މިއަހަރު ނެރުނު ބޫލު ބުލައްޔާ 2 ފިލްމު ބިރުވެރިކަމުން ނުބެލުނު ކަމަށާއި އެ ފިލްމުގެ ބޮޑު ބައި ބެލީ ދެލޮލުގައި އަތްއަޅައިގެން ކަމަށް ކެޓްރީނާ ކެއިފް ބުނެފިއެވެ.

އިންޑިއާގެ ނޫސް، ޕިންކްވިލާއަށް ދިން އިންޓަވިއުއެއްގައި ބޮލީވުޑް ތަރި ކެޓްރީނާ ކެއިފް ބުނީ މިއަހަރު ނިކުތް ބޫލު ބުލައްޔާ ފިލްމަކީ ބިރުވެރި ފިލްމެއް ކަމަށާއި އެ ފިލްމުގައި ކޮމެޑީ ބައި ހިމެނުނު ކަމުގައިވިޔަސް ފިލްމު ބެލި އިރު އިނީ އަބަދު ބިރުން ކަމަށެވެ.

ފިލްމުގައި ހިމެނޭ ތަރި ތައްބޫގެ ރޯލު ފެންނަ އިރު ވެސް ބިރު ގަނެފައި އިންނަ ކަމަށާއި އެ ރޯލަކީ މަޖާ ބައެއް ދައްކުވައިދޭ ގޮތައް އުފައްދާފައިވާ ބައެއް ނަމަވެސް ވަރަށް ބިރުގަތް ކަމަށް ކެޓްރީނާ ބުންޏެވެ.

ކެޓްރީނާ އެންމެ ފަހުން ކުޅުނު ފިލްމު ފޯން ބޫތުގެ ޝޫޓިންގެ މަސައްކަތް ނިމިފައިވާއިރު އެ ޝޫޓިންގެ ތަޖުރިބާ ބިރުވެރިތޯ އެހުމުން ބުނީ އެ ފިލްމުގައި ޖިންނިގެ ރޯލު ކުޅެނީ އޭނާ ކަމުން އަމިއްލަ މީހާ ދެކެ ބިރު ނުގަންނަ ކަމަށެވެ.

"އެ ފިލްމުގައި ޖިންނިއަކީ އަހަރެން. އެެހެންވީމަ ބިރެއް ނުގަންނާނެއެއްނު. އެހެން މީހުން ބިރު ގަންނަވަން އަންނަ އިރު މިއީ ޖިންނިއެކޭ ކިޔާފައެއް ނޫން އަންނަނީވެސް. އެހެންވީމަ ބިރެއް ނުގަނޭ،" ފޯނު ބޫތު ފިލްމާ ގުޅޭގޮތުން ކެޓްރީނާ ބުންޏެވެ.

އިތުރަށް ބުނީ މި ފިލްމަކީ ކޮމެޑީ ބައި މާ ބޮޑަށް ހިމެނޭ ފިލްމެއް ކަމަށެވެ.

ނޮވެމްބަރު މަހު ފަހުކޮޅު ނެރެން ތާވަލުކޮށްފައިވާ މި ފިލްމުން ކެޓްރީނާގެ ތަފާތު ރޯލެއް ފެންނައިރު މިއީ އޭނާ ކައިވެންޏަށްފަހު ނެރޭ ފުރަތަމަ ފިލްމެވެ. ގުރްމީތު ސިންހް ޑައިރެކްޓުކޮށް އެކްސެލް އެންޓަޓެއިންމަންޓުން ޕްރޮޑިއުސްކުރާ މި ފިލްމުގެ ޕްރޮޑަކްޝަންގައި ރިތޭޝް ސިދްވާނީ އާއި ފަރްހާން އަހްތަރު ބައިވެރިވެއެވެ.