03 Apr 2012, 15:15
މި މަހުގެ 14 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކ. ކާށިދޫ އާއި ގާފަރު ދާއިރާގެ ގޮނޑީގެ އިންތިޚާބުގެ ސެކިއުރިޓީ ކަންތައްތަކާ ގުޅޭ ގޮތުން ކަމާ ގުޅޭ ފަރާތްތަކާ ފުލުހުން ބައްދަލުކޮށްފި އެވެ.
ފުލުހުން ބުނީ އިއްޔެ ގާފަރުގައި ބޭއްވި އެ ބައްދަލުވުންތަކުގައި އެ ރަށުގެ ކައުންސިލާއި، އިލެކްޝަނާ ގުޅޭ ފަރާތްތަކާއި އެ ރަށުގައި ކެމްޕޭން ކުރަމުންދާ ކެނޑިޑޭޓުންގެ ކެމްޕޭން ޓީމްތަކާ ބައްދަލުކުރި ކަމަށެވެ. އަދި އެ ބައްދަލުވުންތަކުގައި ކެމްޕޭން ކުރުމުގެ ވާދަވެރިކަމުގެ ތެރެއިން އެ ރަށުގައި ހިނގާ އެކިއެކި ކަންތައްތަކާ ގުޅޭ މަޢުލޫމާތު އެފަރާތްތަކުން ފުލުހުންނާ ހިއްސާ ކުރި ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ކެމްޕޭންކުރުމުގެ ތެރޭގަޔާއި ވޯޓްލާ ދުވަހު ވެސް އިންތިހާބްގެ ސެކިއުރިޓީ ކަންތައްތަކުގައި ހަރަކާތްތެރިވާ ފުލުހުންނަށް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން މި އިންތިހާބުގައި ވާދަކުރައްވާ ފަރާތްތަކުގެ ކެމްޕޭން ޓީމްތަކުން ފުލުހުންނަށް ދީފައިވާ ކަމަށެވެ. އަދި އިންތިޚާބްގެ ދުވަސްވަރު ފުލުހުން ގާފަރުގައި ތިބުމަށް ކަނޑައަޅާފައިވާ ތަންތަނާއި ވޯޓްފޮށި ބަހައްޓަން ކަނޑައެޅިފައިވާ ސަރަހައްދަށް ޒިޔާރަތްކޮށް، ބޭނުންވާ މަޢުލޫމާތު ވެސް ހޯދާފައިވާނެ ކަމަށް ފުލުހުން ބުނެ އެވެ.