13 Oct 2022, 14:14
އާމްދަނީއަށް ބަލައި ދުނިޔޭގެ ގައުމުތައް ބަހާލެވޭ ދަރަޖަތަކުގެ ތެރެއިން މަދުން އާމްދަނީ ލިބޭ ގައުމަކަށް ސްރީލަންކާ ހަދަން އެގައުމުގެ ކެބިނެޓުން ފާސްކުރި ނަމަވެސް އެފަދަ ބަދަލެއް ނުގެންނާނެ ކަމަށް ރައީސް ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.
މިދިޔަ އަންގާރަ ދުވަހު ލަންކާގެ ކެބިނެޓުގެ ތަރުޖަމާނު ވިދާޅުވީ އެގައުމުގެ އިގުތިސާދީ ދަރަޖަ ދަށް ކުރަން ނިންމީ ގައުމަށް ފައިސާ ލިބޭނެ ގޮތްތައް ފަހި ކުރުމަށް ޓަކައި ކަމަށެވެ.
ނަމަވެސް ރަނިލްގެ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ ލަންކާ މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމެއްގެ ގޮތުގައި ދެމި އޮންނާނެ ކަމަށެވެ. ނަމަވެސް އެންމެ ފަގީރު ގައުމުތަކަށް ލޯނު ފޯރުކޮށްދޭ އިންޓަނޭޝަނަލް ޑެވެލޮޕްމެންޓް އެސޯސިއޭޝަން (އައިޑީއޭ)ގެ ލޯންތައް ލިބޭނެ ގޮތެއް ހޯދައި ދިނުމަށް ވޯލްޑް ބޭންކްގައި އެދޭނެ ކަމަށް އެ ބަޔާނުގައިވެއެވެ.
ވޯލްޑް ބޭންކްގެ ދަށުން ހިންގާ އައިޑީއޭއިން އެންމެ ފަގީރު ގައުމުތަކަށް އެހީވުމަށް ޓަކައި އިންޓްރެސްޓް ދަށް ލޯނުތަކާއި ހިލޭ އެހީ ފޯރުކޮށްދެއެވެ.
ލަންކާގެ ކެބިނެޓުން އެގައުމުގެ ދަރަޖަ ބަދަލު ކުރަން އެދުމާ ބެހޭ ގޮތުން ވޯލްޑް ބޭންކުން އަދި އެއްޗެކޭ ބުނެފައި ނުވެއެވެ. ނަމަވެސް ލަންކާއާ މަޝްވަރާ ބައްދަލުވުންތައް ބާއްވަމުން ދާނެ ކަމަށާއި އެންމެ ބޮޑު އިސްކަމެއް ދެނީ ގައުމުގެ ދަރަނި އަދާ ކުރުމަށާއި އިގުތިސާދީ ހާލަތު ރަނގަޅު ކުރުމަށް ކަމަށް، ކޮލޮމްބޯގައި ހުންނަ ވޯލްޑް ބޭންކްގެ އޮފީހުން ވަނީ ބުނެފައެވެ.
ލަންކާގެ އިގުތިސާދު މިދިޔަ އަހަރު ހުރީ 89 ބިލިއަން ޑޮލަރުގައެވެ. އަދި މިއަހަރު އެގައުމުގެ އިގުތިސާދު 75 ބިލިއަން ޑޮލަަރަށް ދަށްވާނެ ކަމަށް ލަފާކޮށްފައިވާ އިރު، ބޮލަކަށް ޖެހޭ އާމްދަނީއަކީ 3،400 ޑޮލަރެވެ.
ވޯލްޑް ބޭންކުން މަދުން އާމްދަނީ ލިބޭ ގައުމުތަކުގެ ގޮތުގައި ކަނޑައަޅަނީ ބޮލަކަށް ޖެހޭ އާމްދަނީ 1،085 ޑޮލަރުގައި ހުންނަ ގައުމުތަކެވެ.
ސްރީލަންކާ އިގްތިސާދީ ގޮތުން ބޮޑު އަނދަވަޅަކަށް ވެއްޓުމަށް މެދުވެރިވި ސަބަބަކީ ކޮވިޑުގެ ބަލިމަޑުކަމާއެކު، ސްރީލަންކާގެ ބޯޑަރުތައް ބަންދުކުރުމުގެ ސަބަބުން ފަތުރުވެރިން އައުން ހުއްޓި، ބޭރު ފައިސާ ވަނުން މަދުވުމުންނެވެ.
މީގެ އިތުރުން، މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭ އެ ގައުމަށް ބޭރުން ގަސްކާނާ އެތެރެ ކުރުން މަނާ ކުރުމާއެކު، ދަނޑުވެރިކަމުގެ ސިނާއަތް ހީނަރުވެ، އެކްސްޕޯޓް އާމްދަނީ ވަނީ އެތައް ގުނައެއް ދަށްވެފައެވެ. އެހެންކަމުން އެ ގައުމަށް ތެލާއި، އަސާސީ އެހެނިހެން ބާވަތްތައް އެތެރެކުރުމަށް ދަތިވެ، ތަކެތީގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.