ފާއިތުވި 50 އަހަރުވެސް ނާރާވަރުގެ ބޮޑު ރާޅެއް އަރައި އދ. ދިގުރަށަށް ބޮޑެތި ގެއްލުންތަކެއް ވެެއްޖެއެވެ.

ދިގުރަށު ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް އަބްދުއްރަހީމް "ސަން"އަށް ވިދާޅުވީ އެރަށަށް އުދައަރަން ފެށީ ރޭ ދަންވަރު 1:30 ހާއިރު ކަމަށެވެ. އެވަގުތުން ފެށިގެން ހަތަރެއް ޖަހަންދެން އެކި ފަހަރުމަތިން އެރަށަށް ރާޅު އެރި ކަމަށް އޭނާ ވިދާޅުވިއެވެ.

"ފާއިތުވި 50 އަހަރުގެ ތެރޭގައި ވެސް މިވަރުގެ ރާޅެއް މިރަށަކަށް ނާރާ. އެރާޅު މި ރަށު މީހުންނަށް ސިފަވީ ސުނާމީއެއްގޮތަށް،" ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އުދައަރައި އެރަށަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށެވެ. އެގޮތުން އެރަށުގެ ބައެއް ގެތަކަށް ފެންވަދެފައިވާއިރު، މަގުތައް ވެސް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް އިބްރާހީމް އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭގެއިތުރުން ވަރަށް ގިނަ އޮޑިދޯނި ފަހަރާއި ޑިންގީ ތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ.

"ބައެއް ދޯނިތަކުގެ ވާތައް ކަނޑައިގެން ގޮސް ހުންގާނު ވަނީ ހަލާކުވެފައި. ބައެއް ދޯނިތަކުގެ ފަހަތް ވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި. އެ ދޯނިތައް ވަނީ ވަރަށް ބޮޑު މަރާމާތެއް ކުރަންޖެހިފައި،" އިބްރާހީމް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެރަށަށް ލިބުނު ގެއްލުންތައް ބެލުމަށް ކައުންސިލުން ވަނީ ޚާއްސަ ކޮމިޓީއެއް ވެސް އެކުލަވާލައިފައެވެ. ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ ލިބުނު ގެއްލުންތަކުގެ ތަފްސީލު އެނގޭނީ އެ ކޮމިޓީގެ މަސައްކަތްތައް ނިމުމުން ކަމަށެވެ.

މޫސުން ގޯސްވެ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ދިޔަވަރު ބޮޑުވެ، އުދައެރުވުމުގެ ފުރުސަތު އެބައޮތް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން މިއަދު ވަނީ ބުނެފައެެވެ.

ދިގުރަށަކީ 700 އަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.

މެޓް އޮފީހުން ބުނީ އިއްޔެއަށް ވުރެ މިއަދު މޫސުން ގޯސްވާނެކަމަށެވެ. އަދި ކުރިއަށްއޮތް 24 ގަޑިއިރުތެރޭ އާދަޔާ ޚިލާފަށް ކަޑުގަދަވާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

އެގޮތުން ބޯކޮށް ވާރޭވެހި، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކޮށްފައި ވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް ވެސް ލަފާކޮށްފައި ވެއެވެ.