13 Oct 2022, 16:57
އެމެރިކާގެ ޓެކްސަސްގެ ސެން އެންޓޯނިއޯގައި ކާރެއްގެ ތެރޭގައި ބާގާއެއް ކާން އިން 17 އަހަރުގެ ފިރިހެން ކުއްޖެއް ގަޔަށް ފުލުހަކު ބަޑިޖެހި މައްސަލައެއް ހޫނުވެއްޖެއެވެ.
މި މަހުގެ ދެވަނަ ދުވަހުގައި ހިނގި އެ ހާދިސާގައި އުމުރުން 17 އަހަރުގެ އެރިކް ކާންޓޫ ގަޔަށް އެތައް ފަހަރަކު އެ ފުލުސް މީހާ ވަނީ ބަޑި ޖަހާފައެވެ. އެއާ ގުޅިގެެން އެރިކްގެ ހާލު ވަރަށް ސީރިއަސްވެ އޭނާ ލައިފް ސަޕޯޓަށް ވެސް ވަނީ ލައިފައެވެ.
އެ މައްސަލައިގައި ޝާމިލުވާ ފުލުސް މީހާ ޖޭމްސް ބްރެނަން މިހާރު ހުރީ ސެން އެންޓޯނިއޯގެ ޖަލުގައެވެ. އެގްރެވޭޓެޑް އެސޯލްޓްގެ ޗާޖު އޭނާގެ މައްޗަށް ކޮށްފައިވާއިރު އެ ދުވަހު ކަންތައް ވެގެން ދިޔަ ގޮތް ބްރެނަންގެ ބޮޑީ ކެމް އިން ފެނެއެވެ.

މައްސަލާގައި ހިމެނޭ ފުލުސް އޮފިސަރު-- ފޮޓޯ: ސީއެންއެން
ހާދިސާ ހިނގި ރެސްޓޯރެންޓެއް ކައިރިއަށް ބްރެނަން ގޮސްފައިވަނީ އޭނާ އަށް ލިބުނު ޝަކުވާއަކާ ގުޅިގެންނެވެ. އެތަނުން އޭނާއަށް އެރިކްގެ ކާރު ފެނެއެވެ. ބްރެނަންއަށް ހީވި ގޮތުގައި އެ ކާރަކީ އޭގެ ދެ ދުވަސްކުރިން ފުލުހުން ކައިރިން މީހަކު ފިލުމަށް ބޭނުން ކުރި ކާރެކެވެ.
އެ ކާރު ކައިރިއަށް ދިޔަ އިރު އެރިކް އިނީ އޭގެ ތެރޭގައި ބާގާއެއް ކާންށެވެ. އަދި ބްރެނަން އެ ކާރު ކައިރިއަށް ދިޔައިރު އެރިކް ކާރު ފަހަތަށް ޖަހަނީއެވެ. އަދި ކާރު ދުއްވާލަން އުޅުމާއެކު ބްރެނަން ވަގުތުން ބަޑިޖަހައެވެ. އެގޮތުން ފަސް ފަހަރެއްގެ މަތިން ކާރަށް ބަޑި ޖަހައެވެ.
ފުލުހުންގެ ޗީފް ވިލިއަމް މެކްމޭނަސް ވިދާޅުވި ގޮތުގައި އަންގާރަ ދުވަހު ބްރެނަން ވަނީ އަމިއްލައަށް ފުލުހުންގެ ބެލުމުގެ ދަށަށް ގޮސްފައެވެ.
އޭނާ ވިދާޅުވިގޮތުގައި އެ ކާރުގައި އިތުރު މީހެއް ވެސް އިނެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.
މި މައްސަލައިގައި އެރިކްގެ ހާލު ސީރިއަސްވެ މަރުވެއްޖެ ނަމަ ބްރެނަންގެ މައްޗަށް މީހަކު މަރާލި ކަމުގެ ދައުވާ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.