ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބާސާއާއި އިންޓަމިލާންގެ ކުރިމަތިލުން އެއްވަރުވެ ޗެމްޕިއަންސް ލީގުގައި ކުރިއަށްދިއުމަށް ބާސާއަށް ހާސްކަން ކުރިމަތިވެއްޖެއެވެ.

ބާސާގެ އަމިއްލަ ދަނޑުގައި ރޭ އިންޓައާ ދެކޮޅަށް ކުޅުނު އެ މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

އެ މެޗުގައި ދެ ޓީމުގެ ފަރާތުން ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ވަނީ ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ 16 ވަނަ މިނެޓުގައި އިންޓަގެ އެޑިން ޒެކޯ ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އޭނާ ބޮލުން ފޮނުވާލި އެ ހަމަލާގެ ހުރަހަކަށްވީ ގޯލުގެ މަތީ ދަނޑިއެވެ.

މެޗުގެ 26 ވަނަ މިނެޓުގައި ބާސާގެ އޮސްމާނޭ ޑެމްބެލޭ ވެސް ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އޭނާ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ އިންޓަމިލާންގެ ގޯލްކީޕަރު އަންދްރޭ އޮނަނާއެވެ.

އިންޓަ މިލާނުން ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ --- ފޮޓޯ/ ޗެމްޕިއަންސް ލީގް

މެޗުގެ 35 ވަނަ މިނެޓުގައި ބާސާގެ ރަފީނިއާއަށް ވަނީ މެޗުގެ ލީޑުނަގާނެ ހުސް ފުރުސަތެއް ލިބިފައެވެ. ރޮބާޓް ލެވަންޑޯސްކީ ނަގައިދިން ހުރަސް ހުސްކޮށްހުރެ އޭނާ ފޮނުވާލި ނަމަވެސް އެ ބޯޅަ ގޯލާ އަމާޒުވާގޮތެއް ނުވިއެވެ.

އެހެންނަމަވެސް ސާޖިއޯ ރޮބާޓޯ ތަވަނަސްކުރި ފުރުސަތެއްގެ ބޭނުންހިފައިގެން ޑެމްބެލޭ ވަނީ މެޗުގެ 40 ވަނަ މިނެޓުގައި ބާސާއަށް ގޯލު ހުޅުވައިދީފައެވެ.

އެ ނަތީޖާއާއެކު މެޗުގެ ފުރަތަމަ ހާފު ނިމުނު ނަމަވެސް ދެވަނަ ހާފު ފަށައިގެން އިންޓަގެ ކުޅުން ރަނގަޅުކޮށް ހާފުގެ ކުރީކޮޅު އެ ޓީމުން ވަނީ ގޯލެއް ޖަހައިފައެވެ. މެޗުގެ 50 ވަނަ މިނެޓުގައި އަލެސެންޑްރޯ ބަސްޓޯނީގެ އެހީތެރިކަމާއެކު އިންޓައަށް އެ ގޯލު ޖަހައިދިނީ ނިކޮލޯ ބަރެލާއެވެ.

ޗެމްޕިއަންސް ލީގުގައި ބާސާއާއި އިންޓަ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ޗެމްޕިއަންސް ލީގް

މެޗުގެ 63 ވަނަ މިނެޓުގައި އިންޓާއިން ވަނީ އިތުރު ގޯލެއްޖަހައި މެޗުގެ ލީޑު ފުރަތަމަ ފަހަރަށް ނަގައިފައެވެ. ޗަންގްލޫގެ ހަކަން ޗަނޮނޮގްލޫގެ އެހީތެރިކަމާއެކު އެ ގޯލު ޖަހައިފައިވަނީ ލައުޓާރޯ މާޓިނޭޒްއެވެ.

ނަމަވެސް މެޗުގެ 82 ވަނަ މިނެޓުގައި ލެވަންޑޯސްކީ ވަނީ ބާސާއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. އޭނާ ޖެހި ގޯލަކީ އިންޓަގެ ޑިފެންސް ލައިނުން ހެދުނު ގޯހެއްގެ ބޭނުންހިފައިގެން ޖެހި ގޯލެކެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް މާޓިނޭޒް ތަނަވަސްކުރި ފުރުސަތެއްގެ ބޭނުން ހިފައިގެން ރޮބިން ގޯންސެންސް ވަނީ އަލުން އިންޓައަށް ލީޑު ނަގައިދީފައެވެ.

ނަމަވެސް މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ބާސާއިން ވަނީ ގޯލެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ގޯލަކީ އެރިކް ގާސިއާ ނަގައިދިން ހުރަހަކުން ލެވަންޑޯސްކީ ބޮލުން ޖެހި ގޯލެކެވެ.

ބާސާއިން ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ

އެ ނަތީޖާއާއެކު މެޗު ނިމުމުން ޗެމްޕިއަންސް ލީގް ގުރޫޕް ސީގެ ދެވަނަައިގައި އިންޓަ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ހަތް ޕޮއިންޓާއެކުއެވެ. އަދި ތިން ވަނައިގައި ބާސާ އޮތީ ހަތަރު ޕޮއިންޓާއެކުއެވެ. 12 ޕޮއިންޓާއެކު އެ ގްރޫޕްގެ އެއްވަނަ ބަޔާނަށް ލިބޭއިރު ގްރޫޕް ފުލުގައި ވިކްޓޯރިއާ ޕްލެޒެން އޮތީ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.

އެ ދެ ޓީމު ރޭގައި ވަނީ ކުޅެފައެވެ. އެ މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބަޔާންއިންނެވެ.

އެ މެޗުގައި ބަޔާންގެ ހަތަރު ގޯލު ވެސް ޖަހައިފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. ފަހު ހާފުގައި ވިކްޓޯރިއާގެ ކުޅުން ރަނގަޅުކޮށް އެ ޓީމުން ވަނީ ދެ ގޯލު ޖަހައި މެޗުގެ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.