ތިން ރަށެއްގެ ފުޓުބޯޅަ ދަނޑު ތަރައްގީކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

ޔޫތު މިިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްްމިއްޔާތެއްގައި ދެ ރަށެއްގެ ފުޓުބޯޅަ ދަނޑުތައް ތަރައްގީކުރުމަށް ދަނޑުގައި ލައިޓުޖެހުމަށް ވަނީ ބަޔަކާ ހަވާލުކޮށްފައެވެ. އަދި ކ. ހުރާގެ ފުޓުބޯޅަ ދަނޑުގައި ސަބްބޭސް އުޅުމަށް ވެސް ވަނީ ބަޔަކާ ހަވާލުކޮށްފައެވެ.

އެގޮތުން އދ. މާމިގިލީ ދަނޑުގައި ލައިޓު ޖެހުމަށް ފިއުޗާ ހޯމްސް ޕްރައިވެޓް ލިމިޓެޑާ ވަނީ ހަވާލުކޮށްފައެވެ. އެ ކުންފުންޏާއެކު ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު މުހައްމަދެވެ. އަދި ފިއުޗާ ހޯމްސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ އަބްދުﷲއެވެ. އެ އެއްބަސްވުމުގެ ދަށުން 2.8 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ އެ މަޝްރުއު 20 ދުވަސް ތެރޭގައި ނިންމަން ޖެހެއެވެ.

ކ. ގުރައިދޫ ފުޓުބޯޅަ ދަނޑުގައި ލައިޓްޖެހުމަށް ވެސް ހަވާލުކޮށްފައިވަނީ ފިއުޗާ ހޯމްސް ޕްރައިވެޓް ލިމިޓެޑާއެވެ. އެ މަޝްރޫއާއު ކުރިއަށް ގެންދިއުމަށް މިނިސްޓްރީގެ ފަރާތުން އަހުމަދު ސޮއި ކުރެއްވިއިރު ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އަލީއެވެ. އެ މަސައްކަތް ވެސް ހަވާލުކޮށްފައިވަނީ 2.8 މިލިއަން ރުފިޔާގެ އަގަކަށް 20 ދުވަސްތެރޭގައި ނިންމާ ގޮތަށެވެ.

ކ. ހުރާގެ ފުޓުބޯޅަ ދަނދުގައި ސަބްބޭސް އެޅުމަށް ސީއޭއެމް ފައިވް ސްޓާ ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމުގައި ސޮއި ކުރަނީ--- ފޮޓޯ/ ޔޫތު މިނިސްޓްރީ

ކ. ހުރާގެ ފުޓުބޯޅަ ދަނޑުގައި ސަބްބޭސް އެޅުމަށް ހަވާލުކޮށްފައިވަނީ ސީއޭއެމް ފައިވް ސްޓާ ޕްރައިވެޓް ލިމިޓެޑަށެވެ. އެ މަޝްރުއު ކުރިއަށް ގެންދިއުމަށް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު މުހައްމަދެވެ. އަދި ސީއޭއެމް ފައިވް ސްޓާގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފިނީގެ ޑިރެކްޓަރު އަހުމަދު އާސިފެވެ. އެ މަސައްކަތަކީ 50 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ މަސައްކަތަކަށްވާއިރު އެ މަސައްކަތުގެ އަގަކީ 2.2 މިލިއަން ރުފިޔާއެވެ.