ހެންވޭރު ރޯޝަނީ މަގުގައި ހުރި ގެއަކުން ދުން އަރާކަމަށް ފުލުހުންނަށް ރިޕޯޓުކުރުމުން ގޮސް ބެލިއިރު، އެ ގޭގައި ބަނގުރާ ކައްކަނީކަމަށް ފުލުހުން ބުނެފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ އެ ގެއިން ދުން އަރާކަމަށް ފުލުހުންނަށް ރިޕޯޓު ލިބުނީ މިއަދު ހެނދުނު 06:12 ހާއިރު ކަމަށެވެ. އަދި ފުލުހުންނާއި އެމްއެންޑީއެފުން ގޮސް ދޮރުގައި ތެޅުމުން އެއްވެސް ޖަވާބެއް ނުލިބުމުން ބާރުގެ ބޭނުންކޮށްގެން ދޮރު ހުޅުވީކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެގެއަށް ވަނުމުން، އެގެއިން ދުން އަރަމުން ދިޔައީ ބަނގުރާ ކައްކާތީކަން އެނގުނު ކަމަށެވެ. ބަނގުރާ ކެއްކުމަށް ބޭނުންކުރާ ގިނަ ސާމާނު އެގެއިން ފެނިފައިވެއެވެ.

އެ މައްސަލައާ ގުޅިގެން އެގޭތެރެއިން ވަނީ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައެވެ.

"މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން،" ފުލުހުން ބުންޏެވެ.

ރާއްޖޭގައި ބަނގުރާ ކެއްކުމުގެ މައްސަލަތަކުގައި މީގެކުރިން ވެސް ފުލުހުން ބައެއް މީހުން ހައްޔަރުކޮށްފައިވެއެވެ.