ފައިވް މިލިއަން ލައިޓް ޔިއާސް ދުރުގައި އޮތް ގެލެކްސީއަކަށް އަލީގެ ސްޕީޑްގައި ދަތުރުކުރިޔަސް ކިހިނެއް އެ އާލަމަށް ގޮސް އައިސް ވާނީ؟" ކައިދަން ބުމަކައިރިކޮށްލިއެވެ." ތިކުރަނީ ސަމާސާއެއް ދޯ......"
"ނޫން...ޕޯޓަލް ހުރެއެއްނު.."
"ޝޯޓްކަޓް؟ލައިކް ވޯމްހޯލްސް؟" ކައިދަން ޝައުގުވެރިވިއެވެ. ލޮލުގެ ވިދުން އިތުރުވިއެވެ.
"ހޫމް. އެކަހަލަ މަގުން އަހަރެމެންނަށް އެ ދިގު ރާސްތާ ކަޑައްތުކޮށްލެވެނީ."
"އަހަރެން ގެންދަންވީނު....."
"އިންސާނުންނަށް ދިރިއުޅެވޭނެފަދަ މާހައުލެއްގައި އަހަރެމެން އުޅެނީ. އެކަމަކު ދަތުރުކުރުމުގައި އުދަގޫތަކެއް ކުރިމަތިވެދާނެ. ޖިންނިންގެ ދުނިޔެއަށްދާން ބޭނުމިއްޔާ ރަފާއިލް އާއި ލޫސިއެން މީރާންމެން އެ އުޅޭ ހިސާބަށް ދާންވީނު........އެެމެރަލްޑް ފަރުބަދައިގެ ބިއްދޮށުގައި އެ ފެމިލީ ގެ ރަސްކަމުގެ ބަޔެއް އޮވޭ. ވަގުތެއްވީމަ އަދި އަހަރެން ޒުވާނަކަށް ވީ ދުވަހަކުން ކައިދަން އެތަންތަަނަށް ގެންގޮސްދޭނަން. މިއީ ވައުދެއް.."ރަވާން ވައިގެ ތެރޭގައި ހުއްޓިލައިގެން ހުންނައިރު ފައިތިލަ ބިންމަތީގައި ނުޖައްސައެވެ. ޖައްވުގައި އުޅޭފަދައެވެ.
"އަހަރެންވެސް ޖިންނިއަކަށްވިނަމަ..."ކައިދަންއަށް ބުނެވުނެވެ.
"ޖިންނިއަކަށްވުމަކީ މޮޅުކަމެއް ނޫން. އަހަރެންގެ ހަށިގަނޑުގެ އެއްބައި ކަމަށް ދެކޭ ކުއްޖާ ވީމަ ސިއްރުކުރާކަށް ބޭނުމެއްނޫން. އަހަރެން ހިތަށް އަރާ އިންސާނަކަށްވިނަމައޭ. އެކަމަކު އެފަދަ ކަންތައްތައް ބަދަލެއްނުކުރެވޭނެ..."ރަވާން ގަހުގެ މައިގަނޑުގެ ތެރެއަށް ތަހައްލުލު ވެފައި އަލުން ފައުޅުވިއެވެ.
"އިންސާނެއްގެ ސިފައިގާ ހުރެ ބޭނުންހާ ކަމެއްކުރުމުގެ ފުރުސަތު އޮވެއެއްނު. ރަވާން. ތިބުނީ ތެދެއް. ﷲ ދުނިޔެއަށް ޖިންނިންނާއި އިންސިން އަދި ދިރޭ ހުރިހާ އެއްޗެއް ފޮނުއްވި ސަބަބަކީ އަޅުކަންކުރަން. އެމީހަކު އައި ސިފައަކަށް ޝުކުރުވެރިވެ ހަމްދުކުރަންވާނެ.ﷲ އެންމެ ރީތި ސިފައިވާ ހެއްދެވީ އިންސާނުން.ޖިންނިއަކަށްވާން ބޭނުމޭ ބުނި ބަސް އަނބުރާ ގެނެސްފިން. ރަވާން ދެން ހަމަ ދާނީތަ؟"ކައިދަން ގަހަށް ލެނގިލައިގެން ހުރެފައި އިސްތަށިގަނޑުގެ ތެރެއަށް އަތްމަހައިލިއެވެ. ދެން ރުޅިއަންނަގޮތްވެފައި ގޮށްމުށުގެ ހަމަލާއިން ގޮފިގަނޑު ހަލުވާލައިފިއެވެ.
"ކަންބޮޑުނުވޭ...އަހަރެން ނުގެއްލޭނެ އިންޝާﷲ...."
އެދިމާލަށް ޖޯވިއަން އަންނަތަން ފެނުމާއެކު ރަވާން އަދި ކައިދަންގެ ފުރިހަމަ ސަމާލުކަން އެދިމާލަށް ހުއްޓުނެވެ. ރަވާން ހުރީ ލާނެތް ހިންޏެއް އައިސްފައެވެ." ޖާވީ.ފައިނަލީ ޓްރިޕްލެޓްސް އެއްތަނަކުން ދިމާމިވީ، މެމަރީއަކަށް ސެލްފީއެއް ނަގަން ހިނގާ....................."
އެކަކަށްވެސް އަނގަ ހުޅުވައިލާނެ ވަގުތެއް ނުލިބި އުޅެނިކޮށް ރަވާން އަލީގެ ސްޕީޑްގައި އައިގޮތަށް ކައިދަންއާއި ޖޯވިއަން ކައިރިކޮށްފައި ތިންމީހުންގެ މޫނު ޖައްސައިގެން ތިބެ ސެލްފީނެގީ ކައިދަންގެ ފޯނުންނެވެ.
"ކައިދަން. ހާދަ މަޑު ހިތެއް ލިބިފައިވަނީ؟"
"ތިހެން ބުނީ އަހަރެން މަންމައަށް މާފުކޮށް އެކީގައި އުޅެން ބޭނުންވީމަ ކަން އެނގޭ. ސަބަބު ފޮރުވާކަށް ނެތިން. އަހަރެން ﷲއަށް ބިރުގަނޭ. ހެއްދެވި ފަރާތުގެ ރުހިވޮޑިގަތުން ހޯދަން ހަޔާތުގައި އަޅާ ކޮންމެ ފިޔަވަޅެއް ދެން އަޅާނީ. ޖޯވިއަން.ﷲއަށް އީމާންވެ ދީނަށް އުޅެންވީނު. އޭރުން ހިތުން ހުރިހާ ބޮޑާކަމެއް ފިލާ ހިތް ސާފުވެދާނެ. މަންމައަށް މާފުކޮށްދީ..މަންމައަށްވެސް ނުވިސްނުނީ. އިންސާނުންނަށް ވީމަ ކުށެއްކުރެވިދާނެ...................." ކައިދަން ބޯ ކަހައިލިއެވެ.
"ތެދެއް ޖޯވީ. މަ ވެސް މާފުކޮށްފިން. ޖިންނިއަކަށްވީއިރުވެސް މަގޭ ހިތްވެސް މާ މަޑު ދޯ. ކޮބާ ދުޝްމަނުން ނައްތާލެވިއްޖެތަ؟."
"ހަނގުރާމަ ކުރިއަށް އޮތީ.."
"ކާމިޔާބުވާނެ؟"
"އިންޝާﷲ...." ޖަވާބުދިނީ ކައިދަންއެވެ. ޖޯވިއަން އަނގަޔަށް ގޮތެއް ހަދައިލިއެވެ.
"ބައްޕަމެން އަހަރެން ބަލާ ފޮނުވައިފިއްޔާ ފިލަން މިގޮތަށް ހަދާނީ...." ރަވާން ކުއްލިއަކަށް ވައިގެ ތެރެއަށް ތަހައްލަލުވެ ދުންކޮޅެއްހެން އައިސް ކައިދަންގެ ކަންފަތުގެ ތެރެއަށް ވަދެފައި ދެން ފެނުނީ ލޮލުގެ ތެރޭ ހެވިލާފައި އިންދައެވެ. ޖޯވިއަންވެސް ސިހިފައި ފަހަތަށް ޖެހިލުމުން ކައިދަން ނުބައިގޮތަކަށް ހޭންފެށިއެވެ. އޭނަ ގައިގެ ތެރޭ އެވަގުތު ރަސްކަންކުރަނީ ރަވާންއެވެ.
"އިޓްސް ނޮޓް ފަނީ ރަވާން...ތިހެން އުޅެންޏާ ނާދެވޭގޮތަށް އެންޑްރޮމެޑާއަށް ފޮނުވައިލަން ޖެހިދާނެ އިނގޭ..." ޖޯވިއަން އިންޒާރުކުރިއެވެ. ރަވާން ފުންމައިގެން އައިގޮތަށް ޖޯވިއަންގެ ގައިގެ އެތަން މިތާ ތަޅައިގަތްގޮތުން ކައިދަންގެ ހިތަށް ބިރުވެރިކަން ވަދެ ދުރުކުރަންވެސް މަސައްކަތްކުރިއެވެ. ރަވާން ސަމާސާކުރަނީކަމާއި ޖޯވިއަންއަށް އެއެތިފަހަރުތަކުން އެއްވެސް އަނިޔާއެއް ނުލިބޭނެކަމެއް ކައިދަންއަކަށް ނުވިސްނުނެވެ.
***
"ރޯޒްމެހެލް"ޢަށް ޖެހިފައިވާ މުސީބާތުން ޖޯވިއަން އެއާއިލާގެ މެންބަރުން ސަލާމަތްކޮށްދިނެވެ. ރާހިލްއަށް ވަމުން އައިހާ އުދަގޫތައް ކެނޑި ގައިގާވާ ފާރުތައް އެއްކޮށް ފިލާ ހަންގަނޑު އޮމާންވިއެވެ. ރާހިލް ހެއްދެވި ފަރާތަށް ހަމްދުކުރިއެވެ. އޭނަ ބޭނުންވީ މަންމަގެ އުފަލަށްޓަކާ ކިޔެވުން ފުރިހަމަ ކުރުމަށް އެނބުރި ދިޔުމަށެވެ.
ރާހިލް ފުރަން ދަމުން މަންމައާއި ސަލާމްކޮށްލަމުން ބައްދައިލިއެވެ.
"ދަރިފުޅު އެންމެ ނަމާދެއްވެސް ދޫކޮށްނުލާތި. އެހެން ބުނީމަ ނިތްތަޅައިލާނީއެއްނޫން. ނަމާދު ގެ ވަގުތަށް ސަމާލުވެ ޚުޝޫއަތްތެރިކަމާއެކު ނަމާދުކޮށްފިއްޔާ އެހެން ފާފަތަކަށް އަރައިގަތުންކުޑަވާނެ. ތަގުވާވެރިކުއްޖަކަށް ވޭ. ޒިކުރުކުރާތި..."
މަންމަގެ އެ އަގުހުރި ނަސޭހަތުގައި ހިފަހައްޓަން ރާހިލް އަޒުމް ކަނޑައެޅިއެވެ.
***
ހަޒަލް ކާރުން ފޭބުމުން ކައިދަންގެ އުނގުގައި އިން ސޫފީ އަޑުކޮޅަށް "މަންމި ލަވް ޔޫ"އޭ ބުނެލުމުން ހަޒަލްގެ ހިތް ފުރި ބަންޑުންވާވަރުވިއެވެ. އެނބުރިއައިސް ބޮޑުދޮނެއް ދީފައި ހިނގައިގެންފާ އެނބުރި ބަލައިލިއިރު ކައިދަންވެސް ބަލަހައްޓައިގެން އިނީ ލޯބިން ފުރިގެންވާ ނަޒަރަކުންނެވެ. ދުލުން ނުބުނިކަމުގައި ވިޔަސް ކައިދަންގެ އަމަލާއި ވާހަކަތަކުން އޭނަ އަޅާލާވަރާއި ލޯބިވާވަރު ހަޒަލްއަށް އިހުސާސްކުރެވެއެވެ. އެއް އިރެއްގައި ބަދަލު ހިފުމުގެ ރޫހުގައި އަޔަސް ހަގީގަތުން ފަރުދާ ކެހުނުއިރު ކައިދަންވެސް ވަނީ ބަދަލުވެފައެވެ. ހަޒަަލްއަށް އެވަރު ފުދެއެވެ. އޭނައަށް ވުރެ މޮޅަށް ކިޔެވުން މުހިއްމެއްނޫނެވެ. ކައިދަން ނުކިޔަވާ ހުރި މީހެކޭ މޮޔައެކޭ ބުންޏަސް އެއީވެސް އޭނައަށް މައްސަލައެއް ނޫނެވެ. ޑިގްރީތައް ހާސިލްކޮށްފައިވާ މީހުންނަށްވުރެ ކައިދަން ދުނިޔެއަށް ލޯ ހުޅުވިފައިވާވަރު ކުޑައެއް ނޫނެވެ.
"ހަޒަލް ތިގެއިން ޖިންނި އަވަލައިގެން އުޅުނީ ކައިދަންއާއިތަ؟ ނޫނީ ރާހިލްއާއިތަ؟" ހަޒަލްގެ އެކުވެރި ޑޮކްޓަރަކު ސުވާލުކުރިއެވެ."ކައިދަން ނުފެންނަ މީހުންނާއި ވާހަކަދައްކަނީޔޯ.................."
"ގޭގައި ސިހުރުގެ މައްސަލައެއް އުޅުނު. ރާގީއެއް ގެނެސް ކިޔެވުމުން އެ އުދަގޫތައް ފިލައިފި. ޖިންނިންގެ ކިބައިން ސަލާމަތްވާން ދީނުގައި މަގުދައްކަވާފައި އެބައޮތް. އެހެން ނޫޅެވެނީ. ގެއިން ނިކުންނައިރު ކިޔާ ދުޢާއެއް އޮވޭ. ބިސްމި ކިޔާފައި ދޮރު ލައްޕަން އޮވޭ. ދެއިރު ޒިކުރުކުރަންވެސް އޮވެއެއްނު. އެފަދަ ކަންތައްތަކުން ރައްކާތެރިކަން ހޯދައިގެން ތިބެންވީ..."ހަޒަލްގެ ލޮލުގައިވި އުފާވެރިކަމާއި ވިދުން އެހެން މީހެއްގެ ލޮލަކުން ނުފެނެއެވެ.
ހަޒަލްގެ ފަރާތުން އިވުނީ ޑޮކްޓަރ ހީކުރިފަދަ ޖަވާބެއް ނޫނެވެ.
ހޮސްޕިޓަލް ތެރެއިންވެސް ދޭތެރެއަކުން ހަޒަލް އަޑުއަހަން ބޭނުންނުވާ ވާހަކަތަކާއި ނުރުހެވޭ ވާހަކަތައް އިވުނަސް އޭނަ ދިނީ ބީރު ކަންފަތެކެވެ. ބަޔަކު ވާހަކަދެއްކިޔަސް އޭނަގެ ކަރާމާތަކަށް އުނިކަމެއް އަންނަވަރުގެ ވާހަކަތަކެއް ކަމަށް ގަބޫލުނުކުރެވެނީއެވެ. އިންސާނުން ގިނަފަހަރު އެގޮތަށް ބޭކާރު ވާހަކައިގާ ވަގުތު ދުއްވާލައެވެ. އެވަގުތުކޮޅުވެސް ޒިކުރުކޮށްލާނެނަމައެވެ. ފައިދާ ހުރިކަމެއްގައި ހޭދަކުރިއްޔާ މާރަގަޅުވާނެކަމުގައި ހަޒަލް ދެކުނެވެ.
ކައިދަން ރަށުގައި ހޮޓަލާއި ރެސްޓޯރެންޓެއް އަޅައިގެން ވިޔަފާރި ފެށުމާއެކު އެންމެނަށް ހައިރާންކަމެއް ލިބި އަނގަތައް ބަންދުވިއެވެ. އެއީ މާލޭގެ މަޝްހޫރު ވިޔަފާރިވެރިއެއްގެ ދަރިއެއްކަމާއި އެހޮޓަލަކީވެސް ކުންފުނީގެ ގޮތްޕެއްކަން އެންމެނަށް އެނގުމާއެކު ވާހަކަތައް ތަފާތުވިއެވެ. ކައިދަން އަކީ ނުކިޔަވާ ހުރި މޮޔައެކޭ ބުނި މީހުންނަށް މިހާރު ކައިދަން ވަރެއްނެތެވެ. ފައިސާ ހުރެއްޖެއްޔާ އެންމެންވެސް ފަހަތުން ދުވާނެކަން ސާބިތުކޮށްދީފިއެވެ. އެހެން ބުނި މީހުންނަށް އެ ރެސްޓޯރެންޓުން ނޫނީ ކެވޭކަމަކަށްވެސް ނުވިއެވެ. ކައިދަންއަށް ކިތަންމެ ވަރަކަށް ތައުރީފުކުރިޔަސް ކައިދަންގެ ހުންނަ ސާދާކަމާއި ހިތްތިރިކަމަކަށް ބަދަލެއް ނާދެއެވެ. އޭނަ ބޮޑަށް ބަލަނީ އަޅުކަމަށް ވަގުތު ހޯދުމަށެވެ.
***
ދެއަހަރު ފަސް
ކައިދަންއާއި ހައިސަމް ޖައިޝް އަދި ރާހިލް މަސްޖިދުލް އަލް ޚާތޫން އިން ނިކުމެގެން އައީ ތަރާވީސް ނަމާދަށްފަހުގައެވެ. ރޯޒަލީއާއި ހިލްމާ މިދިޔަ އަހަރު ހައްޖުގެ އަޅުކަމަށްފަހު މިފަހަރު ރަމަޟާންމަހު އުމްރާވުމަށްގޮސް ވީ މައްކާގައެވެ. ދަރިންގެ ފަރާތުން މައިންނަށްޓަކާ ކޮށްދެވޭނެ ހުރިހާ ކަމެއް ފުރިހަމަކޮށްދޭން އެކުދިން ތިބީ އަޒުމް ކަނޑައަޅައިގެންނެވެ. ޖައިޝްވެސް މަންމަ ކުރި ކުށަށް މާފުދިނެވެ. ކަން ހިނގިގޮތް އެނގުމާއެކު މަންމަގެ އަތުން އެއިން އެއްވެސް ކުއްޖަކު މަރުނުވިކަން އެނގުމުން ބުނަން ނޭގޭފަދަ ހިތްހަމަޖެހުމެއް ލިބުނެވެ. ޖައިޝް އެހެން ކުދިންނަށްވުރެ މަންމައާއި ގުޅުން ރަގަޅުކުރިއެވެ. މަންމައާއި ދުރުން ހުރެވުނު ދުވަސްތަކުގެ ބަދަލުގައި އެދުވަސްތައް ހަމަކުރަން އުޅުނުފަދައެވެ.
"އަދިވެސް ޖޯވިއަން ހަމަ ސިހުރަކުން އަރައިނުގަނޭ ދޯ...."
"މަންމަ ހައްޖު ދަތުރުގައިވެސް އެންމެ ގިނަ ދުޢާކުރީ އޭނައަށް. ހިދާޔަތް ދެއްވުމަށް އެދި.....ޖޯވިއަން ވަކިވެގެން ދަމުން ބުނީ އަހަންނަށްޓަކާ ހަށި ފާރަވެރިއެއް ބަހައްޓާފައޯ ދާނީ. އެކަމާ ވަރަށް ހިތްހަމަނުޖެހުނު. ﷲގެ ރައްކާތެރިކަމުން ފުދެޔޯ ބުނީމަވެސް އެ ޖޯވިއަން ފޮނުވައިގެން އުޅޭ މަޚުލޫގެއް އަބަދު ކައިރީގައި ހުންނަކަމުގެ އިހުސާސްކުރެވޭ. ނުރައްކަލެއްވަންޏާ ސަލާމަތްކުރަން އެ އެއްޗެއް ހުރޭ....މަގޭ ހުއްދަ އޮވެގެނެއްނޫން..ކަންތައް ހިނގާފައިވާ ގޮތުން ޖިންނިންނާއި ދުރުން އުޅެވޭކަށްވެސް ނެތް. ސަބަބަކީ ޖިންނި ބްރަދާއެއް ހުރީމަ...................." ކައިދަންގެ ވާހަކަ އެހިސާބަށް ދިޔަތަނާ ހިޔަންޏެއް އެމީހުން ގާތުން ހުރަސްކުރިއެވެ. މަޑުމަޑު ހުނުމެއްގެ އަޑު އިވުނުހެން ހީވިއެވެ.
"ވަޓް؟ ފެނުނުތަ؟"ޖައިޝް ލޯ ބޮޑުކޮށްލިއެވެ.
އެންމެނަށް ޝޮކެއްލިބުނެވެ. ކައިދަން ބުނީ ދޮގެއް ނޫނެވެ.
"ރަވާންތަ؟"
"ނޫން. އެއީ ރަވާންއެއްނޫން. ޖޯވިއަން ފޮނުވާފައި ހުރި މީހާ...."
ވާހަކަދައްކަމުން ގެއާއި ހަމަޔަށް ދިޔައިރުވެސް ލޮލަށް ނުފެނުނަސް ފަހަތުން އަންނަކަން އެނގުނެވެ.
***
ހައިސަމް އާއި ޚަލީސީ ތުއްތު ދަރިފުޅުގެ ގާތުގައި އޮށޯވެލައިގެން ތިއްބެވެ."މަންމަ އަހަރެން މިގެއިން ނެރެލާވަރަށް ނަފްރަތުކޮށްފައި މިހާރު އެންމެ ލޯބިވާ މީހަކީވެސް މަންމަ ކަން ނޭގޭ. އެހާ ހެޔޮ މައިދައިތައެއް މީހަކަށް ނުލިބޭނެ. ހާދަ ނަސީބު ރަގަޅޭ........."
"ރަގަޅުކުދިންދެކެ އެންމެންވެސް ލޯބިވާނެ." ހައިސަމް ޚަލީސީގެ ކުޑަ ނޭފަތުގައި ހިފައިލިއެވެ.
"ބޭބީ........" ކުއްލިއަކަށް ސޫފީ ދޮރު ހުޅުވައިލިގޮތަށް ދުވެފައި އަންނަނިކޮށް ފެނުނެވެ. ސޫފީ އެތުއްތު ދަރިފުޅާއިހެދި މޮޔަވާވަރުވެއެވެ. އެހެން މީހަކު އަތްލިޔަސް ރުޅި އަންނާނެއެވެ. ސޫފީދެކޭގޮތުގައި އެއީ އޭނަގެއެވެ. އެހެން މީހަކަށް އަތްލުމުގެ ހައްގެއްވެސް ނެތެވެ." މައި ބޭބީ...."
"އޯކޭ ޑާލިން..އަވަހަށް އާދޭ. ސޫފީ ނުފެނިގެން ކޮއްކޮ ހޯދާތާ ވަރަށް ގިނައިރުވެއްޖެ..." ޚަލީސީ ސޫފީ އެނދަށް އަރުވާފައި އުނގުގައި ބޭއްވުމުން ލޯބިން ބަލަން އިނެވެ. މަޑުމަޑުން ގައިގާ ފިރުމާފައި ދޮނެއް ދީފައި އުޅޭގޮތުން ޚަލީސީ އުފަލުން ފެންކަޅިވިއެވެ. ކުޑަކުދިން އުޅޭލެއް ލޯބިކަމާއެވެ. ފަސްމިނިޓް ނުވަނީސް އެމާ ފޯނު ހިފައިގެން އައިސް ހައިސަމްއަށް ގޮވިއެވެ."ރާހިލް އެބަ ގޮވާ ދޮންބެއަށް......މަންމަމެން އަންނަންވާއިރަށް މާ މީރު އެއްޗެއް ހަދައިގެން އެބައުޅޭ........"
"ހޭއި ދޮންބެ ދައްތި. ވަރަށް ސަޅި ލެކްޗާއެއް ފޮނުވިން. އިންސްޕަޔަރިންކަމުން އެއްކޮށް މީހާ ޗޭންޖްކޮށްލާނެ. ބަލައްޗޭ.." އެމާ އެނދަށް އަރާ ކުޑަދެކުދިންގެ ގައިގާ މަޑުމަޑުން ބައްދައިލިއެވެ."މަގޭ ފުރާނައާއި ހިތް.......ލަވްބާޑްސް...ޝުގާޕްލަމްސް. މޮޑެލައިގެން ކާލަން ބޭނުމީ......"
***
ރޯޒަލީއާއި ހިލްމާ އުމްރާގެ އަޅުކަން އަދާކޮށްފައި އައިއިރު ހުރިހާ ކުދިން އެއާޕޯޓުން މަރުހަބާކިއެވެ. ގެއަށް އައުމުންވެސް ލިބުނީ އިތުރު އުފަލެކެވެ. ރާހިލް ކައްކާފައި ހުރިލެއް މީރުކަމުން އެންމެންވެސް ތައުރީފުކުރިއެވެ. ޑޮކްޓަރަކަށް ވުމުގެ ބަދަލުގައި މޮޅު ކައްކާއަކަށްވުމަކީވެސް ޝަރަފެކެވެ.
"ފެމިލީ ފޮޓޯއެއް ނަގަންވާނެ ދޯ..." ރާހިލް ކެމެރާ ސްޓޭންޑް ހިފައިގެން ނުކުތީ ބަގީޗާތެރެއަށެވެ. ހުރިހާ އެންމެންވެސް ގަސްތަކުގެ ތެރެއަށް ނުކުމެ ފޮޓޯއަށް ތައްޔާރުވަމުން ދިޔައިރު ކައިދަންއަށް ތަންކޮޅެއް ދުރުން މީހަކު ފެނުނުގެން ހީވިއެވެ. ރަވާންއާއި ވައްތަރުވީ ހީލިގޮތުންނެވެ. ރަވާން ފެނުމާއެކު ކައިދަންގެ ހިތުގައި އުފާވެރިކަމުގެ ވިންދުޖަހައިލިއެވެ. ޖިންނިންގެ ދުނިޔެއާއި ގުޅި ލާމެހިފައިވަނީ ވަކިވެވެން ނެތް ރޮދިފަށަކުންނެވެ. ރަވާން ނުފެނި މިހާ ދުވަސްވީތީ ހިތުގައި ޝަކުވާވެސް އުފެދުނެވެ. ފޮޓޯ ނެގިއިރު އެއްވެސް މީހަކަށް ކަމެއް ފާހަގަނުކުރެވުނެވެ. އެންމެ ކުރިން ލޮލުގައި އަޅައިގަތީ ރާހިލްއަށެވެ. ކައިދަންގެ ކޮނޑަށް އަތް އެއްލާލައިގެން ހުރި އިސްކޮޅުން ދިގު ޒުވާނާ ފެނުނީ ހިޔަންޏެއްފަދައިންނެވެ. ރަވާންއާއި ނުލާ އާއިލާ ފުރިހަމަނުވާނެތީ އޭނަ އައީކަން ނޭގެއެވެ.
ކައިދަންއާއި ސޫފީ އިޝާ ނަމާދަށްފަހު ގަސްތަކުގެތެރޭގައި ހިނގައިލަން އައިއިރު ބަގީޗާގައިވި ހޮޅިބުރީގެ އަލި ކޮންމެވެސް ވަރަކަށް އެޅިފައި އޮތެވެ. ގަހުގެ ފުރަގަހުން ރަވާން ނުކުމެގެން އައިތަން ފެނުމާއެކު ސޫފީ ކުޑަކުއްޖެގެ ޖޯޝާއި ލޯތްބާއެކު ރަވާންއާއި ދިމާލަށް ދުއްވައިގަތެވެ.
"އަންކަލް...އަންކަލް...."ދެވަނަ ސިކުންތުކޮޅުގައި ސޫފީ ހުރީ ރަވާންގެ ކަނދުރާގައި އެލިގެންނެވެ."ސުޕަމޭން......."
ކައިދަން ކުޑަކޮށް ލޯ އަޅައިލިކަމުގައިވިޔަސް ލޮލުން އުފާވެރިކަން ފެނުނެވެ. ރަވާންއަކީ އޭނަގެ ހަޔާތުގެ އެއް ބަޔެވެ. އޭނައާއި ނުލާ ދިރިއުޅުމުގެ އުފާތައް ފުރިހަމައެއްނުވާނެއެވެ. ޖޯވިއަންވެސް ކޮންމެވެސް ދުވަހަކުން އެ އަނދިރިގަނޑުން ނިކުމެ އަލިކަމުގެ ރާސްތާ ޚިޔާރުކުރުމަކީ އޭނަގެ އެދުމެވެ. އިސްލާމީ ނޫރުން އެހިތް ބަބުޅާނެ ދުވަހަކަށް އޭނަ އިންތިޒާރުކުރެއެވެ.
ރޯޒްމެހެލްއަށް ވެރިވެފައިވާ ކަޅު ވިލާގަނޑުގެ ހިޔަނި ނެގި އާ ފަތިހަކަށް އަލިވިލިއްޖެއެވެ.
ނިމުނީ