އޯޕެކް ޕްލަސް އިން ތެޔޮ އެކްސްޕޯޓް ކުރާމިންވަރު ދެ އިންސައްތައަށް ދަށްކުރަން ނިންމުމާ ގުޅިގެން އެމެރިކާއިން ސައޫދީއަށް ވަނީ ވަރުގަދަ އިންޒާރެއް ދީފައެވެ.

ސައޫދީން ވަނީ މި އިންޒާރު ބަލައިނުގަންނާނެ ކަމަށް ބުނެފައެވެ. ސައޫދީ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއް ބުނާގޮތުން ތެޔޮ އެކްސްޕޯޓް ކުރާމިންވަރު ދެ އިންސައްތައަށް ދަށްކުރަން އޯޕެކް ޕްލަސް އިން ނިންމީ ވަކިގައުމަކަށް ފައިދާ ހޯދައިދީ ބައިނަލްއަގްވާމީ އަރާރުތަކުގައި ވަކިކޮޅަކަށް ޖެހުމުގެ ވިސްނުމުގައެއް ނޫނެވެ.

މިކަމުގައި އެމެރިކާ ސައޫދީގެ މައްޗަށް ކުރާ ތުހުމަތުތައް ގަބޫލު ނުކުރާނެ ކަމަށާއި އެމެރިކާއިން އިންޒާރު ދިންނަމަވެސް އެކަމުގައި ސައޫދީ ގެންގުޅޭ ސިޔާސަތަށް ބަދަލެއް ނުގެނެވޭނެ ކަމަށް ވެސް ސައޫދީގެ ބަޔާން ބުނެއެވެ.

އޯޕެކް ޕްލަސް އަކީ ތެޔޮ އެކްސްޕޯޓްކުރާ ގައުމުތަކުގެ ޖަމްއިއްޔާ އޯޕެކްގެ އިތުރުން އޯޕެކްއާއެކު މަސައްކަތްކުރާ ތެޔޮ އުފައްދާ އިތުރު އަށް ގައުމު ހިމެނޭ ބްލޮކެކެވެ. އޯޕެކްގައި ހިމެނޭ 13 ގައުމުގެ ތެރެއިން އެންމެ ނުފޫޒު ގަދަ ގައުމަކީ ސައޫދީ އަރަބިއްޔާއެވެ. އޯޕެކް ޕްލަސްގައި ހިމެނޭ އަށް ގައުމުގެ ތެރެއިން އެންމެ ނުފޫޒުގަދަ ގައުމަކީ ރަޝިއާއެވެ.

އޯޕެކް ޕްލަސް ޖަމާއަތަށް ބަލާއިރު އެ ޖަމާއަތުން އެންމެ ގިނައިން ތެޔޮ އުފައްދައި އަދި ތެޔޮ އެކްސްޕޯޓް ކުރާ ދެ ގައުމަކީ ސައޫދީ އަރަބިއާއި ރަޝިއާއެވެ. އޯޕެކް ޕްލަސް އިން ތެޔޮ އެކްސްޕޯޓް ކުރާމިންވަރުގެ ތެރެއިން ދުވާލެއްގެ މައްޗަށް ދެ މިލިޔަން ފީފާގެ ތެޔޮ މަދުކުރަން މި ހަފުތާގެ ކުރީކޮޅު އެ ޖަމާއަތުން ނިންމީ ތެޔޮ އުފައްދާ މިންވަރު އިތުރުކޮށްދިނުމަށް އެދި އެމެރިކާއިން ސައޫދީ އަރަބިއާއަށް ވަރަށް ބޮޑަށް އާދޭސް ކުރަމުން ގެންދަނިކޮށެވެ.

މުހައްމަދު ބިން ސަލްމާން އާއި ޕޫޓިން އާ ސިއްރު ގުޅުންތަކެއް އޮންނަކަމަށް އެމެރިކާ ތުހުމަތު ކުރޭ

މި މައްސަލާގައި އެމެރިކާގެ ބަސް ނޭހުމުން އެމެރިކާ ވަނީ ސައޫދީ ދެކެ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ. ސައޫދީ މަސައްކަތް ކުރަނީ ރަޝިއާގެ މަސްލަހަތަށް ކަމަށް އެމެރިކާއިން ތުހުމަތު ކުރެއެވެ. މިއީ މިވަރުގެ ތުހުމަތެއް ސައޫދީގެ މައްޗަށް އެމެރިކާކުރި ފުރަތަމަ ފަހަރެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް ގެ ތަރުޖަމާން ބުނެފައި ވަނީ ސައޫދީން އަމަލުކުރީ އެމެރިކާގެ މަސްލަހަތަށް އެއްވެސް ވަރަކަށް ރިއާޔަތް ނުކޮށް ކަމަށެވެ. ސައޫދީ މަސައްކަތްކުރީ އެމެރިކާގެ ދުޝްމަނުން (ރަޝިއާ) ގެ މަސްލަހަތަށް ބަލައިގެން ކަމަށް ބުނެ ސައޫދީއާއެކު އެމެރިކާ ބާއްވާ ގުޅުންތައް އަލުން މުރާޖަޢާ ކުރާނެކަމުގެ އިންޒާރު ވައިޓް ހައުސްގެ ތަރުޖަމާން ވަނީ ދެއްވާފައެވެ.

ރައީސް ޖޯ ބައިޑެން ވެސް ވަނީ މި މޭރުމުން ވާހަކަ ދައްކަވާފައެވެ. އަދި އެމެރިކާގެ ކޮންގްރެސްގެ ބައެއް މެންބަރުން ވެސް ވަނީ ސައޫދީގެ ހިމާޔަތުގައި ބައިތިއްބާފައިވާ އެމެރިކާގެ ލަޝްކަރުތަކާއި ސައޫދީގައި ރުކުރުވާލާފައިވާ އެމެރިކާގެ މިސައިލް އައްޑަނައިގެ ނިޒާމުތައް ވެސް ސައޫދީން ބޭލުމަށް ގޮވާލާފައެވެ.

މީގެ އިތުރުން ކޮންގްރެސްގެ ބައެއް ހަރުކަށި މެންބަރުން ވަނީ އެމެރިކާގެ ހަތިޔާރު ސައޫދީއަށް ވިއްކުން މަނާކުރާ ގަރާރެއް ކޮންގްރެސް އަށް ހުށަހެޅުމަށް މަސައްކަތްކުރާނެ ކަމަށް ވިދާޅުވެ ވަރަށް ރުޅިގަދަވެގެން ސައޫދީއަށް ތަފާތު އިންޒާރުތައް ވެސް ދެއްވާފައެވެ.

ތެޔޮ އެކްސްޕޯޓް ކުރާމިންވަރު ދެ އިންސައްތައަށް ދަށްކުރަން އޯޕެކް ޕްލަސް އިން ނިންމީ އެޖަމާއަތުގެ 23 ގައުމުގެ ތެލާބެހޭ ވަޒީރުންގެ އިއްތިފާގުންނެވެ.

އެމެރިކާ ދެކޭގޮތުގައި އޯޕެކް ޕްލަސްގެ މިނިންމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވަމުންދާއިރު މިކަމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ ޔޫރަޕަށާއި އެމެރިކާއަށެވެ. ހުރިހާ ފައިދާއެއްވާނީ ރަޝިއާ އަށެވެ. އެއީ ރަޝިއާއަކީ އިންތިހާއަށް ތެޔޮ އެކްސްޕޯޓް ކުރާ ގައުމަކަށްވެފައި ތެލުގެ އަގު ބޮޑުވުމުން ރަޝިއާ އަށް ބޮޑު އާމްދަނީ އެއްލިބޭނެތީއެވެ.

އޯޕެކް ޕްލަސްގެ މިނިންމުމާއެކު ރަޝިއާ އިގްތިސާދީ ގޮތުން އިނދަޖައްސާލުމަށް އެމެރިކާ ކުރާ މަސައްކަތްތައް މިހާރަށް ވުރެވެސް ބޮޑަށް ފޭލްވާނެކަން އެމެރިކާއަށް އެނގެއެވެ. އަދި ރަޝިއާގެ ބަދަލުގައި އިގްތިސާދީ ގޮތުން އިނދަޖެހޭނީ ޔޫރަޕްގެ ގައުމުތައް ކަމަށާއި ކައިރި މުސްތަގްބަލެއްގައި ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހޭނެކަން އެމެރިކާއަށް ކަށަވަރުވެއެވެ.

ނަމަވެސް މި މައްސަލާގައި ސައޫދީ އޮތީ އެމެރިކާ ދޭ އިންޒާރުތަކަށް ބޯލަނބާ ގޮތަކަށް ނޫނެވެ. އެއީ ތެލުގެ އަގު ބޮޑުވުމުން ޚުދު ސައޫދީއަށް ވެސް އާދަޔާ ޚިލާފު ބޮޑު އާމްދަނީއެއް ލިބޭނެތީއެވެ.

ޔޫއޭއީގެ ރައީސް ޝައިޚް މުހައްމަދު ބިން ޒާޔިދު ރަޝިއާއަށް އަންގާރަ ދުވަހު ވަޑައިގެން ޕޫޓިން އާ ބައްދަލު ކުރައްވަނީ

މީގެ ކުރިން ސައޫދީއަކީ އޯޕެކްގެ ނިންމުންތަކުގައި އެމެރިކާ އެދޭ ގޮތަށް ކަންތައް ކުރާގައުމެވެ. ފާއިތުވި ފަސްދޮޅަހަކަށް އަހަރު ތެރޭގައި ސައޫދީ ނިންމުންތައް މުޅިން ވެސް ނިންމާފައި ވަނީ އެމެރިކާގެ މަސްލަހަތަށް އިސްކަންދީގެންނެވެ. ތެޔޮ އުފައްދާ މިންވަރު މަތިކުރުމަށް އެމެރިކާ އެދޭނަމަ ސައޫދީގެ މަސްލަހަތަށް ގެއްލުންވިޔަސް އެކަން ސައޫދީން ކޮށްދެއެވެ.

އެމެރިކާއިން އިސްރާއީލަށް އެހީތެރިވެ އަރަބިންގެ ބޮލަށް ބޮންއަޅައި ފަލަސްތީނުގެ ހައްގުތަކަށް އަރައިގަތަސް އެކަމަށް އަޅާނުލައި ކަނު ލޮލަކާއި ބީރު ކަންފަތެއް ދީގެން ސައޫދީ މަސައްކަތް ކޮށްދީފައި ވަނީ އެމެރިކާގެ މަސްލަހަތަށެވެ. އެމެރިކާ ދެކޭގޮތުގައި ސައޫދީ އަބަދުވެސް އޮންނާނީ އަދި އޮންނަން ޖެހެނީވެސް މިގޮތުގައެވެ. އެމެރިކާއަށް ސިހުން ލިބިގެން އުޅެނީ އަދި ހަޖަމު ނުވެގެން މިއުޅެނީ ސައޫދީ ގެ ސިޔާސަތަށް އައި މިބޮޑު ބަދަލުގެ ސަބަބުންނެވެ.

ސައޫދީގެ ސިޔާސަތަށް ބަދަލުއައި ސަބަބުތަކުގެ ތެރޭގައި އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން، ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާންއަށް އިހާނާތް ކުރައްވައި ޖަމާލް އަލްޚާޝުގްޖީގެ މަރުގެ ފަހަތުގައިވަނީ މުހައްމަދު ބިން ސަލްމާން ކަމަށް ތުހުމަތުކުރެއްވުން ފަދަ ކަންކަން ފާޅުގައި ކުރެއްވުމާއި ސައޫދީ ބޭނުންވާ ނިއުކްލިޔާ ޓެކްނޮލޮޖީ އެމެރިކާގެ ފަރާތުން ނުލިބުމުން އެޓެކްނޮލޮޖީ ރަޝިއާއިން ސައޫދީއަށް ފޯރުކޮށްދޭން ފެށުން ފަދަ ކަންކަން ހިމެނެއެވެ.

މީގެ އިތުރުން ދުނިޔޭގެ ޖިއޮޕޮލިޓިކަލް މަސްރަހުގައި އެމެރިކާގެ ބާރު ކުޑަވެ ޗައިނާ، ރަޝިއާ އަދި އިންޑިއާ ފަދަ ގައުމުތަކުގެ ބާރުގަދަވަމުންދާކަން ސައޫދީއަށް އެނގުމާ ސައޫދީގެ ތެޔޮ އެންމެ ގިނައިން ގަންނަ ގައުމުތަކުގެ ތެރޭގައި މިހާރު އެމެރިކާ ނުހިމެނުމާ އަދި ސައޫދީގެ މައި ވިޔަފާރި ޕާޓްނަރަކީ ވެސް އެމެރިކާގެ ބަދަލުގައި ޗައިނާ ކަމަށް ވުން ފަދަ ކަންކަން ވެސް ސައޫދީގެ ސިޔާސަތަށް ބަދަލު ގެނައުމުގެ ތެރޭގައި ހިމެނެއެވެ.

އަނެއްކޮޅުން ސައޫދީއަށް ހަތިޔާރު ނުވިއްކާނެ ކަމަށް ބުނެ އެމެރިކާއިން ބިރު ދެއްކި ނަމަވެސް އެމެރިކާގެ ހަތިޔާރު ވިއްކުމަށް ސައޫދީ ވަރުގެ އެހެން ބާޒާރެއް އެމެރިކާއަށް ނުލިބޭނެކަން ސައޫދީއަށް އެނގެއެވެ. އެމެރިކާ ސައޫދީއަށް ހަތިޔާރު ނުވިއްކައިފިނަމަ އެތަން ރަޝިއާއާއި ޗައިނާ މެދުވެރިކޮށް ފޫބެއްދޭނެއެވެ. އެހެންވެއްޖެނަމަ އެމެރިކާއަށް ޖެހޭނީ ނޯށުން ރޯންކަން ސައޫދީ އަށް އެނގުމަކީ މިކަމުގައި ސައޫދީއަށް ލިބޭ ހިތްވަރެކެވެ.

މިކަންކަން މިގޮތަށް ހުރުމުން އެމެރިކާ ސައޫދީއަށް ދައްކާ ބިރުތަކަކީ ބިލާހެއްކަމާއި އެކަންކަން އެމެރިކާއަށް އަމަލީގޮތުން ތަންފީޒު ކުރަން ނުކެރޭނެކަން ސައޫދީއަށް ވަރަށް ރަނގަޅަށް އެނގެއެވެ. މިއަދު ސައޫދީ އަކީ ކުރީގެ ސައޫދީ އެއްނޫނެވެ. އަދި އެމެރިކާއަކީ ވެސް ކުރީގެ ސޮވިއެޓް ޔުނިޔަން ރޫޅިގެން ދިޔައިރު މުޅި ދުނިޔެއަށް ބާރު ފޯރުވެފަދަ ހާލަތުގައި އޮތް ބާރާއި ނުފޫޒުގަދަ އެމެރިކާއެއް ނޫނެވެ. ހާލަތު މުޅިން ބަދަލުވެއްޖެއެވެ.

އެމެރިކާގެ ބާރު ކުޑަވަމުންދާ މިންވަރު އީރާނުގެ ހާލަތަށް ބަލާލިޔަސް އެނގެއެވެ. އީރާނާ ދެކޮޅަށް ފިޔަވަޅުތައް އަޅައިގެން އީރާން އިދަޖައްސާލުމަށް އެމެރިކާ ކުރި ހުރިހާ މަސައްކަތެއް ވަނީ ނާކާމިޔާބުވެފައެވެ. ރަޝިއާއަށް ބެލިނަމަވެސް ރަޝިއާ އިގްތިސާދީ ގޮތުން އިދަޖައްސާލެވޭހާ ބާރު މިހާރު އެމެރިކާގައި ވެސް އަދި ޔޫރަޕްގައި ވެސް ނެތްކަން ޔުކްރެއިން ހަނގުރާމައިގެ ހާލަތުން ވަނީ މުޅި ދުނިޔެއަށް ސާބިތުވެފައެވެ.

ޔުކްރެއިން މައްސަލާގައާއި އުތުރުކޮރެއާގެ މައްސަލާގައި އެމެރިކާ ބޭނުންވާ ގަގާރުތައް އދ. ގެ ސަލާމަތީ މަޖިލީހުން ފާސްނުވެގެން އެމެރިކާ އދ. ގައި އުޅެންޖެހިފައިވާ ނިކަމެތި ހާލަތުން ވެސް ދުނިޔޭގެ މަސްރަހުގައި އެމެރިކާގެ ބާރު ކުޑަވެފައިވާ މިންވަރު ވަނީ ހާމަވެފައެވެ. އެހެންކަމުން ހަމައެކަނި އެމެރިކާއަށް ބަރޯސާވެގެން ސަލާމަތް ނުވެވޭނެކަމާއި އެހެން ބާރުތައް ވެސް ދުނިޔޭގައި ކުޅިޖަހައި ކުޅި ހަމަކުރަމުން ގެންދާއިރު ކުރީގެ ބޯދާ ސިޔާސަތުތަކަށް ބަދަލުތައް ގެންނަން ޖެހޭނެކަން ސައޫދީއަށް ވެސް މިހާރު އެނގޭކަން މި ދަނީ ހާމަވަމުންނެވެ.

އޯޕެކް ޕްލަސްގެ ނިންމުމަށްފަހު ޔޫއޭއީގެ ރައީސް ޝައިޚް މުހައްމަދު ބިން ޒާޔިދު އާލު ނިހްޔާން ވަނީ ރަޝިއާއަށް ވަޑައިގެން އެމެރިކާގެ މައި ދުޝްމަން ކަމަށްވާ ޕޫޓިން އާ ބައްދަލުކުރައްވާފައެވެ. މިދަތުރުފުޅުން މުހައްމަދު ބިންޒާޔިދުވެސް އެމެރިކާއަށް އެ ދެއްވަނީ ވަރުގަދަ މެސެޖެކެވެ.